އުރީދޫއިން ރާއްޖޭގެ ފުރަތަމަ ވާޗުއަލް ދުވުން "އަތޮޅު ރަން" އިއުލާންކޮށްފި

ނޮވެމްބަރ 30، 2019: ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން، އުރީދޫ ކަލާރަން 2019ގެ ތެރެއިން: ކޮވިޑާ ގުޅިގެން މިއަހަރު އުރީދޫ އަހަރީ ދުވަސް ފާހަގަކުރަން ކަލާ ރަންގެ ބަދަލުގައި އޮންނާނީ "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ރަންއެއް-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އުރީދޫ މޯލްޑިވްސްއިން "އަތޮޅު ރަން"ގެ ނަމުގައި ވާޗުއަލް ދުވުމެއް މިއަދު އިއުލާނުކޮށްފި އެވެ.

އުރީދޫގެ 15ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދުވުމުގެ މި ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ދުވުމެވެ.

އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ބާއްވަން ރާވާފައިވާ މި ދުވުމުގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫއިން ބުނީ "އަތޮޅު ރަން" ކުރިއަށްދާއިރު މީސްމީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. އެހެންކަމުން މި ދުވުން ވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ދުވުމަކަށް ކަމަށް އުރީދޫއިން ބުނެ އެވެ.

މި ހަރަކާތާ ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ދަނޑިވަޅުގެ ގޮތުން މި ދުވުން ވާޗުއަލް ގޮތެއްގައި ރާވާފައިވަނީ ގައިދުރުކަމުގެ މުހިންމުކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ.

"އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް. އެހެން އަހަރުތަކުގައި އަޅުގަނޑުމެން ބާއްވާ ފޯރިގަދަ ކަލާ ރަން ބާއްވަން އުދަނގޫވެފައިވީ ހިނދު، އަތޮޅު ރަންއަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދުވުންތެރިންނާއެކު ކުރިއަށް ގެންދެވޭ ތަފާތު ރަންއެއް ކަމުން މިއީ އެންމެނަށް ވެސް ކަމުދާނެ އިވެންޓެއްކަމުގައި އުއްމީދު ކުރަން." ނިޔާޒް ވިދާޅުވި އެވެ.

"އަތޮޅު ރަން"ގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދިނުމަށް އެޗްޕީއޭގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެ ތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫއިން ދައުވަތު އަރުވަ އެވެ.

އުރީދޫއިން ބުނީ، އަތޮޅު ރަން އާއި ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފްތާގައި އާންމު ކުރާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް