ޔާސިރު ޔަހުޔާ އަކީ އަލްގައިދާ އަށް ނިސްބަތްވާ މީހެއް: ފުލުހުން

ޔާސިރު ޔަހުޔާ ސޯލިހު: ----

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް، އިއްޔެ އައިޖީއެމްއެޗްގައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ ސާލިހު އޭނާގެ ގައުމަށް ފުރުވާނުލެވުނީ އޭނާ އެކަމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށާއި އޭނާ އަކީ އަލްގައިދާ އަށް ނިސްބަތްވާ އެ ޖަމާއަތުގެ ތަމްރީމްތައް ހަދާފައިވާ މީހެއް ކަމަށް ސަރުކާރުގެ މުއައްސާތަކުން ބުނެފި އެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ހައްޔަރު ކުރީ 2017 ވަނަ އަހަަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރެވެ. އެ ދުވަސްވަރު ޓެރަރިޒަމްއާ ގުޅޭ ތުހުމަތުތަކެއް ކުރެވިގެން އޭނާ ޑީޕޯޓު ކުރަން ނިންމައި ބަންދުކުރި އެވެ.

ޔާސިރު ބަންދުކުރި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އޭނާ އެކި ފަހަރު މަތިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ވެސް ކުރި އެވެ. އިއްޔެ ޔާސިރު މަރުވީ ވެސް ނުކެއުމުގެ ސަބަބުން ހާލު ދެރަވެ އައިޖީއެމްއެޗްއަށް ގެންގޮސް އޮއްވަ އެވެ.

ޔާސިރުގެ މަރާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މޯލްޑިވްސް އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސަސްއާއި މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން ރޭ ދަންވަރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން ޔާސިރު ރާއްޖެ އައީ 2014 ވަނަ އަހަރު އެވެ. އެއީ ޓޫރިސްޓު ވިސާއެއްގަ އެވެ. އޭނާ ރާއްޖެ އައުމަށް ފަހު އެ އަހަރު ދިވެހި އަންހެނަކާ ކައިވެނި ކުރިކަން ބަޔާނުގައި ފާހަަގަކޮށްފައިވެ އެވެ.

ޔާސިރަކީ ޓެރަރިޒަމްއާ ގުޅުންހުރި މީހެއް ކަމުން ފުލުހުން ދިޔައީ އޭނާގެ ހަރަކާތްތައް އޭރު ވެސް ބަލަމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުގެ ބަޔާނުގައިވެެ އެވެ. އަދި އޭނާ އަކީ އަލްގައިދާއަށް ނިސްބަތްވާ، އެ ޖަމާއަތުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށް އެ ބަޔާނުގައިވެ އެވެ. މިއީ ކުރިން ވެސް ފުލުހުން ހާމަކޮށްފައިވާ މައުލޫމާތެކެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިވައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ އަކީ އަލް ގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާ ކުރާ، އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ތަަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމްއާ ގުޅުންހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކޮށްފައިވާ ދިވެހީންނާއި އޭނާ ގުޅުން ބަދަހިކޮށްފައިވެ އެވެ. ޔާސިރު ޔަހުޔާއަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިޒަމްއާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރު ކުރެވި އެކި ފަހަރުމަތިން ހައްޔަރުކުރެވިފައިވާ މީހެކެވެ. އަދި އެކި ގައުމުތަކުގައި ސައްހަ ނޫން ޓްރެވަލް ޑޮކިއުމެންޓުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެކެވެ،" ބަޔާނުގައިވެ އެވެ.

ޔާސިރަކީ ޓެރަރިޒަމާ ގުޅުންހުރި މީހެއް، މުޖުތަމައުއަށް ނުރައްކަލެއް: ފުލުހުން

އެ ބަޔާނުގައިވާ ގޮތުން ފެބްރުއަރީ 1، 2017ގައި ޔާސިރު އިމިގްރޭޝަނަށް ހާޒިރުކޮށް ރާއްޖެއިން ފުރައިގެން ދިޔުމަށް އޭނާއަށް އަންގާފައިވެ އެވެ. އެއީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް އޭނާ އަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ގަބޫލު ކުރެވެމުންނެވެ. އަދި އެގޮތަށް އެންގުމުން ވެސް އޭނާ ފުރައިގެން ނުދިޔުމުން ތިން ފަހަރެއްގެ މަތިން ފުރައިގެން ދިޔުމަށް އަންގާފައިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އޭނާ ބަންދު ކުރީ އެ އެންގުންތަކާ އެއްގޮތަށް އަމަލު ނުކުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ. ރާއްޖޭގައި ހުރުމަށް ޔާސިރަށް ދޫކުރި ހުއްދަ ބާތިލުކޮށް، އޭނާ ބަންދު ކުރަން ގެންދިޔައީ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވާ ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރަށް ކަމަށް ބަޔާނުގައިވެ އެވެ.

ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި އިރު އޭނާގެ މައުލޫމާތުތައް ހިއުމަން ރައިޓްސް ކޮމިޝަނާވެސް ހިއްސާކުރަމުން ދިޔަ ކަމަށް ބަޔާނުގައިވެ އެވެ. އަދި ކަރެކްޝަންސްގެ ބަންދުގައި އޭނާ ހުރިއިރު ވެސް އޭނާއާ މެދު އަމަލުކޮށްފައި ވަނީ ހައްގުތައް ނުގެއްލޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.

"ޔާސިރު ޔަހްޔާ ސާލިހު މުތީއުއާ ގުޅޭ ތަފްސީލީ މައުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާ ހިއްސާކުރެވިފައިވާނެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްސަސްގެ ބެލުމުގެ ދަށުގައި ޔާސިރު ޔަހުޔާ ބަންދު ކުރެވިފައި ހުރި މުއްދަތުގައި އޭނާއާ މެދު އަމަލުކޮށްފައި ވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށް ފަހު އޭނާގެ އިންސާނީ ހައްގުތަކަށް ރިއާއަތް ކުރުމަށް ފަހު އޭނާގެ ދިވެހި އާއިލާގެ ގުޅުންބޭއްވުމަށާއި، ކެއުންބުއިމާއި ހުރުމުގައިވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތަކަށެވެ. އަދި އެ މުއްދަތުގައި އޭނާއާ ގުޅޭ މައުލޫމާތު ޔަމަނު ސަރުކާރަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ފޯރުކޮށްދީފައިވާނެ އެވެ،" ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔަމަނު ސަރުކާރުން ޔާސިރު ފުރުވާލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަމަށް ޔާސިރުގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އެހެންކަމުން، އޭނާގެ ނުރުހުމުގައި އޭނާ އަނބުރާ ޔަމަނަށް ފޮނުވާލަން ބޭނުންވާ ލިޔެކިޔުންތައް ހޯދަންވެސް ޔަމަނު ސަރުކާރުގައި އެދުނު ކަމަށް ވެސް ބުނެފައިވެ އެވެ.

"ޔާސިރު ޔަހުޔާ ސާލިހު މުތީއު ފުރުވާލަން އެކި ފަހަރު މަތިން މަސައްކަތް ކުރުވެނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައި ނުވަނީ ފުރައިގެން ދިޔުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެދުމަށް އެއްބާރުލުން ދީފައިނުުވުމުގެ ސަބަބުންނެވެ،" ބަޔާނުގައިވެ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި ޔާސިރު މަރުވެފައި ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުގެ ގޮތުން ކެއުމަށް އިންކާރުކުރަމުން ދަނިކޮށް، ހާލު ދެރަވެގެން އައިޖީއެޗްއެޗްގައި ފަރުވާދެމުން ދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ. އޭނާ މަރުވީ އިއްޔެ ހަވީރު 16:25ގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އިމިގްރޭޝަންގެ ބަންދުން ދޫކޮށް ގެއަށް ބަދަލުކޮށްދޭން އަމުރެއް ނެރެދިނުމަށް އެދި ޔާސިރުގެ ފަރާތުން ސިވިލް ކޯޓަށްވެސް މައްސަލައެއް ހުށަހެޅި އެވެ. ޔާސިރުގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނީ އޭނާ ބަންދުކޮށްފައި ހުރުމުގެ ސަބަބުން ސިއްހަތަށް ގެއްލުންވަމުންދާ ކަމަށާއި އަދި އޭނާގެ ނަފްސާނީ ބަލިމަޑުކަމެއް ވެސް ހުންނަ ކަމަށެެވެ. އަދި އެ މައްސަލާގައި ގޮތެއް ނިމެންދެން ބަންދުގައި ހުންނަން ޖެހިއްޖެ ނަމަ އޭނާގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިމަހުގެ 21 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނީ ޝަރީއަތްކުރުމަށް ހެދިފައިވާ ގަވައިދުގައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެން ޖެހޭ ހާލަތުގެ ކަމެއް ޔާސިރުގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އޮތްކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ޔާސިރުގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް