އިހަވަންދޫ އިތުރު ބޯޓެއްގެ މީހަކު ޕޮޒިޓިވްވެ އަތޮޅަށް ނުރައްކާ ބޮޑުވެއްޖެ

އިހަވަންދޫ މަގެއްމަތިން މީހަކު ހިނގާފައި ދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހއ. އިހަވަންދޫގެ އިތުރު ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ އަތޮޅަށް ނުރައްކާ ބޮޑުވެއްޖެއެވެ.

އާމިނާދިޔޯ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެރަށު ތަޚްތު ބޯޓުގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން މިރޭ އަންގާފައިވާ ކަމަށެވެ. ޕޮޒިޓިވްވީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"އޭނާގެ ސާމްޕަލް ވެސް ނެގީ މިއަދު. އަދި ޕޮޒިޓިވްވިކަން އެންގީ މިރޭ،" އޮފިޝަލް ވިދާޅުވިއެވެ.

އެ ބޯޓުގެ އެ ފަޅުވެރިޔާ ޕޮޒިޓިވްވުމުން މުޅި އަތޮޅަށް ވަނީ ނުރައްކާ ބޮޑުވެފައެވެ. ސަބަބަކީ އެ ބޯޓަކީ އެކި ރަށްތަކުގައި ޖައްސައި މުދާ ވިއްކާ ބޯޓަކަށް ވުމުން ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވިއެވެ.

"އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ވެސް އެރަށު ބޯޓެއްގެ ފަޅުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން ހއ. އިހަވަންދުއަށް ދަތުރުކުރި ބޯޓެއް ކަމަށްވާ "242"ގެ، ކޭޝިއަރެކެވެ. ނަމަވެސް އިހަވަންދޫ ފިޔަވައި އެ ބޯޓު ދަތުރުކޮށްފައި ވަނީ ހދ. ވައިކަރަދުއަށް ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިހަވަންދޫއިން ޕޮޒިޓިވް ދެ ކޭސް ފެނިފައިވާއިރު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފަ އެވެ.

އެ ބޯޓަކީ ގިނަ މީހުން އުޅޭ ބޯޓަކަށް ވުމުން، އެ ކޭސް އާ ގުޅިގެން ކްލަސްޓާ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިއަދު ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. މިއަދު އެކަނި 215 މީހަކު ޕޮޒިޓިވްވި އިރު، މިއީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 4،164 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި 18 މީހަކު ވަނީ މަރުވެފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުން ވެސް މިވަގުތު އެކްޓިވް ކޭސްތައް ވަނީ ފާހަގަވެފައެވެ. އެ ރަށްތަކަކީ، ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ.ހިތާދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫއެވެ. މީގެ އިތުރުން ސޮނޭވާ ޖާނީ ރިސޯޓުން ވެސް އެކްޓިވް ކޭސް އެއް ވަނީ ފާހަގަވެފައެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް