މިންގަނޑުތަކަށް ނުފެތޭ އިތުރު 22 ތަނެއް ބަންދުކޮށްފި

މެއި 17، 2020: މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު، ރޯދަމަސް ނިމިގެން މިދަނީ ލޮކްޑައުން ހާލަތުގައި: އާންމުކޮށް ރޯދަމަހު އެންމެ ހަލަބޮލި ރެސްޓޯރެންޓުތައް މިއަދު އޮތީ ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑާ ގުޅިގެން ހިދުމަތް ދޭ ތަންތަނުން އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ އިތުރު 22 ތަނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ޖުމްލަ 135 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ 22 ތަނެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ސެލޫނަކާއި، ނުވަ ފިހާރައަކާއި ހަތް ކެފޭ/ރެސްޓޯރަންޓް ސްޕާ އަކާއި މާރުކޭޓެކެވެ.

ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ.

މިހާރު ކުރިއަށްދާ ދެވަނަ އިންސްޕެކްޝަންގައި ބަލަނީ ކަންކަން ރަނގަޅުކޮށްފައިވޭތޯ އެވެ. ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލްއާއި އެޗްޕީއޭ އަދި އެހެނިހެން އިދާރާތައް ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ގެންދިޔަ އިންސްޕެކްޝަންގައި 1475 ތަނެއް ބެލި އެވެ. އޭގެ ތެރެއިން 68 ޕަސެންޓް ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް ފެތޭކަމަށް މާލޭ ސިޓީ ކައުންސިލްއިން މިމަހުގެ މެދެއްހާ ހިސާބުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް