ކޮވިޑް19: ރާއްޖޭގެ ޖުމްލަ 4164 އަށް، ދިވެހިންގެ އަދަދު 2085

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ 4000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސްގެ ކޭސްއެއް ފެނުނީ މާޗް ހަވަނަ ދުވަހު އެވެ. މާލެއިން އެންމެ ފުރަތަމަ ކޭސް އެއް ފެނުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެ ފަހުން މިއަދުގެ 18:00 އާހަމައަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4،164 އަށް އަރައިފައެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރެން ފެށި އިރު، ބަލި ޖެހޭ ބިދޭސީންގެ އަދަދު ގިނަ ނަމަވެސް، މިހާރު ވައިރަހަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އަންނަނީ މަތިވަމުންނެވެ.

އެގޮތުން ބަލި ޖެހުނު މީހުންގެ ތެރޭގައި 2،085 ދިވެހިން ހިމެނެއެވެ. ދެން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން މިހާތަނަށް ބަންގްލަދޭޝްގެ 1،665 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ދެން ހިމެނެނީ 294 އިންޑިއާ މީހުންނާއި، 48 ނޭޕާލް މީހުންނާއި، ލަންކާގެ 37 މީހުންނާއި، އިޓަލީގެ 11 މީހަކާއި ފިލިޕީންސްގެ ފަސް މީހަކާއި އެހެން ގައުމުތަކުގެ 19 މީހެކެވެ.

މާލެ ސަރަހައްދުގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިއަދު ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. މިއަދު އެކަނި 215 މީހަކު ޕޮޒިޓިވްވި އިރު، މިއީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 18 މީހަކު މަރުވެފައިވާއިރު، އިއްޔެ އާއި މިއަދުވެސް ބަލީގައި މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގެ ކޭސްތައް އިތުރުވަމުން އަންނަ ވަރަކަށް، އެކްޓިވް ކޭސްތަކުގެ އަދަދުވެސް އަންނަނީ މަތިވަމުންނެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1،489 މީހަކު ތިބިއިރު، އޭގެ ތެރެއިން 84 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ.

މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުން ވެސް މިވަގުތު އެކްޓިވް ކޭސްތައް ވަނީ ފާހަގަވެފައެވެ. އެ ރަށްތަކަކީ، ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ.ހިތާދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫއެވެ. މީގެ އިތުރުން ސޮނޭވާ ޖާނީ ރިސޯޓުން ވެސް އެކްޓިވް ކޭސް އެއް ވަނީ ފާހަގަވެފައެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް