ކޮވިޑުގެ ހަގީގަތާ ކުރިމަތިލާ! ޓެސްޓް ކުރޭ، މައުލޫމާތު ނުފޮރުވާ!

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާލަތު މިދަނީ ގޯހުން ގޯހަށެވެ. ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ގޮސް، ފާއިތުވި 24 ގަޑިއިރުތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 215 އަށް އަރައިފި އެވެ.

މި ނަމްބަރުތަކުން ކިޔައިދެނީ މުޅީން ތަފާތު ވާހަކައެކެވެ. ގާތްގަނޑަކަށް 3 މަހެއްހާ ދުވަހުގެ ލޮކްޑައުންއެއްގައި އޮތުމަށްފަހު "ނިއު ނޯމަލް" އަަކަށް ދިވެހިން ދިޔުމާ އެކު މި ފެންނަނީ ކޮވިޑް-19ގެ ބިޔަ ބޮޑު ރާޅު އައިސް ދެވަނަ ފަހަރަށް އަހަރެމެންނާއި އެއްހަމަ ކުރި ތަނެވެ. މިފަހަރު ދައްކަނީ ކުރިއަށްވުރެ މާ ވަރުގަދަ ކޮށެވެ.

އޮގްސްޓްމަހުގެ ފުރަތަމަ ދެ ދުވަސްވެސް މި ގުނަން ޖެހުނީ ރިކޯޑްއަދަދަކަށް މީހުން ޕޮޒިޓިވްވެ ހިތާމަވެރި މަރުތަކަކާއި އެކު އެވެ.

އެ ހުރިހާ ކަމެއްގެ މައްޗަށް ކަންބޮޑުވުން އިތުރުވަނީ މިި ބަލީގެ ނުރައްކާތެރިކަން ދިވެހިންނަށް ނުވިސްނޭ ވަރަށް ބައެއް މީހުންގެ އަމަލުތައް ހުރީމަ އެވެ. ބައެއް މީހުން ކޮވިޑަށް ޓެސްޓް ހަދައި، އަލާމާތްތައް ރިޕޯޓުކުރުމަށް ދެކޮޅު ހަދާ ކަމީ ހަގީގަތެކެވެ. މި ފޮރުވުންތަކާ އެކު ބައްޔާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ.

ކޮވިޑް19 އާ ބެހޭގޮތުން މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ އާދައިގެ ރޯގާއެއް ނޫން!

ކޮވިޑް19 ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް މާލެ އާއި އަދި އަތޮޅުތެރޭގައި ބައެއް ހިސާބުތައްވެސް ނާޒުކު ހާލަތުގައި އޮތް އިރު، އެއްބަޔަކު ބުނާގޮތުން މިއީ ޕެނެޑޯލް ގުޅައެއް ކާލައިގެން ފަރުވާކުރެވޭހާވެސް އާދައިގެ ކުޑަ ރޯގާއެކެވެ.

އެހެންނަމަވެސް އެޗްއީއޯސީ ގެ ސްޕޯކްސް ޕާރސަން އެޕިޑޮމިލޮޖިސްޓް ޑރ.ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއްކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ.

މި ބަލިޖެހޭ މީހުންގެ ތެރެއިން އެއްބަޔަކަށް އެއްވެސް ކަހަލަ އަލާމާތެއްވެސް އަދި ސިއްހީ ގޮތުން މާބޮޑު އަސަރުތަކެއް ބޭރު ފުށުން ނުފެނުނު ނަމަވެސް މިހާތަނަށް ބަލިޖެހުނު 17 މިލިއަނެއްހާ މީހުންގެ ތެރެއިން 680,894 މީހުންވަނީ މި ބަލީގައި މަރުވެފަ އެވެ.

ދިރާސާތައް ދައްކާގޮތުން ބަލީގައި ބޮޑަށް އަސަރުކޮށް ފުރާނަގެއްލޭ ހިސާބަށްދަނީ ހައިރިސްކް ކެޓަގަރީގެ މީހުންނެވެ. އެއީ އުމުރުން 60 އަހަރުން މަތީ އުމުރުގެ މީހުންނާއި، ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ މިސާލަކަށް ފުއްޕާމޭ، ހިތުގެ މައްސަލަތައް ހުންނަ މީހުންނާއި ޑައިބެޓިކްސް ފަދަ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަސަރުކުރާފަދަ ހާލަތެއް މެދުވެރިވެފައިވާ ފަރާތްތަކެވެ.

"އަޅުގަނޑަކަށް ހިޔެއްނުވޭ މާލޭގައި މިހާރު ދިރިއުޅޭނެހެން އެއްވެސް ފަރާތެއް އާއިލާގައި ނޫނީ ގޭގައި ހައި ރިސްކްމީހެއް ނުހުންނަ. އެހެންވީމަ ތިމާއަކީ މިސާލަކަށް ހައިރިސްކް މީހެއް ނޫނޭ ހިތަށް އެރިއަސް އެފަދަ މީހުން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު މި ދެވެނީ. ތިމާއަށް އާދައިގެ ރޯގާއަކަސް އެމީހުންނަށް މިއީ އާދައިގެ ރޯގާއެއް ނޫން" ޑރ. ނަޒްލާ ވިދާޅުވި އެެވެ.

އެހެންކަމުން ޓެސްޓްނުކޮށް ނުވަތަ އަލާމާތްތަކެއް ހުރެމެ ރިޕޯޓް ނުކޮށް ދޫކޮށްލާ ކޮންމެ ފަހަރަކީ ތިމާގެ ލޯބިވާ އާއިލާގެ ނުވަތަ ގާތް ރަހުމަތްތެރިއެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާވަރުގެ ކަމެކެވެ،

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަދުންނަމަވެސް ކުޑަކުދިންގެ ފުރާނައަށް އަސަރުކުރޭ!

ހަމައެއާއި އެކު ޑރ. ނަޒްލާ ފާހަގަ ކުރެއްވިގޮތުގައި ބޭރު ގައުމުތަކުގެ ތަޖުރިބާތަކަށް ބަލާއިރު މި ބަލިން ސީދާ އަސަރުކުރަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަކަށް ވެސް ނޫނެވެ. މިގޮތުން ބައެއް ފަރާތްތަކުގެ ކިބައިގައި އަލާމާތްތައް ފެންނަން ފަހުން ދެމަސް އަދި ތިންމަސްވާއިރު ވެސް ބަލީގެ އަސަރު ދެމިހުރެ އެވެ. ހަމައެއާއިއެކު، މަދުން ނަމަވެސް ކުޑަކުދިންނަށް މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޮމް ގެ އަސަރުވެސް ކޮށްފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް ކުޑަކުދިންގެ ހަށިގަނޑުގައި އިންފެކްޝަން ފެތުރި އެކި ގުނަވަންތަކަށް އަސަރުކޮށްފައި އެބަހުރި މަދުން ނަމަވެސް. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ކަންނޭނގެ އެމީހެއްގެ ދަރިއަކަށް ނުވަތަ އެ ނޫންވެސް ތުއްތު ކުއްޖަކަށް އެފަދަ ކަމެއް މެދުވެރިވާކަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކުޑަކުދިންގެ އިތުރަށް ޒުވާނުންގެ މެދުގައިވެސް ކޮވިޑްގެ ސަބަބުން ސްޓްރޯކްޖެހުމަށް މަގުފަހިވާކަމަށްވެސް ބޭރުގައުމުތަކުގެ ދިރާސާތަކުން ހާމަވާކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑް-19ގެ ސަބަބުން މިފަދަ ހާލަތެއް މެދުވެރިވަނީ ކޮންތާކުހުރި ކާކަށްކަމެއް ބުނަން ނޭގޭތީ އެންމެން ވެސް މިކަމަށް ލޯހުޅުވާ ތައްޔާރަށް ތިބެން ޖެހެ އެވެ.

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޕޯޓުކުރުމަކުން ނުފުދޭ، ސައްހަ މައުލޫމާތު ހިއްސާކުރޭ

ޑރ.ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި ބައްޔަށް ޕޮޒިޓިވްވާ ބައެއް ފަރާތްތަކުން ސައްހަ އަދި ފުރިހަމަ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ޓީމަށް ނުދޭކަން އެޗްއީއޯސީއަށް ވަނީ ފާހަގަކުރެވިފަ އެވެ. މިގޮތުން ޕޮޒިޓިވްވާ މީހެއްގެ ބައެއް ކޮންޓެކްޓުންގެ ނަންތައް ހާމަނުކޮށް، އެފަދަ ކޮންޓެކްޓެއް އަމިއްލައަށް ކުރާ ޓެސްޓަކަށް ޕޮޒިޓިވްވާ ފަހުން މިއީ ކުރީގެ ކޭސްއެއްގެ ކޮންޓެކްޓެއްކަންވެސް އެނގޭފަހަރުތައް އަންނަ ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރައްވަ އެވެ.

ޑޮކްޓަރުގެ ނަސޭހަތަކީ، އެއްވެސް މައުލޫމާތެއް ސިއްރުނުކޮށް ހިއްސާކުރުމެވެ. ސަބަބަކީ، އެއީ ބަލިޖެހުނު ގޮތާއި ބަލި ފެތުރުން ހުއްޓުވުމަށް ކޮންމެ މައުލޫމާތެއް ވެސް މުހިންމުވެދާނެތީ އެވެ.

ޕޮޒިޓިވްމީހަކާއި ބައްދަލުވެފައިވާ ނަމަ ނުވަތަ އެފަދަ މައުލޫމާތެއްދޭން ބޭނުންނަމަ 1676 އާއި ގުޅައިގެން އެމައުލޫމާތުތައް ނަންހާމަ ނުކޮށްވެސް ހިއްސާކުރެވެ އެވެ. ޑރ. ނަޒްލާ ދެއްވި ޔަގީން ކަމަކީ އެޗްޕީއޭއަށް ހިއްސާކުރާ ކޮންމެ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީ-- ފޮޓޯ: އެސްޓީއޯ

ކަރަންޓީނުވުމަށް ބިރުނުގަނޭ، މިއީ މިއަދުގެ "ހަގީގަތް"

ކޮވިޑަށް ޓެސްޓްކޮށް އަލާމާތްތައް ރިޕޯޓުކުރުމަށް އެންމެ ގިނަބަޔަކު ފަސްޖެހޭ އެއް ސަބަބަކީ ކަރަންޓީނުވާން ޖެހުމެވެ. މިިހާތަނަށްވެސް ބައްޔަށް ޕޮޒިޓިވްވާ އެންމެން ވަކިން ކަރަންޓީނުކުރެވެ އެވެ. އަދި ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓް ވެއްޖެނަމަ 14 ދުވަހުގެ މުއްދަތަކަށް އެކަހެރިވާންޖެހެ އެވެ.

ބުނެލަން ފަސޭހަ ނަމަވެސް ގިނަބަޔަކު ސިފަކުރާ ގޮތުގައި ވަކިން އެހެން މީހުންނާއި އެކެހެރިވެ ހުންނަންޖެހުމަކީ ނަފްސާނީގޮތުން ވެސް މީހާއަށް އަސަރުކުރާ ކަމެކެވެ. އެހެންވެ، ސައިކޯ ސޯޝަލް ސަޕޯޓްގެ ލިބެން ހުންނައިރު، ސޯޝަލް މީޑިއާ އާއި ފޯނު މެދުވެރިކޮށް ގުޅުންތައް ބަދަހި ކުރެވިދާނެ އެވެ.

ހަމައެޔާއެކު، ކަރަންޓީނު ފެސިލިޓީއެއްގައި އެންމެ ދަތިވާނެ ފަރާތްތަކަކީ ކުޑަކުދިން ތިބޭ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހަކު ބަލަހައްޓަންޖެހޭ ފަރާތްތައް ކަމުގައިވާތީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.

"މިކަމުގައި އިތުރު އެހެން ގޮތެއް ނެތް ހަގީގަތުގައި. ބަލި ކޮންޓްރޯލްކުރެވޭ ވަރުގެ އެފެކްޓިވް ވެކްސިންއެއް އަންނަންދެން ބަލި ކޮންޓްރޯލްކުރެވެން އޮތް ޕަބްލިކް ޓޫލްއަކީ ހަމައެކަނި މިއީ. ބަލި ޖެހޭ މީހުން ޝައްކުވާ މީހުން އެކަހެރިވުން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ރިޕޯޓްކޮށް، ޑޮކްޓަރުންގެ ލަފައާއި އިރުޝާދުތަކުގެ މަތީން ޓެސްޓްކުރުމަކީ ފަރުދުންގެ ހައިސިއްޔަތުން މިވަގުތު ކޮންމެހެންވެސް ކުރުން މުހިންމުކަމެކެވެ. ބަލި ހުރެ އެކަން ކުރީބައިގައި ދެނެގަނެވިއްޖެނަމަ ސަލާމަތް އެ ކުރެވެނީ ތިމާގެ ފުރާނަ އާއި ތިމާއާ އެންމެ ގާތް ފަރާތްތަކުގެ ފުރާނަ އެވެ.

comment ކޮމެންޓް