އިންޑިއާގެ ހޯމް މިނިސްޓަރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (އޮގަސްޓު 2): އިންޑިއާގެ ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ޓުވިޓާ މެދުވެރިކޮށް ޝާހު، 55، ވިދާޅުވި ގޮތުގައި އޭނާގެ ފަރާތުން ކޮވިޑް-19އިގެ އަލާމާތްތަކެއް ފެނުމާ ގުޅިގެން އޭނާ ވަނީ ވައިރަހަށް ޓެސްޓު ކުރައްވައިފަ އެވެ. އަދި އޭނާ ވައިރަހަށް ޕޮޒިޓިވްވި އިރު ސިއްހަތު ރަނގަޅު ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.

"ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެން އަޅުގަނޑު ޓެސްޓު ކުރުމުން އަޅުގަނޑު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައި. އަޅުގަނޑުގެ ހާލު ރަނގަޅު ނަމަވެސް ޑޮކްޓަރުން ވަނީ އަޅުގަނޑު އެޑްމިޓު ކުރަން ލަފާ ދީފައި،" ޝާހު ވިދާޅުވި އެވެ.

އިންޑިއާގެ އެންޑީޓީވީން ރިޕޯޓު ކުރި ގޮތުގައި ޝާހު އެޑްމިޓުކޮށްފައި ވަނީ ހަރިޔާނާ ސްޓޭޓުގެ ގުރުގުރާމްގައި ހުންނަ މެދަންތާ ހޮސްޕިޓަލުގަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ޝާހު ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވި ކަމަށާއި އެ ބައްދަލުވުމުގައި އެންމެން ވެސް ތިއްބެވީ ދުރުދުރުގައި މާސްކު އަޅުއްވައިގެން ކަމަށް އެ ނޫހުން ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބުންޏެވެ.

މީގެ އިތުރުން ޝާހު ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާއާ ބައްދަލުވި އެންމެން އެކަހެރިވުމަށާއި ވައިރަހަށް ޓެސްޓު ކުރުމަށް އެދިފަ އެވެ.

އިންޑިއާގައި ފާއިތުވި 24 ގަޑި އިރު ތެރޭ 54،735 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1.75 މިލިއަނަށް އަރައިފަ އެވެ. އެގައުމުން މިހާތަނަށް 37،000އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާ އިރު 1.2 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް