އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނަށް މީޑިއާ ނުވައްދާނެ

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަންގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ރަސްމީކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޮވާނެ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (އޮގަސްޓް 2): އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރަސްމީކޮށް ހޮވުމަށް ބާއްވާ ކޮންވެންޝަނަށް މީޑިއާ ނުވައްދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރިޕަބްލިކަން ނެޝަނަލް ކޮންވެންޝަންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މިމަހު ބާއްވާ އެ ކޮންވެންޝަނަށް މީޑިއާ ނުވައްދަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ބޮޑެތި އެއްވުންތައް ބޭއްވުމާ ބެހޭ ގޮތުން ސްޓޭޓުތަކުން ހަދާފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު އެ ރޭހުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އަދި މި މަހުގެ 24ގައި އެ ޕާޓީގެ 336 ޑެލިގޭޓުން، ނޯތު ކެރޮލައިނާގައި ބާއްވާ ކޮންވެންޝަންގައި ބައިވެރިވެ ވޯޓު ދޭނެ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ޓްރަމްޕް ރަސްމީކޮށް އިސް ކުރާނެ އެވެ.

އެ ވޯޓުލުން ކުރިއަށް ދާ އިރު މީޑިއާ ނުވެއްދި ނަމަވެސް، ވޯޓުލުން އޮންލައިންކޮށް ލައިވް ކުރާނެ ކަމަށް ރިޕަބްލިކަން ޕާޓީން ވަނީ ބުނެފަ އެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ކޮންވެންޝަން އޮންނާނީ މިމަހުގެ 17 އާއި 20އާ ދޭތެރޭގައި އެވެ. އެ ޕާޓީގެ ކެންޑިޑެސީ ގާތްގަނޑަކަށް ޔަގީން ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ރަނިން މޭޓަކަށް އައްޔަން ކުރައްވާނީ ކޮން ބޭފުޅެއްކަން އަދި ހާމަ ކުރައްވާފައި ނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.

comment ކޮމެންޓް