ބަަރަބޯ ބިސްކަޓް ޕުޑިން

އުމުރުން އެންމެ 16 އަހަރުގައި ބަދިގެއަށް ވަންގޮތަށް އަދިވެސް އޭނާ އެކްސްޕެރިމަންޓްކޮށް އިތުރަށް ހޯދަމުން ދަނީއެވެ. ފާއިތުވެދިޔަ 9އަހަރު ކެއްކުމަށް ހުރި ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕޭސްޓްރީ އަދި ބޭކަރީގެ ދާއިރާއިން ތަޢުލީމްވެސް ހާސިލްކުރިއެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. މެލޭޝިޔާގެ ކޭޑީޔޫ ޔުނިވަސިޓީއިން ކަލިނަރީ އާރޓްސް އިން ޑިޕްލޮމާއެއްވެސް އޭނާ ހާސިލްކުރިއެވެ. މިހާރު މިދާއިރާއަށް ހުސްވެ މެލޭޝިޔާގައި ވަޒީފާ އަދާކުރަމުން ދިޔުމާއެކު ލޮކްޑައުން ނިމުމާއެކު އޭނާ އެބުރިދާނީ މެލޭޝިޔާއަށެވެ.

އިންސްގްރާމްގެ ކުދި ބިސްޓްރޯ ތަކުގެ ތެރެއިން ހުނިޖަހާލެވޭ ލޭޑީ ހަންގްރީ ޕޭޖުގެ ބެކްގްރައުންޑްއަކީ މީއެވެ. އަދި ވަަރަށް ޚާއްސަ އެހެން ކަމެއްވެސް ހިއްސާކޮށްލާނަމެވެ. މިޕޭޖުގެ ހުރިހާ ކަމެއް ބަލަހައްޓަނީ ލޭޑީ ހަންގްރީގެ އާއިލާއިންނެވެ. އިންސްޓަގްރާމް ޕޭޖްގެ ހުރިހާ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އޭނާގެ އެއް ކޮއްކޮ ކޮށްދޭއިރު ރަހަތަކުގެ ކޮލިޓީ ކޮންޓްރޯލް ކުރުމުގެ މޭސްތިރިއަކަށް ހުންނަނީ މަންމައެވެ. ބައްޕަ ހޭންޑްމޭޑް ކޮތަޅުތައް ހަދައިދީ އެކައުންޓްސް ބެލެހެއްޓުމުގައިވެސް އެހީތެރިވެދޭއިރު އެހެން ކޮއްކޮއެެއް މުޅި ޕޭޖްގެ އެހެނިހެން ކްރިއޭޓިވް މަސައްކަތްތައް ބަލަހައްޓާ ޕެކޭޖިން އާއި ލޭބަލްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެއެވެ. ޖުމްލަކޮށް މިއީ ލޯތްބާއެކު މުޅި އާއިލާއިން ހިއްސާވެގެން މިހާރު އެންމެންނަށް ގެނެސްދޭ ހަދިޔާއެކެވެ.

ލޭޑީ ހަންގްރީ ޕޭޖު މިފާއިތުވެދިޔަ ދެތިންމަސް ތެރޭ ވައިގަ ހިފާލިނަމަވެސް ކުރިންވެސް އޭނާގެ ފުޑް އާޓް ހިއްސާކުރަމުން ގެންދިޔަ މޫޑް ބޯޑަކީވެސް އިންސްޓަރގްރާމްގެ އެއެކައުންޓެވެ. ކެއުމެއް ތައްޔާރުކޮށްލުމަށް ލޭޑި ހަންގްރީ އިންސްޕަޔަރ ވަނީ އޭނާ ބުނާގޮތުން އޭނާގެ އާއިލާ އަދި ރަހްމަތްތެރިންނަށް އޭނާގެ ކެއްކުންތައް ކަމުދިޔުމުން އިތުރަށް އެރަހަތައް ތަރައްގީކޮށްގެންނެވެ.

މިފަހުން އަހަރެމެން އެންމެން ލަޒާނިއާގެ ޖާދޫގައިވެސް ޖެހިއްޖެ އެވެ. ޑަމްޕްލިންގތަކަކީ ލޮކްޑައުންގެ ތެރޭގައިވެސް ސްޓްރެސް ފިލުވާލުމަށް އެންމެ ރަހަ ހެޔޮވަރުކޮށް ހުރި ފެވަރިޓް ފެމިލީ ޕެކްތަކަށްވެސް ވެގެން ދިޔުމުގެ ހުރިހާ ޝުކުރެއް ލޭޑީ ހަންގްރީ ރައްދުކުރަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށެވެ.

ޕޭޖް އަލުން ތަފާތު ކާއެއްޗެހި ވިއްކާ ޕޭޖެއްގެ ގޮތުގައި ފެށުމާ، ކެއްކުމަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ޕެޝަން ދޫނުކޮށް، މާޔޫސްނުވެ، ލޮކްޑައުންގައިވެސް ކުރިއަށް ދިޔުމަށް ހިތްވަރުދީ ސަޕޯޓްދެމުންދިޔުމުގައި އެއީ ދެގޮތެއްނުވާ ނަމޫނާ ފަރާތެއްގެ ގޮތުގައި ހަޔާތުގެ ބައިވެރިޔާ ލޭޑީ ހަންގްރީ ސިފަކުރިއެވެ. ލޭޑީ ހަންގްރީގެ އުންމީދަކީ މުސްތަޤްބަލްގައި ރާއްޖޭގައި އަދި މެލޭޝިޔާގައިވެސް ލޭޑީ ހަންގްރީގެ އައުޓްލެޓްތައް ހުޅުވާ ރާއްޖެއަށް އަދި މުޅިން އާ ކޮންސެޕްޓެއް ކަމަށްވާ މިސްޓްރީ ޑިނަރ ޑައިނިންގ ތަޢާރަފްކުރުމެވެ.

ލޭޑީ ހަންގްރީ "ސަން"ގެ ކިޔުންތެރިންނަށް ގެނެސްދެނީ ޕަމްޕްކިން ބިސްކިޓް ޕުޑިންގެ ރެސިޕީ އެވެ. މިއީ ޝެފް އަދި މަޝްހޫރު ފުޑް ބްލޮގަރ ސާލި.އެކްސް ގެ ޕަމްޕްކިން ޕެނަކޮޓާ އިން އިންސްޕަޔާވެގެން އޭނާ ތައްޔާރުކުރި އޮރިޖިނަލް ރެސިޕީއެކެވެ.

ބޭނުންވާތަކެތި:

  • 2 ޖޯޑު ދިޔާކިރު
  • 1 ޖޯޑު ދިޔާކިރު (ވަކިން ބޭނުންކުރުމަށް)
  • ½ ސައިސަމުސާ ފޮނިތޮށި (މުގުރާފަ)
  • ½ ސައިސަމުސާ އަސޭމިރުސް (ރާޅުކޮށް)
  • 5-6 ކަރަންފޫ
  • 5 ބިހުގެ ގޮބޮޅި
  • 3 މޭޒުމަތީ ސަމުސާ ކޯންސްޓާރޗް
  • 4 މޭޒުމަތީ ސަމުސާ ހަކުރު
  • 1 ޖޯޑު ރޯސްޓަޑް ޕަމްޕްކިން ޕިއުރީ
  • މާރީ ބިސްކޯދު

2 ޖޯޑު ދިޔާކިރާއި، ½ ސައިސަމުސާ ފޮނިތޮށި (މުގުރާފަ)، ½ ސައިސަމުސާ އަސޭމިރުސް (ރާޅުކޮށް)

އަދި ކަރަންފޫކޮޅު އުންދުންމަތީގައި މަޑުގިނީގައި ކައްކާށެވެ.

ވަކި ބޯތަށްޓެއްގައި 5 ބިހުގެ ގޮބޮޅި، ކޯންސްޓާޗް އަދި ހަކުރު ރަނގަޅަށް އެއްވަންދެން ވިސްކް ކޮށްލާށެވެ. ކުރިން ކެއްކި ދިިޔާކިރުގެ މިކްސްޗަރ ފުރޭނިއަކުން ރަނގަޅަށް ފުރާނާލާށެވެ.

އުނދުޅިއެއް ނުވަތަ ބޮޑުސަމުސަލެއް ބޭނުންކޮށްގެން ފުރޭނި ދިޔާކިރުގެ މިކްސްޗަރ ވިސްކް ކުރި އެގް މިކްސްޗަރގެ ތެރެއަށް އަޅަމުން ވިސްކްކުރަމުން ގެންދާށެވެ.

އާތެއްޔަކަށް މިކްސްޗަރ އަޅާލުމަށްފަހު މަޑުގިނީގައި އޮލަަވަންދެން ކައްކާލާށެވެ. ރަނގަޅަށް އޮލަވުމުން އުނދުންމަތިން ތެލި ބޭލުމަށްފަހު ޕަމްޕްކިން ޕިއުރީ އާއި އެއްކޮށްލާށެވެ. ރޯސްޓަޑް ޕަމްޕްކިން ޕިއުރީ ތައްޔާރުކުރުމަށް ބަރަބޯ ކުދިކޮށް ކޮށާލުމަށްފަހު ތަވާގައި ހަނާކޮށްލާށެވެ. އަދި އެއަށްފަހު ބްލެންޑަރއަކުން މިކްސްް ކޮށްލާށެވެ. ބޭނުންވާ ކޮންސިސްޓެންސީ ގެނައުމަށް ކުޑަ ފެންފޮދެއްވެސް ބޭނުންކޮށްލާށެވެ.

ވަކިން ހުރި އެއްޖޯޑު ދިޔާކިރުގައި މާރީ ބިސްކޯދު ފޯކުރުމަށްފަހު ތަށްޓެއްގައި އަތުރާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ޕަމްޕްކިން ކަސްޓަޑް އެޅުމަށްފަހު ލޭޔަރ ކުރަމުން ގެންދާށެވެ. އެންމެ ފަހު ލޭޔާ އަކަށް ޕަމްޕްކިން ކަސްޓަޑް އެޅުމުން ތިތައްޔާރުކޮށްލެވުނީ ޕަމްޕްކިން ބިސްކިޓް ޕުޑިން އެވެ.

ބަރަބޯގެ މީރު ރަހައާ އެއްކޮށް ލޭޑީ ހަންގްރީގެ ބަދިގެއިން ތައްޔާރުކޮށްލެވުނު މި ޕަމްޕްކިން ބިސްކިޓް ޕުޑިންގެ އަޖުމަބަލާލާށެވެ.

comment ކޮމެންޓް