އެމެރިކާ އެހީވާ އީރާނުގެ ޓެރަރިސްޓް ޖަމާއަތެއްގެ އިސްވެރިއަކު ހައްޔަރުކޮށްފި

އީރާނުން ހައްޔަރުކުރި ތަންދުރު ޖަމާއަތުގެ ކޮމާންޑަރު ޖަމްޝީދު ޝާރުމަހުދު

ތެހެރާން (އޮގަސްޓް 02) : އެމެރިކާއިން އެހީވާ އީރާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ "ތަންދަރު" ޖަމާއަތުގެ އިސްވެރިއަކު ހައްޔަރު ކޮށްފިކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ޖާސޫސީކަންތައްތަކާ އަދި އަމަނާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާދިފަހުން އީރާނުގެ ޙައްސާސް މަރުކަޒުތަކުގައި ބޮންގޮއްވުމުގެ ޓެރަރިސްޓް އަމަލުތައް ހިންގީ އެމެރިކާގެ މަދަދުލިބޭ އީރާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ "ތަންދަރު" ޖަމާއަތުން ކަމަށާ އެޖަމާއަތުގެ އޮޕަރޭޝަން ގޮފީގެ އިސް ކޮމާންޑަރު ޖަމްޝީދު ޝާރުމަހްދު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އީރާނުގައި ކުރީގައި އޮތް ރަސްކަމުގެ ނިޒާމު އަލުން އަނބުރައި އިއާދަކުރުމަށް މަސައްކަތްކުރާ "ތަންދަރު" ޖަމާއަތުގެ އަސްލު ނަމަކީ "ކައުންސިލް އޮފް ދަ ކިންގްޑަމް އޮފް އީރާން" އެވެ. އެ ޖަމާއަތުގެ މަރުކަޒު ހުންނަނީ އެމެރިކާގެ ލޮސްއެންޖޮލަސް ގައެވެ. އީރާނުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރި ޖަމްޝީދު ޝާރުމަހްދު އަކީ އެޖަމާއަތުން އީރާނުގައި ހިންގާ ޓެރަރިސްޓް ހަރަކާތްކުގެ އެންމެ އިސްވެރިޔާ އެވެ.

2008 ވަނަ އަހަރު އީރާނުގެ އެކި ސަރަހައްދުތަކުގައި ހިންގި ބޮންގޮއްވުމުގެ ޖަރީމާތަކަކީވެސް "ތަންދަރު" ޖަމާއަތުގެ އަމަލުތަކެއްކަން ތަހްގީގްތަކުން އެދުވަސްވަރު އީރާނުން ކަށަވަރުކޮށްދީފައިވެއެވެ. އެއާއެކު އީރާނުން އެޖަމާއަތުގެ އެތަށްބަޔަކު އެދުވަސްވަރު ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ކުށް ސާބިތުވި ބައެއް މީހުންނަށްވަނީ މަރުގެ އަދަބުވެސް ދީފައެވެ.

ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އީރާނުން ވަނީ އެގައުމުގެ ޙައްސާސް އެތަށް މަރުކަޒެއްގައި އަލިފާނުގެ ޙާދިސާތަކެއް ހިނގިކަމަށް ބުނެފައެވެ. އަލިފާނުގެ ޙާދިސާތައް ހިނގި މަރުކަޒުތަކުގެ ތެރޭގައި އީރާނުގެ މަޝްހޫރު ނިއުކްލިޔާ މަރުކަޒެއްކަމަށްވާ ނަތަންޒް ނިއުކްލިޔާ ރިއެކްޓަރަށް ބޭނުންވާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިން އުފައްދާ ކާރުޚާނާއެއްވެސް ހިމެނެއެވެ. ސެންޓްރިފިއުޖް މެޝިންތަކަކީ ޔޫރޭނިޔަމް ފައްކާކުރަން ބޭނުންކުރާ އާލާތެކެވެ.

އީރާނުގެ ސަލާމަތީ ބާރުތައް ޓެރަރިސްޓުން ހޯދުމުގައި ހަރަކާތްތެރިވަނީ

އެކާރުޚާނާގެ އިތުރުން އީރާނުގެ ކަނޑުގެ ބަނދަރެއްގެ އިމާރާތްތަކެއްގައާއި ކަނޑު ދަތުކުރުކުރާ އާގުބޯޓުތަކުގެ ތެރެއިން 5 ބޯޓެއްގައިވެސް ރޯކޮށްލާފައިވެއެވެ. މީގެއިތުރުން އިލެކްޓްރިކް ދެ ސްޓޭޝަނެއްގައާއި ޕެޓްރޯކެމިކަލް ކާރުޚާނާއެއްގައިވެސް އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައިވެއެވެ. އެހާދިސާތަކާއެކު އީރާނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު އެއީ އެމެރިކާއާއި އިސްރާއީލު އަޑީގައި ތިބެގެން ޓެރަރިސްޓުންގެ ބަޔަކު ލައްވައި ހިންގި އަމަލުތަކެއްކަން ނޫނީ ސައިބާ ހަމަލާތަކެއްގެ ސަބަބުން ކުރިމަތިވި ހާދިސާތަކެއްކަމަށް ވެދާނެކަމެއްކަމަށް އީރާނުންވަނީ ތުހުމަތުކޮށްފައެވެ.

މިއާއެކު އެހާދިސާތަކުގެ ހަގީގަތް ހޯދުމަށްޓަކައި އީރާނުންވަނީ ފުޅާ ތަހްގީގްތަކެއް ޖާސޫސީ ލެވެލްގައާ އަދި ސަލާމަތީ ލެވެލްގައި ފަށާފައެވެ. އެ ހާދިސާތަކާމެދު ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް އެނގޭނީ ތަހްގީގުތަކަށް ފަހުގައި ކަމަށާ އެކަމުގައި ބޭރު ގައުމެއްގެ އަތެއްވާނަމަ ބަދަލުހިފާނެކަމުގެ ކަމުގެ އިންޒާރުވެސް އީރާނުގެ މަސްއޫލުވެރިން ދެއްވާފައިވެއެވެ. ނަމަވެސް ބަދަލުހިފާނެގޮތެއް ބުނެފައެއް ނުވެއެވެ.

އީރާނުން ކުރި ތަހްގީގްތަކުން "ތަންދަރު" ޖަމާއަތަކީ މީގެތެރެއިން ބައެއް ޓެރަރިސްޓް ހަރަކާތްތައް ހިންގުމުގައި އަމަލީގޮތުން އުޅުނު ޖަމާއަތެއްކަން މިހާރުވަނީ ކަށަވަރުވެފައެވެ. ނަމަވެސް އީރާނުގައި ހަމަލާދިން ހުރިހާތަނަކަށް ހަމަލާދިނީ އެޖަމާއަތުންކަން އަދި ކަށަވަރުނުވާ ކަމަށާ ނަމަވެސް "ތަންދަރު" ޖަމާއަތުގެ ކޮމާންޑަރު ހައްޔަރު ކުރެވުމުން ތަހްގީގްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެެންގޮސްފައިވާކަމަށް އެގައުމުގެ މީޑީއާ ބުނެއެވެ. "ތަންދަރު" ޖަމާއަތުގެ ފަހަތުގައި އެމެރިކާގެ އިތުރުން އިސްރާއީލާ އަދި މިފަހަކަށް އައިސް އީރާނާމެދު އާދަޔާ ޚިލާފު ދުޝްމަންކަމެއް ގެންގުޅޭ ސައޫދީ އަރަބިޔާވެސް ވާކަމަށް ތުހުމަތުކުރެވޭ ކަމަށް އީރާނުގެ އަމަނާބެހޭ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނެއެވެ.

"ތަންދަރު" ޖަމާއަތުންވަނީ އީރާނުގައި ހުންނަ އެޖަމާއަތުގެ ލީޑަރު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. ލީޑަރު ހައްޔަރު ކުރިނަމަވެސް ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް އެޖަމާއަތުން އިންޓަނެޓްގައި ޝާއިއުކޮށްފައިވާ ބަޔާނެއް ބުނެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް