ޔޫރޮޕުގެ ރަން ބޫޓާއި އިޓާލިއަން ލީގުގެ ރެކޯޑް އިމޮބިލޭއަށް

ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ --- ފޮޓޯ//ލައިވްސްކޯ

ޔޫރަޕްގެ ގަދަ ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓާއެކު އިޓާލިއަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ވެސް ޖެހުމުގެ ރެކޯޑް ހަދައި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ ސީޒަން ނިންމާލައިފި އެވެ.

ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ އަދި ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ އަތް ދަށުން ޔޫރޮޕުގެ ރަން ބޫޓް ހޯދީ އިޓާލިއަން ލީގުގެ ހަތަރުވަނައިގައި ނިންމާލި ލާޒިއޯގެ އިމޮބިލޭ އެވެ. ޔޫރޮޕުގެ އެންމެ މަތީ ހަރުފަތުން އިމޮބިލޭ ވިދާލި އިރު އޭނާ ވަނީ މިފަހަރުގެ ލީގުގައި 36 ގޯލު ޖަހައިފަ އެވެ.

ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ މި އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އޮތީ 34 ލަނޑު ޖަހައިގެން ޖަރުމަނުގެ ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. އިމޮބިލޭ ލެވަންޑޮސްކީގެ ގޯލްޑްނަ ބޫޓުގެ އުންމީދަށް ނިމުން ގެނައީ މިދިޔަ ހަފުތާ ބްރެޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައިގެންނެވެ.

އޭނާ ވަނީ ރޭ ނަޕޯލީ އަތުން 1-3 އިން ބަލިވި މެޗުގައި ވެސް އިތުރު ގޯލެއް ޖަހައި އިޓާލިއަން ލީގުގެ ރެކޯޑަކާ ވެސް އަރައި ހަމަކޮށްފަ އެވެ. ރޭގެ ގޯލާ އެކު އޭނާ ވަނީ އިޓާލިއަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މިއީ 2016 ގައި 36 ލަނޑު ޖެހި ޔުވެންޓަސްގެ މިހާރުގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އަށްފަހު މިއައަދަށް އެ ލީގުގައި ގޯލު ޖެހި ހަމައެކަނި ފަހަރެވެ.

އިޓަލީގެ ތާރީހުގައި ވެސް ޔޫރޮޕުގެ ރަން ބޫޓް ތިންވަނަ އަށް ހޯދި އެގައުމުގެ ކުޅުންތެރިޔާ ކަމަށްވާ އިމްމޯބިލޭ އަތުލުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ 31 ލަނޑު ޖަހާފައިވާ ރޮނާލްޑޯ އަށެވެ. އެހެން ނަމަވެސް، ލީގްގެ ފަހު މެޗުގައި ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ރެސްޓް ދޭން ނިންމުމުން އެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފަ އެވެ.

"އަހަރެން ވަރަށް އުފާކުރަން މި ހުވަފެން ހަގީގަތަކަށް ވެގެން ދިޔައިމަ. ހާއްސަކޮށް މި ފަދަ ކާމިޔާބީއެއް ހޯދުމަށް އަހަރެން ކުރި ދަތުރުގެ މަތިން ހަނދާން ކޮށްލުމުން މިލިބުނު ހިތްހަމަ ޖެހުން އިތުރަށް ބޮޑުވެގެންދޭ. މިކަން ކާމިޔާބު ވުމަށް ކޯޗާއި، ޓީމް މޭޓުން އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާ ކުރަން. މިއީ ޓީމަށް ލިބުނު ކާމިޔާބީއެއް." ޔޫރޮޕުގެ ރަން ބޫޓް ކާމިޔާބު ކުރުމަށްފަހު އިމޮބިލޭ ބުންޏެވެ.

މި އެވޯޑް މިދިޔަ ތިން ސީޒަނުގައި ހޯދީ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. އޭނާ ވަނީ ޖުމްލަ ހަ ފަހަރު ހޯދައި، ރަންބޫޓް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ހަދައިފަ އެވެ. އިމޮބިލޭ މި ފަހަރު ކާމިޔާބުކޮށްފި ނަމަ އޭނާ ވަނީ 2006-2007 ވަނަ އަހަރު ރޯމާގެ ފްރެންޗެސްކޯ ޓޮޓީގެ ފަހުން ރަންބޫޓް ހޯދާ އިޓާލިއަން ލީގުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

comment ކޮމެންޓް