އެފްއޭ ކަޕުގެ ރެކޯޑާއެކު އާސެނަލަށް ޔޫރޮޕުގެ ޖާގައެއް

އާސެނަލުން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ: މިއީ އެޓީމުން މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރު --- ލައިވްސްކޯ

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ރޭ ވާދަވެރި ޗެލްސީ ބަލިކޮށް އާސެނަލުން އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެނަލުން މިއީ މިހާތަނަށް މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. އާސެނަލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުގެ ފަހަތުން އެންމެ ކާމިޔާބީ 12 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.

މިފަހަރުގެ ޕްރިމިއާ ލީގުގެ ބޮޑު ނާކާމީޔާބީއާއެކު އާސެނަލަށް އަންނަ ސީޒަނުގައި ޔޫރަޕުގެ ޖާގައެއް ލިބެން އޮތީ އެފްއޭކަޕު ކާމިޔާބު ކޮށްގެންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާސެނަލާ ހަވާލުވި މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ހޯދި ފުރަތަމަ ކާމިޔާބީއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ ފައިނަލުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. އޮލިވިއާ ޖިރޫޑް އޭރިއާ ތެރެއިން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމެރިކާގެ ޒުވާން ފޯވާޑް ކްރިސްޓިއަން ޕުލިސިޗް އެވެ. މިއީ އެމެރިކާގެ ކުޅުންތެރިއަކު އެފްއޭ ކަޕްގައި ލަނޑު ޖެހި ފުރަތަމަ ފަހަރު ވެސްމެ އެވެ.

އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޕިއާ އެމްރިކް އޮބަމެޔެންގް އެވެ. އެ ޕެނަލްޓީއަކީ ޗެލްސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ސެޒާ އެޒްޕްލިކްއޭޓާ، އޮބާމެޔެންގްއަށް ބޯޅަ ލިބުނަ ނުދޭންވެގެން އަޒްޕްލިކްއޭޓާ އޭނާގެ ގައިގައި ހިފެހެއްޓުމުން ދިން ޕެނަލްޓީ އެކެވެ.

އެ މެޗުގައި އާސެނަލުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ނިކޮލަސް ޕެޕޭ ދިން ޕާހެއްގެ ބޭނުން ހިފައި، ކައިރީގައި ހުރި އެންޓޯނިއޯ ރުޑިގާ ކައިރިން ނައްޓާލައި ކީޕަރަށް ފުރުސަތެއް ނުދީ އޮބާމެޔެއންގް އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ. މިއީ އާސެނަލަށް މި ސީޒަނުގައި އޮބާމެޔެންގް ކާމިޔާބުކޮށްދިން 29 ވަނަ ލަނޑެވެ.

މި މޮޅާއެކު އާސެނަލަށް މިފަހަރުގެ ސީޒަން ނިމިފައިވާ އިރު ޗެލްސީއަށް އަދި ޗެމްޕިއަންސް ލީގުގެ މެޗެއް އެބަ އޮތެވެ. ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ އެ މެޗުން ޗެލްސީއަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

comment ކޮމެންޓް