ޒުވާން ޝެފް މިފަހަރު ފިހުނީ މާ ސިންގާ ޕިއްޒާއެއް

ރާއިފް އޭނާ ތައްޔާރުކުރި ބޮޑު ޕިއްޒާއާއެކު-- ފޮޓޯ: ރާއިފް

މި ބޮޑު އީދުގައި ޒުވާން ޝެޕް އަހުމަދު ރާއިފް ބެލީ ތަފާތު ގޮތަކަށް ކާ އެއްޗެއް ތައްޔާރުކުރެވޭތޯ އެވެ. ކަން ދިމާކުރި ގޮތުން ބޮޑު އީދު އައިއިރު އޭނާ ހުރީ އުފަށް ރަށް ބ. އޭދަފުށީގައި ފޯރިނެގުމާއި މަޖާކުރުމުގަ އެވެ. ރަށުގައި އޭނާއާއެކު އުޅުނު "ޕައިރޭޓްސްް ގްރޫޕް"ގެ ކުދިންކޮޅާއެކު ސައްލާކޮށްލައިގެން އެންމެ ރަނގަޅު އެއްޗެކަށް ތައްޔާރުކޮށްލަން ފެނުނީ ޕިއްޒާއެކެވެ.

އެކަމަކު އެއީ އާދައިގެ ޕިއްޒާއެއް ނޫނެވެ. ރާއިފް ތައްޔާރުކުރީ ހަތަރު ފޫޓްގެެ މާ ސިންގާ ޕިއްޒާއެކެވެ. އެެ ވަރުގެެ ޕިއްޒާއެއް ރާއްޖޭގައި ހެދިކަމެއް އަދި އެނގޭކަށް ނެތެވެ. ރާއިފް މުގުރާލީ ރާއްޖޭގެ ރެކޯޑް ކަމަށް ވެސް ހަމަ ވެދާނެ އެވެ.

އިތާފުށީގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރާއިފް މީގެ ކުރިންވެސް މިކަހަލަ ބޮޑެތި ކާތަކެތި ހަދަ އެވެ. ކޮވިޑާ ގުޅިގެން މާލޭގައި ކަރަންޓީނުގައި ހުރިއިރު އޭނާ ވަނީ އެއް ފޫޓުގެ ބީފް ބާގާއެއް ވެސް ތައްޔާރުކޮށްފަ އެވެ.

"އެ ބާގާ ވައިރަލްވި ސޯޝަލް މީޑީއާގައި. ވަރަށް ބޮޑަށް ވައިރަލްވި. މިފަހަރު ޕިއްޒާ ހެދުމުގެ އައިޑިއާ އައިއީވެސް އޭގެން" ރާއިފް "ސަން" އަށް ކިޔައިދިނެވެ.

ރާއިފް މީގެ ކުރިން ހެދި ބޮޑު ބާގާ-- ފޮޓޯ: ރާއިފް

ބޮޑު ބާގައެއް ހެދި ނަމަވެސް އެހާބޮޑު ޕިއްޒާއެއް ހަދަން ރާއިފްއަށް ފަސޭހައެއް ނުވި އެވެ. ފުރަތަމަ ގޮންޖެހުމަކަށްވީ އެހާބޮޑު ޕިއްޒާއެއް ބާއްވާނެ އެއްޗެއް ބޭސްއެއް ނެތުމެވެެ. ނަމަވެސް ރާއިފްގެ ބައްޕަގެ މޮޅު ހިޔާލާއެކު އޮމާން ޓިނު ކަފައި އެ ދެ ޓިނުގަޑު އެއްކޮށްލައިގެން ބޭނުންވާވަރުގެ ބޭސްއެއް ތައްޔާރުކުރި އެވެ.

ފިއްޒާގެ ފުށްގަނޑު މޮޑުނީ ރާއިފް އެވެެ. އޭގެ ރަހަގަނޑަކީ ސީދާ ރާއިފްގެ އަމިއްލަ ރެސިޕީއެކެވެ. އެކި ހާބްސްތައް ބޭނުންކޮށްގެން ހެދީ އަމިއްލަ ސޯސްގަނޑެކެވެ. އޭނާގެ ހަމައެކަނި ބޭނުމަކަށް ވީ ކޮންމެހެން މާ ސިންގާ ޕިއްޒާއެއް ހެދުމެއް ނޫނެވެ. ޕިއްޒާ ޕިއްޒާއަކަށް ވާނީ ރާއިފް ބުނާގޮތުން ނަމަ ރަހަވެސް ހެޔޮވަރުގެންނެވެ.

އެ މާސިންގާ ޕިއްޒާ ހެދީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. ޕިއްޒާގެ އެއް ބަޔަކީ ބީފް އެވެ. އަނެއް ބަޔަކީ މާގަރީޓާ އެެވެ. އަދި ބާކީ ބަޔަކީ ޓޫނާ އާއި ޗިކަން އެންޑް މަޝްރޫމް އެވެ.

ރާއިފް ޕިއްޒާ ތައްޔާރުކުރުމުގައި-- ފޮޓޯ: ރާއިފް

ރަށުގައި މެޝިނެއް ނެތުމުން ޕިއްޒާގެ ފުށްގަނޑު މޮޑެން ޖެހުނީ އޭނާގެ ދެއަތުންނެވެ. އަށް ކިލޯޯގެ އެ ފުށްގަނޑު މޮޑެންވެސް 20 ވަރަކަށް މިނެޓް ހޭދަވި އެވެ.

"ރާއްޖޭގައި އާންމުކޮށް މި ފުށްގަނޑު ހަދާފައި މިހުންނަނީ މާ ބޯކޮށް. އަސްލު ޕިއްޒާގެ ފުށްގަނޑު ހުންނާނީ ވަރަށް ތުނިކޮށް. އެކަމަކު ފިހުނުއިރު ވިއްސާރަވުމުން ކުޑަކުޑަ ތަންކޮޅެއް ބޯކޮށް ފިހެވުނީ. ފިއްޒާއެއްގެ އެންމެ މުހިންމު އެކައްޗަކީ ހަމަ ބޭސް. އަޅުގަނޑަށް ފުށްގަނޑު މޮޑޭނެ ޓެކްނީކްތަކާ އެއްޗެތި ދަސްވީ ކޮންރެޑްގައި ޓްރެއިނިން ހަދަނިކޮށް ޖައުފަރުގެ [ޝެފެއް]ގެ ފަރާތުން" ރާއިފް ބުންޏެވެ.

ރާއިފްގެ ޕިއްޒާކޭ ގިނަ ބަޔަކަށް އެ ޕިއްޒާ ވަނީ މީރުވެފަ އެވެ. ޕިއްޒާއާއެކު ކާލަން ލިބުނު، ރާއިފް ތައްޔާރު ކުރި ސޯސްގަނޑު ރަށު މީހުންނަށް މި ވަނީ ވަރަށް ކަމުގޮސްފަ އެވެ. ރަށު މީހުން ރާއިފް ބަލައިގަތީ ތަފާތު، މޮޅު ޝެފެއްގެ ގޮތުގަ އެވެ. ރަށު މީހުން ބުނާގޮތުން ނަމަ ރާއިފް އަކީ އެ މީހުންނަށް ފެނުނު އެންމެ "ކޫލް" ޝެފެވެ.

އަހުމަދު ރާއިފް އޭނާ ތައްުޔާރުކުރި ހަތަރު ފޫޓުގެ ޕިއްޒާއާއެކު-- ފޮޓޯ: ރާއިފް

"ސޯޝަލް މީޑިއާގައި މިފަހަރުވެސް ވަރަށް ތަރުހީބު ލިބުނު. ގިނަ މީހުން ތިބީ ވަރަށް ހައިރާންވެފައި. ބުނޭ މިއީ ރާއްޖޭގެ ރެކޯޑެކޭވެސް. ދެން ބުނޭ އަނެއްކާވެސް ހަދައިދޭންވީ ނޫންހޭ މިކަހަލަ ބޮޑު ޕިއްޒާއެއް،" ރާއިފް ބުންޏެވެ.

ޝެފެއްގެ ގޮތުގައި ރާއިފް މިހާރު މަސައްކަތް ކުރަމުންދާތާ ދެތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ރާއިފް ބުނާގޮތުން އޭނާއަށް މިހިސާބަށް އާދެވުނީ އޭނާގެ މަންމައާއި ބައްޕަ އަދި ތިއްތަ (ހަފީޒާ) އަދި ތިއްތަބެ (ސަލީމް)ގެ އެހީތެރިކަމުގެ ސަބަބުންނެވެ.

ޝެފް ރާއިފް--

ޒުވާން ޝެޕްގެ އަދިވެސް "ކޫލް" ހިޔާލެއް އެބައޮތެވެ. ބާގާ، ޕިއްޒާއަށް ފަހު ދެން އޭނާގެ އަމާޒު ހިފާފައިހުރީ މާ ސިންގާ ސަބްމެރިންއެއް ހަދާށެެވެ. ރާއިފް މިފަހަރު ބޭނުމީ ހަ ފޫޓުގެ ދިގު ސަބްމެރިންއެއް ހަދާށެވެ. މޫސުން ތަންދިންހާ އަވަަހަށް އެ މަސައްކަތް ފަށަން ބޭނުމެވެ. ބޮޑު ސަބްމެރިންއެއް ހަދާލަން އޭނާ މިހާރު ހުރީ ހަމަ ކެތް މަދުވެފަ އެވެ.

comment ކޮމެންޓް