ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ޖެހިގެއް އަނެއްކާވެސް ރާއްޖެއިން މީހަކު މަރުވެއްޖެ އެވެ.

ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިރޭ މަރުވެފައިވަނީ 52 އަހަރުގެ އަންހެނެއް ކަމަށެވެ. އެއޯ ކޮވިޑް ޖެހިގެން މަރުވި 17 ވަނަ މީހާ އެވެ.

އެ އަންހެން މީހާއަކީ މިއަދު ހަވީރު 4:40 ހާއިރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ނޭވާއަށް އުނދަގޫތަކެއް ވާތީ އައި މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ރާއްޖޭގައި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިއަދުވެސް 156 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިހާރު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3949 އަކަށް އަރާފަ އެވެ.

ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންސް ތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް