ރިސޯޓުން ރަށަށްގޮސް 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ

ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން:-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯޑަރު ހުޅުވާލި ފަަހުން ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކުން ރަށްރަށަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކުގެ ތެރެއިން ބޯޑަރު ހުޅުވާލި ފަހުން ޓޫރިސްޓުން އައިސްފައިވާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެއްވެސް ސަބަބަކާހުރެ މީހުން ދިރިއުޅޭ ރަށަކަށް ދާނަމަ އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

ރަށަށް ދިޔުމުގެ ކުރިން އެކަން ރަށު ކައުންސިލަށް އަންގަންވާނެ ކަމަށާއި، ހޯމް ކަރަންޓީނުގެ އުސޫލާ އެއްގޮތަށް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަންޖެހޭނެެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެކަކު އަދި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެހެން އެއްވެސް ފަތުރުވެރިޔެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

މާލެއިން ރަށްރަށަށް ދާ މީހުންވެސް 14 ދުވަހުގެެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭއިރު ކަރަންޓީނު މުއްދަތު ފުރިހަމަވުމުން ހަދާ ޕީސީއާރު ޓެސްޓުން ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ 156 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހަކު ހިމެނެ އެވެ.

މިވަގުތު މާލޭގެ އިތުރުން ބަލި ފެނިފައިވާ ރަށްރަށަކީ؛

ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ.މާފުށި، ވ. ފުލިދޫ، ބ. ކަމަދޫ، ބ. ހިތާދޫ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ސީސައިޑްފިނޮޅެވެ.

މިހާތަނަށް ޖުމްލަ 3،949 މީހުންނަށް ބަލި ޖެހިފައިވާއިރު 2،613 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި މަރުވެފައިވަނީ 16 މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް