ރައްކާތެރި މިންގަނޑުތަކަށް ނުފެތޭތީ 40 ތަނެއް ބަންދުކޮށްފި

ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން މިރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ޑެންގީއާ ބެހޭ މައުލޫމާތު ފޯރުކޮށްދެނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮވިޑާ ގުޅިގެން ހިދުމަތް ދޭ ތަންތަނުން އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން 40 ތަނެއް ބަންދުކޮށްފި އެވެ.

އެޗްޕީއޭ އިން އެ އިންސްޕެކްޝަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑާ ގުޅިގެން މިހާރު ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި މިއަދު 189 ތަނެއް ބެލި ކަމަށެވެެ.

އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 62 ތަނަކާއި 13 ސެލޫނާއި 113 ފިހާރަ އަދި އެއް މާރުކޭޓް އިންސްޕެކްޓްކުރިކަމަށް ނަޒްލާ ވިދާޅުވި އެވެ.

"މީގެ ތެރެއިން 40 ތަނެއް މިއަދު ބަންދުކުރެވުނު. އެއީ އަޅުގަނޑުމެންގެ ގަވައިދުތަކާ އެއްގޮތަށް ގައިޑްލައިންތަކާ އެއްގޮތަށް އެ ތަންތަން ނެތީމަ. މި 40 ތަނުގެ ތެރޭގައި ނުވަ ސެލޫން 14 ފިހާރަ ކާބޯތެކެތީގެ ހިދުމަތްދޭ 16 ތަނެއް އަދި އެއް މާރުކޭޓް ހިމެނޭ،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ އެ އިންސްޕެކްޝަން ފެށިއިރު 50 ޕަސެންޓް ތަންތަން ބަންދުކުރަން ޖެހުނު ކަމަށާއި ނަމަވެސް މިހާރު ފެންނަމުންދަނީ އުސޫލުތަކާ އެއްގޮތަށް އެ ތަންތަން ހިންގަމުންދާތަން ކަމަށެވެެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލްއާއި އެޗްޕީއޭ އަދި އެހެނިހެން އިދާރާތައް ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ގެންދިޔަ އިންސްޕެކްޝަންގައި 1475 ތަނެއް ބެލި އެވެ. އޭގެ ތެރެއިން 68 ޕަސެންޓް ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް ފެތޭކަމަށް މާލޭ ސިޓީ ކައުންސިލްއިން މިމަހުގެ މެދެއްހާ ހިސާބުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް