64 ސިއްހީ ހިދުމަތްތެރިއެއް 67 ފުލުހެއް މިހާތަނަށް ޕޮޒިޓިވްވެފައިވޭ

ޑރ. ނަޒްލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---

މިހާތަނަށް ރާއްޖެއިން 64 ސިއްހީ ހިދުމަތްތެރިން އަދި 67 ފުލުހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ސިއްހީ ހިދުމަތްރެރިންގެ ތެރޭގައި ނަރުހުން، ޑޮކްޓަރުން، ޓެކްނީޝަނުން ރޭޑިއޯގްރާފަރުންނާއި ސާފުކުރުމަށް މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ.

ކޮވިޑާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 64 ފަރާތެއް ޕޮޒިޓިވްވިއިރު އޭގެތެރެއިން 37 ފަރާތެއް ޕޮޒިޓިވްވީ ޖުލައި މަހު ކަމަށެވެ.

" އަދި ޕޮލިހުގެ 67 ފަރާތެއް ޕޮޒިޓިވްވެ މި ޖުލައި މަހު 21 ފަރާތެއް ޕޮޒިޓިވްވެފައިވޭ. އަދި މިއަދު ހަ ޕޮލިހެއް ޕޮޒިޓިވްވެފައިވޭ" ނަޒްލާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 156 މީހުން ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެެވެ. އޭގެ ތެރޭގައި 134 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހުންނާޢި އިންޑިއާގެ މީހެއްގެ އިތުރުން ސްރީލަންކާގެ މީހެއް ހިމެނެއެވެ. ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އަތޮޅުތެރެއިން ފެނުނު ދެ ކޭސްވެސް ހިމެނެއެވެ.

comment ކޮމެންޓް