މާސްކު ނަގަައިގެން މަގުމަތީ ސިނގިރޭޓު ބޯކަށް ނުތިބެވޭނެ

މީހަކު މާސްކު ތިރިކޮށްގެން މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މަގުމަތީ އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމުން މާސްކު ނަގައިގެން މަގުމަތީ ސިނގިރޭޓުބޯން ނުތިބެވޭނެެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މާސްކު ނާޅާ މަގުމަތީ އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އޭގެ ފަހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ.

މިރޭ ބޭއްވި ނޫސްވެރިންހެެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކު އަޅައިގެން މަގުމަތީ އުޅެންޖެހޭނަމަ، އޭގެ މަނާނަ އަކީ މަގުމަތީ މާސްކު ތިރިކޮށްގެން ސިނގިރޭޓު ބޯން ނުތިބެވޭނެ ކަމަށެވެ

"މަގުމަތީ މާސްކު އަޅައިގެން އުޅެންޖެހޭކަމަށް ވަންޏާ އޮޓަމެޓިކަލީ އޭގެ މާނައަކީ މަގުމަތީ ސިނގިރޭޓް ބޯކަށް ނުތިބެވޭނެޔޭ މާސްކު ތިރިކޮށްގެންނެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކަށް ވަންނައިރު ވެސް މާސްކު އަޅަން ޖެހޭނެ ކަމަށާއި އެފަދަ ތަންތަނުގައި އިށީނދެ ތިބެންޖެހޭނީ ގައިދުރު ކޮށްގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ގައިދުރުކޮށްގެންތިބެ ރެސްޓޯރެންޓުތަކުގައި ކާންތިބޭއިރު ފިޔަވަޅެއް ނާޅާނެ. ކާއިރު މާސްކު ނާޅާ ތިބީމަ. ނަމަވެސް އަޅުގަނޑުމެން އިންސްޕެކްޝަންތަކަށް ދާއިރު މިހާރުވެސް އެ ގައިދުރުކަން ނުބަހައްޓާ ތިބިކަމަށް ވަންޏާ އެތަންވެސް ބަންދު ކުރެވޭނެ. އިތުރު ފިޔަވަޅުތައް ވެސް އެޅޭނެ،" އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

މާސްކު ނާޅާ އުޅުނު ހަތަރު މީހަކު މިއަދު ޖޫރިމަނާކޮށްފައިވާއިރު މާސްކު އަޅަން ޖެހޭނީ އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށެވެ.

މިއަދުން ފެށިގެން އުމުރުން ދެ އަހަރު ނުވާ ކުޑަކުދީންނާއި ކަސްރަތުކުރާ މީހުން ނޫން ފަރާތްތައް ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

comment ކޮމެންޓް