މާސްކު ނާޅާ އުޅުނު ހަތަރު މީހަކު ޖޫރިމަނާ ކޮށް، 116 ފަރާތަކަށް ނަސޭހަތް ދީފި

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން މަގުމަތީ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައި އޮއްވާ، މާސްކު ނާޅާ އުޅުނު ހަތަރު މީހަކު ޖޫރިމަނާކޮށްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 116 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މިއަދުން ފެށިގެން އުމުރުން ދެ އަހަރު ނުވާ ކުޑަކުދީންނާއި ކަސްރަތުކުރާ މީހުން ނޫން ފަރާތްތައް ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުވާނެއެވެ. މާސްކު ނާޅާނަމަ ޖޫރިމަނާކުރަނީ 1000 ރުފިޔާ އިންނެވެ. ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު ނަސޭހަތްދީ، އެކަން ރަނގަޅު ނުކޮށްފިނަމައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާސްކު އަޅަން ޖެހޭނީ އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށް ކަމަށެވެ.

މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް