މަސައްކަތް ކުރާނީ ލޮކްޑައުންނެއް ނުގެނެސް ބަލި ކޮންޓްރޯލު ކުރަން: ޑޜ ނަޒްލާ

ޑރ. ނަޒްލާ ރަފީގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދިވެސް މަސައްކަތް ކުރަނީ އިތުރު ލޮކްޑައުން އަކަށް ނުގޮސް ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުން ކަމަށާއި، ނަމަވެސް ކޭސްތައް އިތުރުވާ ވަރަކަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ހެލްތުު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް ދެމުންދާ އިރުޝާދުތަކަށް ގިނަ ރައްޔިތުން ތަބާވާ ކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނިކުމެ ތިބުމާއި، މާސްކު އަޅަންޖެހޭ ގޮތަށް ރަނގަޅަށް މާސްކު އަޅައިގެން، ގައިދުރުކޮށް އުޅޭ ރައްޔިތުން ގިނަކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ގިނަ ބަޔަކު ގައިޑްލައިންތަކަށް ތަބާވިނަމަވެސް، ކޮންވެމެސް ވަރަކަށް ގައިޑްލައިންތަކާ ހިލާފުވާނަމަ ބަލި ފެތުރޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށާއި، ލޮކްޑައުންގެ ސަބަބުން ނިކުންނަ ނުރަނގަޅު އަސަރުތައް މިހާރު ތަޖުރިބާ ކޮށްފައިވާނެ ކަމަށެވެ.

"ލޮކްޑައުންއެއްގައި ބަންދުވެގެން އަބަދު އެއްވެސް ބަޔަކަށް ނުތިބެވޭނެ. އަޅުގަނޑުމެންނަށް މިހާރުވެސް އެނގިއްޖެ ލޮކްޑައުންގަ ހޭދަވި ދެ މަސް، ދެމަސް ބައި ތެރޭގައި ވަރަށް ބޮޑު އަސަރެއް އިގްތިސޯދަށްވެސް ކޮށްފި. އާއިލާތަކަށްވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި. ވަރަށް ގިިނަ އިޖުތިމާއީ މައްސަލަތަކާވެސް ކުރިމަތިވި. ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި ތިބުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ މި ބައްޔާއެކު އުޅެން ދަސްކުރަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް އެކަށީގެންވާ ވެކްސިނެއް ލިބޭނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ބެލެވޭއިރު އެހާ ދުވަސްވަންދެން ލޮކްޑައުންގައި ނުތިބެވޭނެކަމަށެވެ. ބައްޔާއެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދިން ލުޔާއެކު ފާއިތުވި ދެ ހަފްތާ ތެރޭ ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. ހަތް ދުވަސްތެރޭ ކޮވިޑްގެ 500 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މިއަދު ވެސް 156 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

"އަދިވެސް މަސައްކަތް ކުރާނީ އިތުރު ލޮކްޑައުން އަކަށް ނުގޮސް މިކަން ކޮންޓްރޯލު ކުރެވޭތޯ. ނަމަވެސް ކޭސްތައް އިތުރުވާނަމަ އިތުރު ރެސްޓްރިކްޝަންސް ގެންނަން ޖެހޭނެ،" މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

comment ކޮމެންޓް