އައްޑޫގައި އުފެދުނު އާ ރަށަށް ދިން ނަމަކީ "ގައުހެރަ"

ހުރާގަނޑުގައި ގަސް އިންދަނީ--

އުދަ އެރުމުގެ ސަބަބުން އައްޑޫ ސިޓީ މީދޫގެ އަތިރިމަތީ ސަރަހައްދުގައި އިސްމަހެލަ ހެރެއާ ދިމާލުުން ފަޅު ތެރޭގައި އުފެދުނު ހުރާގަނޑު ސަރަހައްދަށް "ގައުހެރަ"އިގެ ނަން ދީފިއެވެ.

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީދޫގެ ނަލަފަހި ޖަމިއްޔާއިން އެ ހިސާބަށް ގޮސް ރުށް ޖަހާ ބަައެއް ކަހަލަ އޮއް އިންދާފައިވާ ކަމަށެވެ.

" ތިން ހާސް ފޫޓް ދިގުމިނުގައި އަދި 35- 40 ފޫޓް ފުޅާމިނުގައި އުފެދުނު މި ރަށަށް މީދޫ ރައްޔިތުން ވަނީ ގައުހެރެ ނަން ކިޔާފައިި" ރޮޒައިނާގެ ޓުވީޓުގައި ވެއެވެ.

ނަލަފަހި ޖަމިއްޔާގެ ބޭފުޅުން އެ ހުރާގަނޑަށް ވެލި ބަސްތާތަކާއި މުުޑި ކާއްޓާއި މަގޫ ގަހުގެ އޮތްތައް ހިފައިގެންގޮސް ވަނީ ގަސް އިންދައިފައެވެ.

އެންވަޔަރެމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަށްރަށް އުފެދުމުގެ އަސްލަކީވެސް ހުރާގަނޑުތަކާއި ފިނޮޅުތައް ގިނަ ދުވަސްތަކެއް ވަންދެން ދެމި އޮވެ އެތަނުގައި ގަސް ގަހާ ގެހި ހެދިގެން ކަމަށެވެ.

އުދަ އަރައިގެން ރާއްޖޭގައި މީގެ ކުރިންވެސް ރަށްތައް އުފެދިފައިވެއެވެ. އޭގެ ތެރޭގައި މާލެއަށް 1987ގައި އެރި ބޮޑު އުދައިގައި މާލެ އަތޮޅުގެ ފަޅެއްގައި ހުރާގަނޑެއް އުފެދުނު ހާދިސާ ހިމެނެއެވެ. އެތަން ފަހުން ރަށަކަށް ބަދަލުވެ މިހާރު އެ ރަށަށް ކިޔަނީ އުދަފުށިއެވެ.

comment ކޮމެންޓް