ބްރީފިން ނިންމާލާފައި ޒޭބާ މެން ފަހަތުން ނުކުމެ ނުކުމެ ހުއްޓާ ރާކިން ޒީޝާންގެ އަތުގައި ހިފާ އެތެރެއަށް ކުޑަކޮށް ދަމައިލުމާއެކު ޒީޝާންއަށް ސިހުން ލިބުނެވެ.

ަހަތުން އައިސް ރާކިންގެ މޭގައި ލައްވި ޒީޝާންއަށް ތެޅިގަނެވުނެވެ. ރާކިންގެ ހޫނު ނޭވާ އޭނާގެ ކަނދުރާއަށް އެޅުނުކަން އިޙްސާސްވެ, އޭނާގެ ނަފުސު ހަރުކަށިވެގެން ދިޔައެވެ. ދެކޮނޑު ވެސް ކުޑަކޮށް އުފުއްލައިލެވުނެވެ.

އެކަން ރާކިންއަށް ވެސް އެނގުނީ ކަންނޭނގެއެވެ. ކުޑަކޮށް ދުރަށް ޖެހިލާ އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"ޒީޝާންއަށް އަރްޒަންގެ ކިބައިން ކޮން ސިފައެއް ފެނިގެންތަ އޭނަ ދެކެ އެހާ ގަޔާވަނީ. އަހަރެން ކަމުނުދަނީ ކީއްވެތަ؟ އަހަރެން މިހާ ލޯބިވާއިރު ވެސް އެ ލޯތްބަށް ފުރަގަސް ތިދެނީ ކީއްވެތަ؟" ރާކިންގެ އަޑުގައިވި އަސަރު ޒީޝާންއަށް ބުނެދޭކަށް ނޭނގުނެވެ. އޭނާ ރާކިންއާ ދުރަށް ޖެހިލިއެވެ.

"ރާކިން! އަހަރެން ރާކިންއާ ދޭތެރޭ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ދުށިން. ވަރަށް އިޙްތިރާމް ވެސް ކުރިން. އެކަމަކު މިއަދު އެ އިޙްތިރާމްއާ ލޯބި ރާކިންގެ އަމިއްލަ އަތުން ތި ވެއްޔާ މޮޑެލީ..." ޒީޝާންއަށް ރާކިންގެ ދެލޮލާ ހަތަރު ކަޅި ހަމަކުރަން އުނދަގޫވުމާއެކު، އޭނާ ބުނެލީ ދުރުބަލަން ހުރެއެވެ.

ގަޑިއަށް ބަލައިލަމުން ގަޑި ޖެހެނީ ކަމަށް ބުނެ އޭނާ ބްރީފިން ރޫމުން ނުކުތްއިރު ނިތުގައި ހިސާބަކަށް ދަލުގެ އަސަރު ވެސް ހުއްޓެވެ. އެތަން ފިނި ނަމަވެސް ދާހިއްލާލައިފިއެވެ. ތުންފަތުގައި ދަތް އަޅައިލަމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ.

ނުކުތް އިރު ޒޭބާ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޒީޝާން ފުން ނޭވާއެއް ދޫކޮށްލާ ހިނގައިގަތް އިރު، ޒޭބާގެ ދެ ބުމަ ގޮށް ޖެހުނެވެ. ރާކިންއާ ޒީޝާންއާ ދެމީހުން އެކަނި މާއެކަނި ބްރީފިން ރޫމް ތެރޭގައި އިރުކޮޅެއް ވިއެވެ. އެކަމުން އޭނާއަށް ނުހަނު އުނދަގޫ ވެސް ވިއެވެ. ފޮށި ހުރިތާ ބަހައްޓާފައި އޭނާ ހިނގައިގަތީ އެތެރެއަށް ވަންނާށެވެ.

ޒީޝާން ނުކުމެގެން ދިޔުމާ އެކު ރާކިންއަށް އައި ރުޅީގައި ގޮށް މުށުގެ އެތިފަހަރެއް އަމާޒުކޮށްލެވުނީ ފާރަށެވެ. ޖެހިލެއް ބާރުކަމުން އޭނާގެ އަތަށް އެ ވަގުތު ތަދުވި ނަމަވެސް އެއިން އެއްވެސް ކަމަކަށް ރާކިންއަށް، ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރު ވެސް އޭނާ އަތުން ފާރުގައި ޖެހިއެވެ.

ފާރުގައި ޖައްސާލެވިފައިވާ އަތުގައި ނިތްކުރި ޖައްސާލައިގެން އިރުކޮޅަކު ރާކިން ހުއްޓެވެ. ޚިޔާލުތަކުގައި ބެހެމުން ގޮސް، އެއަށް ގެއްލިފައި ހުރިލެއް ބޮޑުކަމުން މީހަކު އެތެރެއަށް ވަތްކަން ވެސް އޭނާއަށް ރޭކާ ނުލިއެވެ.

ސިހުނީ އޭނާގެ އަތުގައި މީހަކު ހިފައްޓާލުމުންނެވެ. އިސްއުފުލައިލާ ބަލައިލިއިރު ޒޭބާ ފެނިގެން އަނެއްކާ ވެސް ރާކިންގެ ދެ ބުމަ ގޮށްޖެހުނެވެ.

ރާކިން ދުރަށް ޖެހިލާ ފޮށި ހިފައިގެން ދާން ހިނގައިގަންނަން އުޅުމުން ޒޭބާ އޭނާގެ ކުރި ބެއްދިއެވެ.

"ރާކިން! ކީއްވެތަ އަބަދު ޒީޝާން ފަހަތުން ތިއުޅެނީ... އަހަރެން ވެސް ރާކިންދެކެ ލޯބިވެޔޭ!" ރާކިންގެ އަތުގައި ހިފެއްޓި ޒޭބާގެ އަތް ފޮޅުވާލާފައި ކުރިއަށް ހިނގައިގަތް ރާކިންއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނީ ޒޭބާގެ އަޑާއެކުގަ އެވެ.

އޭނާއަށް ހުއްޓިލާ ފަހަތަށް ބަލައިލެވުނެވެ. ޒޭބާގެ ލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ވިއެއްކަމަކު، އޭރުވެސް އޭނާގެ މޫނުމަތިން ރުޅިވެރި އަސަރު ފެންނަމުން ދިޔައެވެ. ބޮޑަށް ހީވަނީ އެ ކަރުނަ ތަކަކީ ރުޅިއާ ދެރަޔާ އެކުވެގެން އުފެދިގެން އުޅޭ ޖަޒުބާތުތަކެއް ހެންނެވެ.

އެއްޗެއް ބުނަން ނޭނގިފައި އިރުކޮޅަކު ރާކިންއަށް ހުރެވުނެވެ. އޭނާ އެއަށް ޖަވާބެއް ނުދީ ދޮރު ހުޅުވާލާފައި ނުކުންނަން ހިނގައިގަތެވެ. ތަޅުގައި އަތް ލެވުނު ކަމެއް ނޭނގުނެވެ. ފަހަތުން އައިސް ޒޭބާ އޭނާގެ އުނަގަނޑުގައި އަތް ވަށައިލިއެވެ. އެ އަމަކުން ސިހުން ލިބުނު ރާކިންއަށް ހަރަކާތެއް ކޮށްލަން ނޭނގިފައި ކުޑަ އިރުކޮޅަކު ހުރެވުނެވެ.

ދެވަނަ ސިކުންތުގައި އޭނާ ޒޭބާގެ އަތް ނައްޓައިލަން މަސައްކަތް ކުރިއެވެ.

"ރާކިންއަކީ އަހަރެންގެ މީހެއް" ޒޭބާ ބުނަމުން ދިޔައެވެ. ޒޭބާގެ މޫނު ރާކިންގެ ގަމީހުގައި ފުރަގަހުން ޖައްސައިލިކަން ރާކިންއަށް އެނގުނެވެ.

އެހިނދު ބުރަކައްޓަށް ހިސާބަކަށް ފިނިވެގެން ދިޔަކަން ވެސް ރާކިން ދެނެގަތެވެ. ވިސްނާލުމުން ޒޭބާ ރޮނީކަން އޭނާއަށް އެނގުނެވެ.

"ރާކިން އަހަރެން ވަރަށް ލޯބިވޭ!" ޒޭބާގެ ދުލުން ނުކުތް އެބަސްތަކާއެކު ރާކިންއަށް ކުއްލިއަކަށް ޒޭބާގެ އަތް ފޮޅުވައިލެވުނެވެ. އޭނާ ފަހަތަށް އެނބުރިލިއެވެ.

"އަހަރެން ޒޭބާ އާ ދޭތެރޭ އެފަދަ ގޮތަކަށް ނުދެކެން!" ރާކިން ބުނެލީ އަޑުހަރުކޮށެވެ.

"ރާކިން... އަހަރެން" ޒޭބާއަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ރާކިން އޭނާގެ އަތް ތިލަ ދައްކައިލަމުން މަޑުކުރުމަށް އެދުނެވެ. ޒޭބާ ވަގުތުން ހުއްޓުން އެރިއެވެ. ދުލު ކުރީގައި އޮތް ބަސް ވެސް އަރުތެރޭގައި ތާށިވިއެވެ. އޭނާ އެހެން ގަނބުވެފައި ހުއްޓާ ރާކިން ދޮރު ހުޅުވާލާފައި ނުކުތުމުން ޒޭބާގެ ރުޅި ހިލިގެން ދިޔައެވެ.

އޭނާ އެތާ ހުރި ގޮނޑީގައި ޖެހި ޖެހީނުން ވައްޓާލައިފިއެވެ. ރުޅިވެރިކަމާއެކު، އެތަނުން ނުކުތް އިރު ރާކިން އޮފީހުން ނުކުންނަނީއެވެ.

އަވަސް އަވަސް އަރުވާލާފައި ޒޭބާވެސް ވެސް ފޮށި ހިފައިގެން ނުކުތެވެ.

*****

ރައުދާ ގެއަށް ދޫކޮށްލުމާއެކު އަޔާން ވެސް ގިނަ ވަގުތު ހޭދަ ކުރީ ގޭގައެވެ.

މަންމަ ރައުދާއަށް ކާއެއްޗެއް ދީފައި ނުކުމެގެން ދިޔުމުން ދެމީހުން އެކަނިވިއެވެ. މާގިނަ ވާހަކައެއް ދެމެދުގައި ނުދެކެވެއެވެ. ރައުދާ ވެސް ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ ނުބުނެއެވެ. އޭނާގެ ސިކުނޑީގައި އޭރުވެސް ހިސާބެއްގެ ވަރުބަލި ކަމެއް ވިއެވެ.

އެނދުގައި އޮށޯވެ ދެލޯ މަރައިލި ރައުދާއަށް އަޔާން އައިސް އެނދުގެ އެއްފަރާތުގައި އޮށޯވެލިކަން އެނގުނެވެ. އެއާއެކު އޭނާއަށް ނޭނގޭ އުނދަގުލެއް ވިއެވެ. އަނެއް ފަރާތަށް އެނބުރުނު ނަމަވެސް، އޭނާގެ ނަފުސުގައި ހުރި އެ އުނދަގޫ ކަމަކަށް ބަދަލެއް ނައެވެ.

"ރައުދާ އަހަރެން ކައިރީގައި އޮންނަން ވެސް ހިންހަމަ ނުޖެހެނީތަ؟" ހިންހަމަ ނުޖެހުމާއެކު އަޔާންއަށް ސުވާލުކޮށްލެވުނެވެ. ރައުދާގެ ފަރާތުން ޖަވާބެއް ނުލިބުމާއެކު އަޔާން އެނދުން ތެދުވިއެވެ.. އޭނާ ގޮސް ހުއްޓުނީ ރައުދާ އާ ދާދި ގާތުގައެވެ.

ރައުދާ ދެލޯ މަރައިލި އެވެ. އަޔާން ގާތަށް ރުޅި އައި ނަމަވެސް، އޭނާ ބެލީ އެ ރުޅި އޭނާގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓޯއެވެ. އެހެންނަމަވެސް ރައުދާގެ ސަބަބުން އޭނާއަށް އެކަން ކުރަން އުނދަގޫވިއެވެ. ރައުދާގެ އަތުގައި ހިފައި އޭނާ ރައުދާ ސީދާކޮށްލިއެވެ. އަޔާން ކިތަންމެ ރުޅި އައި ކަމުގައި ވިޔަސް އޭނާގެ އަމަލުތަކުގައި އޯގާތެރި ގޮތެއް ހުއްޓެވެ އޭނާއަކީ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ކުރި މީހެއް ނޫނެވެ. އަދި އަމްދުން އަންހެނަކަށް އަނިޔާ ކޮށް އަތް އިސްކުރުމަކީ، އަޔާން ދުވަހަކުވެސް ކަންތައް ކުރަން ބޭނުންވާ ގޮތެއް ނޫނެވެ.

"އަހަރެން ދައްކާ ވާހަކަ އަޑު އަހަން ރައުއަށް ޖެހޭނީ..." އަޔާން ބުނެލިއެވެ. ރައުދާ އެއްޗެއް ނުބުނެ އިސްޖަހައިގެން އިންނަން ފެށުމުން އަޔާން އަނެއްކާ ވެސް ރައުދާ އެގޮތަށް ކަންތައް ކުރަނީ ކީއްވެތޯއާ ބެހޭގޮތުން ސުވާލު ކޮށްލިއެވެ. ކުޑަކޮށް ހަރުކަށިކޮށް ސުވާލުކުރުމުން ވެސް ރައުދާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

ރައުދާގެ އަތުގައި ހިފާ ތަޅުވައިލި އަޔާން އަނެއްކާ ވެސް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"އަހަރެން ފޫހިވެޔޭ އަޔާން... ތިހެން ނޫޅެބަލަ!" ރައުދާގެ އަނގައިން އެ ބަސްތައް ބޭރުވުމާއެކު އަޔާންއަށް ރައުދާގެ އަތުން އަތް ދޫކޮށްލެވުނެވެ. ރައުދާ އިސްޖަހައިލިއެވެ. އިތުރު އެއްޗެއް ނުބުނެ ގޮސް އަޔާން އިށީނީ ސޯފާގައެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒީޝާންއާ އަރްޒަންއާ ދެމެދު އޮތް ގުޅުން ވެސް އިތުރަށް ބަދަހި ވަމުން ދިޔަ އެވެ. އަޔާންއާއި ރައުދާގެ ގުޅުން އިހުނަށްވުރެ ހީނަރުވިއެވެ. ދަރިފުޅު ބައިގެން ދިޔަތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައުދާ ވެސް އަނެއްކާ ޑިއުޓީއަށް ނުކުންނަން ފަށައިފިއެވެ. މި ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާރާވެސް ކޮންމެވެސް ވަރަކަށް، ހަމަޖެހިލިއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާއަށް ކޮންމެވެސް ސިފައެއްގައި ރަފްހާންގެ އުނދަގޫ ފޯރައެވެ. ނަންބަރު ބްލޮކް ކޮށްލިއްޔާ ޑިއުޓީ އަށް ދާ ގަޑީގައި ވެސް ފަހަތުން އަންނަނީއެވެ. އެކަމާ ހެދި އާރާގެ، ހިތުގައި ނުތަނަވަސްކަން ވެސް އިންތިހާ ދަރަޖައިގައިވެއެވެ.

*****

އާދައިގެ މަތިން މަސައްކަތުގައި އުޅެފައި ރައުދާ ލިބުނު ބްރޭކް ގަޑީގައި އެއްޗެއް ކާލަން ދާން ގަސްތުކުރީ އެކުވެރި ކުއްޖަކު އޭގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރީތީއެވެ. ރައުދާ ނުކުތްއިރު ރޭމްޕް މެނޭޖްމެންޓްގެ މެނޭޖަރު ކަމާލު އެ ހިސާބާ އަރާ ހަމަވަނީއެވެ. ކަމާލު ރައުދާ އަށް ބަލައިލުމަށްފަހު، ހިނިތުންވެލިއެވެ. ރައުދާގެ މޫނުމަތިން އެހެން ފަހަރު ފަހަރު ފެންނަ ރުޅިވެރިކަން ނުފެނުނީތީ ކަމާލުގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އޭނާ ރައުދާއަށް ގޮވައިލިއެވެ.

މަޑުމަޑުން ބޯ ޖަހައިލުމަށްފަހު ރައުދާ ދުރަށް ހިނގައިގަތެވެ. އޭރު އޭނާގެ ސިކުނޑީގައި ވެސް ހިސާބެއްގެ ހައިޖާނުގަނޑެއް ރަސްކަން ކުރަމުން ދިޔައެވެ. ކަމާލުދެކެ އޭނާ ކުރިން އެހާ ރުޅި އަންނަ އިރު މިފަހަރު އޭނާއަށް އެ ރުޅިގަނޑު ނުދެއްކުނީ ކީއްވެހެއްޔެވެ؟ ވިސްނުމެއްގައި ހުރި ރައުދާގެ ފޯނުގެ ރިންގާއެކު އޭނާގެ ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ގޮސް ހަމަ ބިމަށް އާދެވިއްޖެއެވެ. އެ ޚިޔާލްތަކާ ދުރުވަމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ފިޔަވަޅުތައް ބާރު ކޮށްލިއެވެ.

*****

ޖިނާން ސްޓޭންޑް ބައި ޑިއުޓީއަށް އެއާޕޯޓަށް އައިއިރު އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ރަފްހާން ފެނި އޭނާއަށް ދެބުމަ ގާތް ކޮށްލެވުނެވެ. އާރާ ޑިއުޓީ ނިންމާލާފައި ނުކުންނަ ގަޑިއަށްވުމާއެކު އޭނާއަށް ފިޔަވަޅުތައް ބާރުކޮށްލެވުނީ އާރާ ގާތު ނުނިކުމެ މަޑުކޮށްލުމަށް ބުނަން ދިޔުމުގެ ބޭނުމުގަ އެވެ. ރަފްހާންގެ ލޮލުގައި ޖިނާން އަޅައިގަތުމާއެކު އޭނާ ޖިނާން ކައިރިއަށް ޖެހިލިއެވެ.

"އޭތް. އާރާ ކައިރީގައި ބުނޭ އަހަރެން އެބަ ހުއްޓޭ އިންތިޒާރުގައި..." ރަފްހާން ހަރުކަށި ރާގެއްގައި ބުނެލިއެވެ.

"އާރާ އާ ކަލެއާ މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ!" ޖިނާން ވަރަށް ހަމަޖެހިލާފައި ޖަވާބު ދީފައި އަނެއްކާ ވެސް ކުރިއަށް ހިނގައިގަތެވެ.

"އޭތް އަދި ކަލޭ ތީ ކާކު؟" ޖިނާން ފަސްދީ ހިނގައިގަތުމުން ރަފްހާން ޖިނާންގެ ގިރުވާނުގައި ހިފެއްޓިއެވެ. ފަހަތުން ހިފައްޓާފައިވާ ގޮތުން ޖިނާންއަށް ކުޑަކޮށް ނޭވާ ލާން ވެސް އުނދަގޫވިއެވެ.

"ކަލޭ ސިކުނޑި ހަމަ ނުޖެހެނީތަ އަޅެ. އާރާ ބުނެފިއެއްނު ތި ގުޅުން ނިމުނީއޭ. ކުރިން ދުވަހު މިތަނަށް މީހުން އެއްކުރިހެން އެއްކުރަން އުޅޭނެ ކަމެއް ނެތް!" ޖިނާން ގާތަށް ވެސް ރުޅި އަތުވެއްޖެއެވެ.

"އާރާއާ ކަލެއާ ކޮން ގުޅުމެއް އޮންނަނީ؟ ހަމަ މިހާރު ބުނޭ؟" ރަފްހާން އޭނާގެ ޝަހާދަތް އިނގިލި ޖިނާންއާ ދިމާލަށް ދިއްކޮށްލަމުން އަހައިލިއެވެ.

ރަފްހާންގެ ރުޅިވެރި މޫނާ އެ މޫނުމަތީގައި ވި އަސަރުތައް ފެނި ޖިނާން ވެސް ރަފްހާން ތަޅުވައިލަން ބޭނުންވިއެވެ.

"އަހަރެން އުޅެނީ އާރާއާ ރައްޓެހިވެގެން. އެއީ އަހަރެންގެ ލޯބިވެރިޔާ އެނގިއްޖެތަ؟ ދެން އަވަހަށް މިތަނުން ދާން އުޅޭ! އެހެންނޫނީ މަންޒަރު މާރީއްޗެއް ނުވާނެ" އިންޒާރެއް ދޭ ފަދައަކުން ޖިނާން ރަފްހާންގެ މޭގައި އަތް ޖައްސައިލިއެވެ. އޭނާ އެއްމިޔަކަށް ހީލިއެވެ.

"އަހަންނަށް އޭރުވެސް އެނގޭ.... ކަލެމެން ދެމީހުން ގުޅުމެއް އޮތްކަން..." ރަފްހާން ހީވަނީ މޮޔަވެފައިހުރިހެންނެވެ. ރަފްހާންއަށް ވެފައި ހުރި ގޮތުން ޖިނާން އަށް ލިބުނީ އިތުރު ފޯރިއެކެވެ. އޭނާ ޖޯޝާއެކު އަނެއްކާވެސް ކުރިން .ބުނެލި ޖުމްލަ ތަކުރާރުކޮށްލިއެވެ. އެއާއެކު ރަފްހާން ގޮށްމުށުން ޖިނާންގެ ކޯތާފަތް މަތީގައި ޖަހަން އަތް މަޅާލިއެވެ. އެކަމަކު އެ އަތުގައި ހުޝިއާރު ކަމާއެކު ޖިނާން ހިފެއްޓިއެވެ. އެއަށްފަހު އެ އަތް ފޮޅުވާލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.

އޮފީހާ ހިސާބަށް ދެވުނު އިރު އާރާ ނުކުންނަނީއެވެ. ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދެމުން ޖިނާން އެދުނީ އާރާ ގާތު އެހަށް މަޑުކުރުމަށެވެ.

*****

ޑިއުޓީ ނިންމާލާފައި އައިސް އަރްޒަން ގެއަށް ވަދެ ފެންވަރާލިއެވެ. އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނަގައިގެން އެ ލައިގެން އެނބުރިލި ތަނާ ސިހުން ގެނުވީ ފޯނު ރިންގް ވި އަޑާ އެކުގައެވެ. ޒީޝާންއޭ ހިތާ އޭނާ އަވަސް އަވަހަށް ގޮސް ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލައިލިއެވެ. ޒީޝާންއަށް ނުވުމާއެކު އަރްޒަން ހިސާބަކަށް މާޔޫސް ވާ ގޮތް ވެސް ވިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ދެ ވިސްނުމެއްގައި ހުރެ ފޯނު ނަގާ ކަންފަތުގައި އަރްޒަން ޖައްސައިލިއެވެ.

އެ ކޮޅުން ހަލޯ އޭ ބުނެލި އަޑު އިވި އޭނާއަށް ނިތަށް ރޫތައް ގިނަ ކޮށްލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު