މިއަދާ ހަމައަށް 57 ރިސޯޓު އޮޕަރޭޝަނުގައި

ސޮނޭވާ ޖާނީ ރިސޯޓް

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާ ޓޫރިސްޓުންނަށް ހިދުމަތްދޭން ފެށިފަހުން މިއަދާއި ހަމައަށް 57 ރިސޯޓު އޮޕަރޭޓު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާތަނަށް 61 ރިސޯޓަކަށް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ. އޭގެ ތެރޭ ހިމެނެނީ މިއަދުގެ ނިޔަލަށް ހުޅުވައި އޮޕަރޭޓު ކުރަން ހުއްދަ ދިން 57 ރިސޯޓާއި ސެޕްޓެމްބަރުގެ ފަހުން އޮޕަރޭޝަނަށް ގެންނަ ރިސޯޓެއްގެ އިތުރުން އޮކްޓޯބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް ހުއްދަ ދިން ތިން ރިސޯޓެކެވެ.

އޭގެ އިތުރުން މީހުން ދިރި ނޫޅޭ ރަށްރަށުގައި ހިންގާ ދެ ހޮޓަލަކަށްވެސް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ. މީގެ ތެރޭ ހިމެނެނީ ބ، ފިނޮޅަސްގައި ހިންގާ އަމިއްލަ ފުއްޓާއި ގއ ކޫއްޑޫގައި ހިންގާ މާކިޔޯ މޯލްޑިވްސް ކޫއްޑޫ އެވެ.

މިހާތަނަށް 22 ޓޫރިސްޓު ވެސެލް އަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދޫކޮށްފައިވާއިރު ގްރޭޓާ މާލޭ ސަރަހައްދުން ޓްރާންސިޓް ފެސިލިޓީތަލުގެ ގޮތުގައި ހިންގުުމަށް އަށް ތަނަކަށް ވަނީ ހުއްދަ ދީފައެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާ އޮޕަރޭޓު ކުރަން ފަށަން ހުއްދަ ދޭނެ ތާރީހެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް