އެމްޓީސީސީ އަށް 248 މިލިއަން ރުފިޔާގެ އާމްދަނީއެއް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 248 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު 354 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 106 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެމްޓީސީސީ އަށް ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 53 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީސީސީ އިން ބުނީ ކުންފުނީގެ ވިޔަފާރިއަށް ކޮވިޑް19ގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. ކޮވިޑް19ގެ ފުރަބަންދާއެކު ޓްރޭޑް އަދި ދަތުރުފަތުރުގެ ސެކްޓާ އިން 50 ޕަސެންޓުގެ ދަށްވުމެއް އާމްދަނީ އަށް އައި ކަމަށާއި ފުރަތަމަ ކުއާޓާރާ އަޅާ ބަލާޢިރު ދެވަނަ ކުއާޓަރުގައި އެކުންފުނީގެ އާމްދަނީ 30 ޕަސެންޓް ދަށްވެފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ކޮވިޑް19ގެ ސަބަބުން އެކުންފުނީގެ ޕްރޮޖެކްޓުތަކަށް ބޭރުން ގެންނަ ސާމާނު ގެނައުމުގައއްޔާއި ރަށްތަކަށް އެތަކެތި ފޮނުވުމުގައިވެސް ލަސްތައް ދިމާވިކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މީގެ އިތުރުން ކޮވިޑާއެކު އެކުންފުނީގެ ޓްރޭޑިން ޑިޕާޓްމެންޓަށް ފުރަތަމަ ފަހަރަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަންވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.

އެމްޓީސީސީ އިން ބުނީ އަހަރުގެ ބަކީ ހަމަހަކީވެސް ދަތި އުނދަގޫ ދުވަސްތަކަކަށް ވެދާނެ ކަމަށާއި، ކުންފުނީގެ ފައިނޭންޝަލް ފޯކާސްޓްތައް ރިވައިސްކޮށް، ކޮވިޑް19ގެ ހާލަތުގައި ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށެވެ.

comment ކޮމެންޓް