އަހަރީ ދުވަހާއެކު އުރީދޫ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ

އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުންފުނީގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް ހަދިޔާއެއްގެ ގޮތުން ހިލޭ ޑޭޓާ އާއި ކޯލް ރޭޓްތަކުން ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

އުރީދޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި ހާއްސަ އޮފާތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބޭއިރު ކޮންމެ މަހަކު ޕޯސްޓްޕެއިޑް ޑޭޓާ އެކްޓިވޭޓް ކުރާ ފަރާތްތަކަށް 20 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރާ ކޮންމެ ރީޗާޖަކަށް 15 ޕަސެންޓުގެ އިތުރު ޑޭޓާ އަދި ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯނު ކޯލުތަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

ޑޭޓާގެ ހިދުމަތްތައް އެކްޓިވޭޓުކުރުމަށް އުރީދޫ އެޕްލިކޭޝަން ބޭނުންކުރުމަށް އެކުންފުނީން ވަނީ އެދިފައެވެ. އަދި ކޯލް ޑިސްކައުންޓަށް ގުޅާ ގައުމުގެ ކޯޑުގެ ކުރިއަށް "011" ބޭނުންކުރުމުން 15 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އަހަރީ ދުވަހާ ގުޅިގެން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ އުރީދޫގެ ކާމިޔާބު 15 އަހަރުގެ ރާސްތާގައި ކަސްޓަމަރުންގެ ފަރާތުން މެދުކެނޑުމެއް ނެތި އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އެކަމަށް ނަޖީބް ހާން ވަނީ ޝޫކުރު އަދާކުރައްވާފައެވެ.

" އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާއި ގުޅުވާލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންއަރުވަން،" އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް