އައްޑޫ ރޭޕް ކޭސްއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވެފައިވާ އަންހެނެއް ރޭޕްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ ރޭޕް ކޭސްގެ މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 30 އަހަރު ފިރިހެނެއް ކަމަށެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނެއް ރޭޕް ކޮށްފައިވާ މައްސަލައެއް އިއްޔެ ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މި ފަހަކަށް އައިސް ރޭޕް އަދި ޖިންސީ ގޯނާގެ މައްސަލަތައް އާންމުކޮށް އެފަދަ މައުލޫމާތު ރިޕޯޓުކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ޒުވާނުން ދަނީ މުޒާހަރާތައްވެސް ބާއްވަމުންނެވެ.

އެގޮތުން އައްޑޫ ރޭޕް ކޭސްގެ އިތުރުން ދެކުނު އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް އިއްޔެ ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 46 އަހަރުގެ ފިިރިހެނެއް ހައްޔަރުކޮށްފައިވަނީ އެމީހާ ހައްޔަރު ނުކޮށްގެން ރަށު ރައްޔިތުން މުޒާހަރާކުރަމުންދަނިކޮށެވެ.

comment ކޮމެންޓް