ދިރާގުގެ ހޯމް ފައިބާ އިންޓަނެޓަށް އިތުރު ޑޭޓާ އަދި އިތުރު ސްޕީޑް

ދިރާގުން މިއަދު އެކުންފުނީގެ ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެކަން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ މި ފަހަރު ގެނައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ އެވެ.

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަނގަޅު ސްޕީޑްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ އެވެ.

މިއައި ބަދަލާ ގުޅޭ ގޮތުން، ދިރާގު ޗީފް މާކެޓިން އޮފިސަ މަހުމޫދު ދައްސާ ވިދާޅުވި ގޮތުގައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހުފީ އިން 21-41 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން، ޑިޖިޓަލް ކޮށް ކިޔަވާ، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދުކުރަން،" މަހުމޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ދިރާގުން ބުނީ ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ދިރާގުން ގަސްތުކުރީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބާ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ގިނަ ގޭބިސީތަކަށް މިހާރު ދިރާގު ފައިބަރ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވެ އެވެ. އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގުފަހިކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ދިރާގުން ބުންޏެވެ. އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސްމެ އެވެ. އެގޮތުން އަގު، ކޮލިޓީ އަދި ސްޕީޑަށް އެއްވެސް ތަފާތުކުރުމެއް ނެތި މިހާރު ރާއްޖޭގެ ގޭބިސީގެ 76 ޕަސެންޓަށް އަދި 61 ރަށަށް މިހާރު މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.

ދިރާގުން މި އަޕްގްރޭޑް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގަ އެވެ. ވަކިން ހައްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް