މާލެއިން ހއ. އިހަވަންދުއަށް ދަތުރުކުރި ބޯޓެއް ކަމަށްވާ "242"ގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިހަވަންދޫ ކައުންސިލުން މިއަދު ބުނެފައިވަނީ އެ ވައިރަސްއަށް ޕޮޒިޓިވް ވެފައިވަނީ ބޯޓުގެ ކޭޝިއަރެއް ކަމަށާއި އޭނާ ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނީ ރޭގައި ކަމަށެވެ.
މާލެއާއި އިހަވަންދޫއާ ދެމެދު ދަތުރުކުރާ އެ ބޯޓު އިހަވަންދޫއަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އެ ބޯޓުން ޕޮޒިޓިވް ވެފައިވަނީ ފިރިހެން މީހެއް ކަމަށާއި އޭނާ ރަށަށް ދިޔައިރު ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނެފައިވަނީ އެމީހާ ރަށުގައި ހުރިއިރު އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިހަވަންދޫއިން ޕޮޒިޓިވް ކޭސް ފެނުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް މިހާރު ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ.
ކައުސިލުން ބުނިގޮތުގައި އެ ކޭސް އާ ގުޅިގެން ކްލަސްޓާ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސަބަބަކީ އެ ބޯޓަކީ ގިނަ މީހުން އުޅޭ ބޯޓެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އިހަވަންދޫއިން ކޮވިޑް-19 ޕޮޒިޓިވް ކޭސް އެއް ރޭގައި ފެނުނުއިރު ކ. މާފުށީން ވަނީ ރޭގައި ޕޮޒިޓިވް ދެ ކޭސް ފެނިފަ އެވެ. އޭގެއިތުރުން ވ. ފުލިދޫ އާއި ޅ. ހިންނަވަރުންވެސް ވަނީ އިއްޔެ ވައިރަސްއަށް ޕޮޒިޓިވް ކޭސްއެއް ފެނިފަ އެވެ.