މިއަދުން ފެށިގެން މާސްކް އެޅުން މަޖުބޫރުވާނެ

ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭގައި މީހަކު މާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން ދެ އަހަރު ނުވާ ކުޑަކުދީންނާއި ކަސްރަތުކުރާ މީހުން ނޫން ފަރާތްތައް ބޭރުގައި އުޅޭ އިރު މާސްކު އެޅުން މިއަދުން ފެށިގެން ލާޒިމުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

މާސްކް ނާޅާ ނަމަ މިއަދުން ފެށިގެން 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފުލުހުން މިއަދު އާންމު ކުރި އެޗްޕީއޭގެ އެންގުމެއްގައި ބުނީ މާލެ ސަރަހައްދު (ވިލިމާލެ، ހުޅުމާލެ) ހިމެނޭ ގޮތުން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށް މާސްކް އަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމުން އިސްތިސްނާ ވާނީ، އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި ނަގާ ނުހެދޭ ހާލަތުގައި ތިބޭ މީހުން ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

ފުލުުހުން ބުނީ މިއަދުން ފެށިގެން އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މީގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މާސްކް ނާޅާ އާންމު ތަންތާގައި ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެ އިލްތިމާސަށް ބޯ ލަނބާފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 3793 އަށް އަރާފަ އެވެ. އަދި 16 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް