އުރީދޫއަށް ފަނަރަ، ދިވެހިން ގުޅުވާލަދިން ބައިވެރިޔާ

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅާއެކު އުރީދޫއިން މަސައްކަތް ކުރަނީ --- ފޮޓޯ : އުރީދޫ

ރާއްޖޭގެ އެންމެ ބޮޑު އެއް މޯބައިލް އޮޕަރޭޓަރު އުރީދޫއަށް މިއަދު 15 އަހަރު ފުރުނީ އެވެ. ވަތަނިއްޔާ މޯލްޑިވްސްގެ ނަމުގައި އުފެދިގެން އައި ކުންފުނި އުރީދޫއަށް ބަދަލުކޮށް ކުންފުނިން ވޭތުކުރި 15 އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ ޓެކްނޮލޮޖީގެ ގޮތުން އާ ކުރިއެރުންތަކެއް ހޯދައި ގިނަ ކަންތައްތަކެއް ތައާރަފުކޮށްފަ އެވެ.

ރާއްޖޭގައި މޯބައިލް ފޯނު އަދި ކަނެކްޓިވިޓީގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ އެންމެ ފުރަތަމަ ދިރާގުން އެކަންޏެވެ. ނަމަވެސް 2005 ވަނަ އަހަރުގައި ވަތަނިއްޔާ މޯލްޑިވްސްގެ ނަމުގައި މުޅިން އާ ކުންފުންޏެއް އުފައްދާ މޯބައިލް ސާވިސް ކުންފުނީގެ ވާދަވެރިކަން އިތުރުކޮށްލި އެވެ.

އެއަށްފަހު ވަތަނިއްޔާއިން ވަނީ ރާއްޖެއަށް ތަފާތު ގިނަ ހިދުމަތްތައް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި އެސްއެެމްއެސްގެ ހިދުމަތުގެ އިތުރުން 3ޖީގެ ހިދުމަތް ތައާރަފުކުރުން ހިމެނެ އެވެ.

އުރީދޫއަށް ކުންފުނީގެ ނަން ބަދަލުކުރުމުގެ ކުރިން ވަތަނިއްޔާއިން ވަނީ ޕްރިޕެއިޑް ބްރޯޑްބޭންޑާއި 3ޖީ މެދުވެރިކޮށް ރާއްޖޭގައި ވީޑިއޯ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ތައާރަފުކޮށްފަ އެވެ.

އުރީދޫއަށް ނަން ބަދަލުކުރުމުގެ ކުރީން ވަތަނިއްޔާއިން ހިދުމަތް ދެމުން ގެންދިޔައިރު ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ : އުރީދޫ

ވަތަނިއްޔާގެ ނަން އުރީދޫއަށް ބަދަލުކޮށް ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ. އެ އަހަރުގައި އުރީދޫއިން ވަނީ ފިކްސްޑް އަދި މޯބައިލް ބްރޯޑްބޭންޑަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެލްޓީއީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. އެ ހިދުމަތަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވާވޭއާ ގުޅިގެން ތައާރަފުކުރި ހިދުމަތެކެވެ.

އޭގެއިތުރުންވެސް ތަފާތު ގިނަ ކާމިޔާބީތަކެއް އުރީދޫއިން ވަނީ ހޯދާފައެވެ. އެގޮތުން 2015 އަހަރުގައި އުރީދޫއަށް ވަނީ ފިކްސްޑް ލައިން އިންޓަނެޓް ސާވިސްގެ ހިދުމަތް ދޭ ލައިސަންސްގެ ހުއްދަ ލިބިފައެވެ. އޭގެއިތުރުން އުރީދޫގެ ޔޫޒަރުންނަށް ފޭސްބުކްގެ ފްރީ ބޭސިކްގެ ހިދުމަތް ވަނީ ތައާރަފުކޮށްފައެވެ. އަދި އެ އަހަރު ވަނީ ރާއްޖެއަށް ހާއްސަ ސަބްމެރީން ކޭބަލްގެ ޕްރޮޖެކްޓް ފަށާފައެވެ. އެ ޕްރޮޖެކްޓް ވަނީ ޖެހިގެން އައި އަހަރުގެ ތެރޭގައި ނިންމާލާފައެވެ.

ޖެހިގެން އައި 2016 ވަނަ އަހަރަކީވެސް އުރީދޫއަށް ބޮޑު އަހަރެކެވެ. އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ މޯބައިލް ފައިސާގެ ހިދުމަތް "އެމް-ފައިސާ" ވަނީ އުރީދޫއިން ތައާރަފުކޮށްފައެވެ. ފިކްސްޑް ބްރޯޑްބޭންޑް "އުރީދޫ ސުޕަނެޓް" އާއި އުރީދޫ ސްމާޓް ކެމްޕަސްގެ ހިދުމަތްވެސް ތައާރަފުކޮށްފައިވަނީ އެ އަހަރެވެ. ވިޔަފާރީގެ ގޮތުން ބަލާނަމަ 2016 ވަނަ އަހަރު އެކުންފުނި ޕްރައިވެޓް ކުންފުންޏަކުން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރިއެވެ. އަދި ކުންފުނީގެ 100 މިލިއަން ޑޮލަރުގެ ރެވެނިއުގެ ލަނޑުދަނޑިއަށް ވަނީ އެ އަހަރު ވާސިލުވެފައެވެ.

އުރީދޫއިން ކުރިއަށް ގެންދާ މަސްރޭސް ހަރަކާތުގެ ތެރެއިން --- ފޮޓޯ : އުރީދޫ

އުރީދޫއިން 2017 ވަނަ އަހަރުގައި ވަނީ ތަފާތު އިތުރު ޕްރޮޑަކްޓްތަކެއް ލޯންޗުކޮށްފަ އެވެ. އެގޮތުން މުޅި ރާއްޖެއަށް 4ޖީ ޕްލަސްގެ ހިދުމަތް ފުޅާކޮށް އުރީދޫ މަގޭ ޕްލޭން ވަނީ ތައާރަފުކޮށްފައެވެ. އުރީދޫގެ ފްލެގްޝިޕް ބިލްޑިންއެއްވެސް އެ އަހަރު ހުޅުވާފައިވެއެވެ. އެންމެ ގިނަ އަދަދެއްގެ ދިވެހީންގެ މެދުގައި މަގުބޫލު ދުވުމުގެ މުބާރާތް ކަމަށްވާ އުރީދޫ "ކަލަރ ރަން" ތައާރަފުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީގެ ހިދުމަތް ޓެސްޓުކޮށް ސްޕީޑުތައް ބަލައި ޓެސްޓުކޮށްފައިވަނީ އުރީދޫއިން 2018 ވަނަ އަހަރުގައެވެ. އެެމެރިކާގެ މަޝްހޫރު ސްޓްރީމިން ސާވިސް އެމޭޒަން ޕްރައިމް އެ އަހަރު ރާއްޖޭގައި އުރީދޫއިން ލޯންޗުކުރިއިރު އެކުންފުނީގެ މަގުބޫލު މުބާރާތް "މަސް ރޭސް" އަލުން ފަށާފައިވަނީވެސް އެ އަހަރު އެވެ.

ޖެހިގެން އައި އަހަރަށް ދިޔައިރު އުރީދުގެ ބޮޑެތި ހިދުމަތްތައް ވަނީ ގައުމުގެ ބޮޑު ބަޔަކަށް ފޯރުކޮށްދެވިފައެވެ. އެގޮތުން އުރީދޫއިން ތައާރަފުކުރި ސުޕަނެޓްގެ ހިދުމަތް ވަނީ ރާއްޖޭގެ 65 ޕަސެންޓު ސަރަހައްދަށް އެ އަހަރު ނިމެންވީއިރު ފޯރުކޮށްދީފައެވެ. އުރީދޫގެ މަގުބޫލު އީ ކޮމާސް ޕްލެޓްފޯމް ކަމަށްވާ "މޫލީ" މިދިޔަ އަހަރު ތައާރަފުކުރިއިރު ވައިފައި މެދުވެރިކޮށް ވޮއިސްކޯލް ކުރެވޭ ހިދުމަތްވެސް ވަނީ އުރީދޫއިން ތައާރަފުކޮށްފައެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ބިޒްނަސް އޮފް ދަ އިޔާ އެވޯޑް މިދިޔަ އަހަރު އުރީދޫއަށް ލިބިގެން ދިޔުމަކީ ކުންފުނީގެ މަސައްކަތައް ލިބިގެންދިޔަ އިތުރު ކުރެއެރުމެކެވެ.

މިއަހަރަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެކި ކަހަލަ ދަތިތައް ކުރިމަތިވަމުންދާ އަހަރެކެވެ. އެއާ ގުޅިގެން އުރީދޫއިން ދަނީ ކަސްޓަމަރުންނަށް އެކި ކަހަލަ ލުއިތައް ދީ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސަރުކާރުގެ ކޮވިޑް-19 ރިލީފް ފަންޑަށް އުރީދޫގެ ފަރާތުން 2.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ހޮސްޕިޓަލުތަކަށް އުރީދޫއިން ވަނީ އިންޓިއުބޭޝަން ފޮށިތަކެއްވެސް ހަދިޔާކޮށްފައެވެ. އުރީދޫގެ ކަސްޓަމަރުންނަށް ޑޭޓާ ޕެކޭޖުތަކަށް ލުއި ދީ ޑިސްކައުންޓުތައް އުރީދޫއިން ވަނީ މިދަނޑިވަޅުގައި އާންމުކޮށްފައެވެ.

އުރީދޫއިން މިއަހަރު އާާންމުކުރި ހިދުމަތްތަކުގެ ތެރޭގައި "ފޭސްބުކް ފްލެކްސް" ހިމެނެ އެވެ. އެއީ އުރީދޫ ކަސްޓަމަރުންނަށް ފޭސްބުކް ހިލޭ ބޭނުންކުރެވޭ ހިދުމަތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް