ކޮރޯނާވައިރަހުގެ ސަބަބުން ހޮންކޮންގްގެ އިންތިހާބު އެއް އަހަރަށް ފަސްކޮށްފި

ހޮންކޮންގް (ޖުލައި 31): ހޮންކޮންގްގައި އަންނަ ސެޕްޓެމްބަރު ފަހެއްގައި މަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު އެއް އަހަރު ދުވަހުގެ މުއްދަތަށް ފަސް ކޮށްފައިވާ ކަމަށް އެ ސިޓީގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ވިދާޅުވި ގޮތުގައި އެކަމަނާއަށް ކުއްލި ހާލަތްތަކުގައި ލިބިދީފައިވާ ބާރުތަކުގެ ދަށުން އިންތިހާބު ފަސް ކުރަން ނިންމަވާފައި ވަނީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކަ އެވެ. އަދި ލާމް ވަނީ ހޮންކޮންގްގައި ބަލީގެ ހާލަތު ޖެނުއަރީ މަހުގެ ފަހުން ގޯސް ނުވާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމަށާއި އިންތިހާބު ބޭއްވުމުން ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ބޭނުން ހަމަހަމަކަމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ސިއްހަތު ރަނގަޅުކަން ޔަގީންކުރަން އަދި އިންތިހާބު ބާއްވަނީ ހަމަހަމަކޮށް ހާމަކަން ބޮޑު ގޮތެއްގައިކަން ވެސް ޔަގީން ކުރަން. ވީމާ [އިންތިހާބު ފަސް ކުރަން] ޖެހުނީ،" ލާމް ވިދާޅުވި އެވެ.

ޗައިނާގެ ސަރުކާރުން ތާއިދުކޮށްފައިވާ އެ ނިންމުމާ ގުޅިގެން ހޮންކޮންގްގެ އިދިކޮޅު ފަރާތްތަކުން ވަނީ އެ ސަރަހައްދުން ލީޑަރުން، އިންތިހާބުގައި މީހުން ވޯޓުލުން ހުއްޓުވުމަށް ޓަކައި ބަލިމަޑުކަން އުޒުރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އިންތިހާބު ފަސް ކުރަން ޖެހޭ ވަރަށް ބަލި ނުފެތުރޭ ކަމަށާއި ފާއިތުވި މަސްތަކުގައި އިންތިހާބުތައް ބާއްވާފައިވާ 40 ވަރަކަށް ގައުމަކީ ހޮންކޮންގަށް ވުރެ ބޮޑަށް ވައިރަސް ފެތުރިފައިވާ ގައުމުތައް ކަން ފާހަގަ ކޮށްފަ އެވެ.

ހޮންކޮންގްއިން އިންތިހާބު ފަސް ކުރުމުގެ ކުރިން ވަނީ އެ އިންތިހާބުގައި އިދިކޮޅު 12 ކެންޑިޑޭޓަކު ވާދަ ކުރުން މަނާކޮށްފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ހޮންކޮންގްގެ މިނިވަންކަމަށް ގޮވާލުމާއި، އެ ސިޓީގެ ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ވަނުމަށް އެދުމާއި އެ ސަރަހައްދުގެ އަމަނާ ބެހޭ ގާނޫނާ ދެކޮޅު ހެދުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް ލާމް ވަނީ އިންތިހާބު ފަސް ކުރީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި އެއީ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ.

ހޮންކޮންގްގައި ބަލި ފެތުރުން ދެ ފަހަރަކު ކޮންޓްރޯލް ކުރި ނަމަވެސް އެ ސިޓީން 'ތިން ވަނަ ރާޅެއް' ފެންނަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. އެގޮތުން އެ ސިޓީން މަދު ކޭސްތަކެއް ފެންނަތާ ހަފްތާތަކެއްވީ ފަހުން، ފާއިތުވި 10 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކުވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

އޭގެ ސަބަބުން ހޮންކޮންގްގެ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ލާމް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ސިޓީގައި ވަނީ ގެއިން ބޭރުގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ކުރުން ފަދަ ޖިސްމާނީ ގައިދުރު ކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް އަޅާފަ އެވެ.

comment ކޮމެންޓް