ކޭސްތައް އިތުރުވާނަމަ އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ނުފެށޭނެ: އަމީން

30 އެޕްރީލް 2020: ކޮވިޑް-19 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

ކޮވިޑް-19ގެ ކޭސްތައް އިތުރުވާނަމަ އޮގަސްޓުގައި މާލޭގެ ސްކޫލްތަކުގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ފެށިދާނެކަމަށް ނުބެލެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންް ވިދާޅުވެއްޖެއެވެ.

ކޮވިޑް ރޯގާ ފެތުރޭތީ މިދިޔަ މާޗް މަހު ސްކޫލްތައް ބަންދުކުރުމަށްފަހު ސްކޫލްތައް އަލުން ހުޅުވީ މިމަހުއެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި ސްކޫލްތައް ހުޅުވީ ގްރޭޑް ނުވަޔަކުން މައްޗަށެެވެ.

ޕީއެސްއެމްއިން މިރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ސްކޫލްތަކުގެ އިތުރު ގްރޭޑްތަކަށް އަންނަ މަހު 15 ގައި ކިޔަވައިދޭން ފެށޭނެއޭ ބުނަން ސީދާ ދަތި ކަމަށެެވެ. އަދި ކޭސްތައް އިތުރުވާނަމަ ސްކޫލްތައް އޮންނާނީ ހުޅުވޭ ހާލަތެއްގައި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އެހެންވީމާ ސްކޫލް ހުޅުވޭކަހަލަ ހާލަތެއް ނެތް ކަމަށްވަންޏާ ސްކޫލް ހުޅުވާކަން ނުއެއް ވިސްނަން ސަރުކާރުން. އެހެން ނަމަވެސް މިއަދު އަޅުގަނޑަށް އުނދަގޫ ބުނަން ހުޅުވޭނެއޭ ނުހުޅުވޭނެއޭ ބުނަން އުނދަގޫ މިހާރު ޕްރޮޖެކްޝަންތަކަށް ބަލާއިރު އަޅުގަނޑުމެން މިހާރު އަޅާ ފިޔަވަޅުތަކަށް މީހުން ތަބާނުވާކަމަށްވާނަމަ އެ ހިސާބަށް ދާއިރު ސްކޫލްތައް ހުޅުވޭނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." އަމީން ވިދާޅުވިއެވެ.

އަމީންް އިތުރަށް ވިދާޅުވީ މިހާރު އަޅާ ފިޔަވަޅުތަކަށް މީހުން ބޯލަނބައިގެން ތިބޭނަމަ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް އެ ކޮންޓްރޯލްކުރުމުގެ ބަދަލު ފެންނަންވެސް ވަގުތު ނަގާނެ. މިހާރު ތަންކޮޅެއް އަވަސް އޮގަސްޓް 15 އާ ހިސާބަށް އެއްޗެއް ދަންނަވަން އުނދަގޫ. އެހެން ނަމަވެސް ކޭސްތައް މިމިންވަރުން އިތުރުވާނަމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސްކޫލްތައް ހުޅުވޭނެ ކަމަކަށް. އެހެން ނަމަވެސް މި މަސައްކަތް ކުރަނީ ކޭސްތައް މަދުކުރުމަށް ފިޔަވަޅުތައް އަޅާފަ އެ ފިޔަވަޅުތަކާ އެއްކޮށް ބަދަލު އަންނަމުންދާނަމަ އެ ފިރުސަތު ހުޅުވިގެންދާނެ" އަމީން ވިދާޅުވިއެވެ.

އާމީން ވިދާޅުވީ ސްކޫލްތަކާ ގުޅޭ ގޮތުން އިތުރު ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި އަދި އެކަމާ ބެހޭ މާއުލޫމާތު ހާމަކުރާނެ ކަމަށެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ އަންނަ މަހުގެ މެދުތެރޭ ގްރޭޑް ހަތެއް އަދި އަށަަކަށް ކިޔަވައިދޭން ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށެެެވެ. އަދި އެގޮތަށް ނިންމީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދާ އެއްގޮތަށްކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް ފަހަކަށް އައިސް މާލޭ ސަރަހައްދުން ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާ ގުޅިގެން މާލޭގެ ގިނަ ސްކޫލްތަކަށް ކިޔަވަން ދަރިވަރުން ނުދެއެވެ.

އެޗްޕީއޭއިން ލަފާކޮށްފައިވާ ގޮތުގައި މިފެށޭ އޮގަސްޓު މަހު ކޮރޯނާގެ ކޭސްތައް އަދި ވަރަށް ބޮޑަށް އިތުރުވެގެން ދާނެއެވެ.

comment ކޮމެންޓް