ކާބޯތަކެތި ދިނުމަށާއި ފެނާއި ކަރަންޓަށް ހުރަސް އެޅީ ސީލްއިން، ތަހުގީގު ކުރަމަށް އެދެފިން: ރިޒް

ބޮޑުފިނޮޅުގައި ތިބި ބިދޭސީން -- ފޮޓޯ/ ނަވާނަވައި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ، ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅައި، ފެނާއި ކަރަންޓުގެ ހިދުމަތައް ދިނުމަށްވެސް ހުރަސް އެޅީ ސީލް މޯލްޑިވްސް އިން ކަމަށް އެ ރަށުގެ މަސައްކަތާ ހަވާލުވި ރިޒް ކުންފުނިން ބުނެފިއެވެ.

ބޮޑުފިނޮޅުގައި އިއްޔެ އިން ފެށިގެން ކަރަންޓާއި ފެން ނެތުމުން އެރަށުގައި ތިބި ބިދޭސީން ވަނީ ހާލުގައި ޖެހިފައެވެ. އެއާއެކު މިއަދު މެންދުރު ފަހު އެމީހުން އެ ރަށުން ހުޅުމާލެ ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެެވެ.

އެކަމާ ގުޅިގެން ރިޒް ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ލޯ ފާމުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ކުންފުނީގެ ފަރާތުން ދެ ދެދުވަސް މަތިން އެ ރަށުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ގެންދިޔުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ސީލް ކުންފުނިން އެރަށަށް އެރިޔަ ނުދީ ހިފަހެއްޓި ކަމަށެވެ. އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށާއި ފުލުހުންނަށް ހުށަހެޅި ކަމަށް ރިޒް އިން ބުނެއެވެ.

"23 ޖުލައި 2020ގައި ކާބޯތަކެއްޗަށް ހުރަސް އެޅުމުގެ ގޮތުން ސީލް މޯލްޑިވްސް ކުރި މަސައްކަތުގެ ތެރޭގައި 30 ވަރަކަށް މީހުން ތުޅާދޫ ބަދަރު މައްޗަށް އެއްވެ އެކަން ކުރިޔަ ނުދީ ހިފަހައްޓާފައިވާކަން ފާހަގަ ކުރެމެވެ.،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، އެޗްއާރުސީއެމްގެ އެހީތެރިކަމާއެކު ފަހުން، ކާބޯތަކެތި ރަށަށް އެރުވުނު ނަމަވެސް، ސީލް ކުންފުނިން ދެން މަސައްކަތް ކުރީ، އެރަަށުގައި ބިދޭސީން ކެއްކުމަށް ހުރަސް އެޅުމަށެވެ. އެގޮތުން ރަށުން ދަރު ނެގުން މަނާކުރުމަށް ސީލް އިން މަސައްކަތް ކުރި ކަމަށް ބަޔާނުގައި ބުންޏެވެ. ދަރު ނެގުން މަނާ ކުރުމުންވެސް އެކަން ފުލުހުންނަށާއި އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅި ކަމަށް ބަޔާނުގައި ބުންޏެވެ.

"30 ޖުލައި 2020 [ހައްޖު ދުވަސް] ގައި އިތުރު ކާބޯތަކެތި ބޮޑު ފިނޮޅަށް އަޅުގަނޑުމެންގެ މުވައްކިލުގެ [ރިޒް ކުންފުނި] ފަރާތުން ފޮނުވުމުން ތުޅާދުއިން އެތަކެތި ގެންދިޔަ ޑީންގީއަށް ސީލް މޯލްޑިވްސް އިން ހުރަސް އަޅާފައިވެއެވެ."

ބަޔާނުގައި ބުނީ، ފުލުުހުނަށް އެ މައްސަލަ ހުށަހެޅުމުން ސީލް މޯލްޑިވްސްގެ ހުއްދަ ލިބިގެން ނޫނީ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށް ފުލުހުން އެންގި ކަމަށެވެ. އަދި މިކަމުގައި ފުލުހުންގެ އެއްބާރުލުން ނުލިބުމުން އެކަންވެސް ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅި ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ފަހުން އެކަމަށް ހައްލެއް ލިބުނީ، އެޗްއާރުސީއެމްއާ ފުލުހުންނާއެކު ކުރި މަޝްވަރާތަކަށްފަހު، ޖެހިގެން އައި 31 ޖުލައި ދަންވަރު ކަމަށް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، ކަރަންޓާއި ފެން ކަނޑާލާފައިވަނީ ދުރާލާ އިންޒާރުދީ ފުލުހުންނަށްވެސް އެންގުމަށްފަހު، އެމީހުން ރަށުން ބޭލުމަށް ޝަރުތު ކުރުމަށްފަހު ކަމަށެވެެ.

"އޭގެ ފަހުން 31 ޖުލައި 2020 ގައި ސީލް މޯލްޑިވްސްގެ ފަރާތުން ދުރާލައި އަންގާފައިވާ ގޮތަށް ރަށުގެ ފެނާއި ކަރަންޓު ކަނޑާލިއެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެޗްއާރުސީއެމް މެދުވެރިކޮށް، ބިދޭސީން މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

" މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތުން މުވައްކިލުގެ ފަރާތުން އިންތިހާއަށް ކަންބޮޑުވަމެވެ. ހާއްސަކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ރަށެއްގައި ހަމަނުޖެހުން ހިނާފާނެ ފަދަ ކަމެއް [ފެނާއި ކަރަންޓު ކަނޑާލުން] ދުރާލާ ފުލުހުންނަށް އެނގި ހުރި އެކަމަށް ފިޔަވަޅު އަޅާފައި ނުވާތީ އެކަން މުވައްކިލުގެ ފަރާތުން ކުއްވެރިކުރަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އެދިފައިވަނި، އެ މައްސަލައިގައި ފުލުހުންނާއި އެޗްއާރުސީއެމް އިން ފުރިމަ ތަހުގީގެއް ކުރަމަށެވެ.

އެކަމާ ގުޅިގެން ސީލް މޯލްޑިވްސްގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް