ސީސައިޑް ފިނޮޅުން އޭދަފުއްޓަށް ގެންދެވުނު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. އޭދަފުށި-- އީޓީ ފޮޓޯ/ފާރިހް

ކޮވިޑް-19ގެ އަލާމާތްތަކެއް ހުރުމުގެ ސަބަބުން ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްކަމަށްވާ ސީސައިޑް ފިނޮޅުން އެ އަތޮޅު އޭދަފުއްޓަށް ގެންދެވުނު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭދަފުށި ހޮސްޕިޓަލުން ވަނީ މިއަދު ސީސައިޑް ފިނޮޅުން އޭދަފުއްޓަށް ގެންދެވުނު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ޔަގީންކޮށްދީފައެވެ.

އޭދަފުށި ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "ސަން" އަށް ވިދާޅުވިގޮތުގައި ސީސައިޑް ފިނޮޅުގައި މަސައްކަތްކުރާ މީހާ އެންމެ ފުރަތަމަ އެ ހޮސްޕިޓަލަށް ގެންދެވުނު އިރު އެއީ ކޮވިޑް-19 ޕޭޝަންޓެއްކަމެއް ނޭނގުނުނަމަވެސް ކޮންޓެކްޓް ކޭސްއަކަށް ވުމުގެ ފުރުސަތު އޮތުމާއެކު އެ މީހާއާއި ދޭތެރޭ އަމަލުކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންކަމަށެވެ.

"ޕޭޝަންޓްގެ ހާލު އިރާދަކުރެއްވިއްޔާ ސްޓޭބަލް. އެއީ 26 އަހަރުގެ ފިރިހެނެއް. އެމީހާ އާ ގުޅިގެން ކަންކަން ކޮށްފައިވަނީ އޮންނަ އުސޫލުގެ ދަށުން އަދި ފަރުވާ ދެމުންވެސް ދަނީ ކޮވިޑަށް ހާއްސަ އައިސީޔޫ ފެސިލިޓީގައި." ރަޝީދު ވިދާޅުވިއެވެ.

ސީސައިޑް ފިނޮޅުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި މަސައްކަތްކުރާ މީހަކު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެވުމާއިއެކުގައެވެ.

އެ މީހާއާއި ގުޅިގެން އެރަށުން އިތުރު ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު އޭދަފުއްޓަށް ގެންދެވުނު މީހަކީ އެރަށުން ޕޮޒިޓިވްވި ފަސް ވަނަ މީހާއެވެ.

މިދިޔަ ހަފްތާތެރޭގައި އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް