ފޭސް މާސްކް ޕެޓްރޯލުން ދޮވުމަށް ޑުއޭޓާ ގޮވާލުމުން ތަރުޖަމާނު އެ ވާހަކަ އަނބުރާލައިފި

ފިިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުއާޓޭ--

ފޭސް މާސްކުތައް ޕެޓްރޯލް ބޭނުންކޮށްގެން ޑިސްއިންފެކްޓްކުރަން ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުއާޓޭ ގޮވާލެއްވުމުން އޭނާގެ ތަރުޖަމާން އެ ވާހަކަ އަނބުރާލައިފި އެވެ.

ޑުއޭޓާ މިދިޔަ ހަފްތާގައި ވެސް ވަނީ ހަމަ އެމޭރުމުން ކަހަލަ ގޮތަކަށް ޕެޓްރޯލުން މާސްކް ޑިސްއިންފެކްޓް ކުރާ ވާހަކަ ދައްކަވައިފަ އެވެެ. ނަމަވެސް ސަރުކާރުގެ އޮފިޝަލުން ވަނީ އެއީ ރައީސް ސަމާސާއަކަށް ދެއްކެވި ވާހަކައެއް ކަމަށް ބުނެ އެވާހަކަ ރާގު ބަދަލުކުރަން މަސައްކަތް ކުރައްވައިފަ އެވެ.

"ފާއިތުވި ހަތަރު ރައީސް ވާހަކަ ދައްކަވާ ގޮތް ހަމަ ތިޔަ ބޭފުޅުންނަށް ނޭނގެދިނާ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން އުނދަގޫ. އެއީ ސަމާސާއަކަށް ރައީސް ވިދާޅުވި އެއްޗެއް. ކީއްކުރަންތޯ ތިޔަ ބޭފުޅުން ޕެޓްރޯލު ބޭނުންކުރާނީ އެއްޗެތި ދޮންނަން؟" ރައީސްގެ ތަރުޖަމާނު ހެރީ ރޯކު ވިދާޅުވި އެވެ.

ހެލްތު އޮފިޝަލުން ވެސް ނަސޭހަތްތެރިވެފައި ވަނީ ފޮތި މާސްކު އާންމު އުސޫލުން ދޮވުމަށެވެ. އަދި ސާޖިކަލް މާސްކް ބޭނުން ކުރުމަށް ފަހު ބަދަލު ކުރުމަށެވެ. އަދި ޕެޓްރޯލުން މާސްކް ދޮވުމަކީ އެއްވެސް ގޮތަކުން އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ. އަދި އެކަން އެ ގޮތަށް ކޮށްފި ނަމަ ސިއްހަތަށް ގެއްލުން ވުމުގެ އިތުރަށް އަލިފާން ރޯވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ޑުއާޓޭ ވަނީ އަނެއްކާ ވެސް އެ ވާހަކަތައް ދައްކަވައިފަ އެެވެ.

"އަޅުގަނޑަށް ފާޑުކިޔާ މީހުން ބުނޭ އަޅުގަނޑަކީ މޮޔައެކޭ. އަޅުގަނޑަކީ މޮޔައެއް ނަމަ ތިޔަ ބޭފުޅުން ދެއްތޯ ރައީސް ކަމުގައި ތިއްބަވާނީ. އަޅުގަނޑު މި ދެއްކީ ރަނގަޅު ވާހަކައެއް. އެލްކޮހޯލް ނެތިއްޔާ ފަގީރުން ދާންވީ ޕެޓްރޯލް ސްޓޭޝަނަށް. ޕެޓްރޯލް އަޅައިގެން މާސްކު ޑިސްއިންފެކްޓް ކުރަންވީ. މިއީ މަޖަލަކަށް ދައްކާ ވާހަަކައެއް ނޫން،" ޑުއާޓޭ ވިދާޅުވި އެވެ.

ޕެޓްރޯލުން މާސްކު ޑިސްއެންފެކްޓްކުރެވިދާނެ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އޭގެ ސަބަބުން އަލިފާނުގެ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ފިލިޕިންސުން މިހާތަނަށް ކޮވިޑްގެ 90،000 އެއްހާ ކޭސް ވަނީ ފެނިފަ އެެވެ. ކޮވިޑް އެންމެ ފުރަތަމަ ފެށި އިރު ޑުއާޓޭ ވިދާޅުވަމުން ގެންދެވި ގޮތުގައި އެ ވައިރަސް ވަރަށް އަވަހަށް ނެތިގެންދާނެ އެވެެ. ނަމަވެސް ބަލި ކޮންޓްރޯލް ނުވެ ފެތުރެން ފެށުމުން މާޗް މަހު ލޮކްޑައުންއަކަށް ވެސް ގެންދިޔަ އެވެ.--ބީބީސީ--

comment ކޮމެންޓް