އިންޑިއާގެ "ސީރިއަލް ކިލާ"އަކު 50 އަށްވުރެ ގިނަ މީހުން މެރިކަމަށް އެއްބަސްވެއްޖެ

އެތައް ބަޔަކު މަރާލިކަމަށް އެއްބަސްވި ދަވެންދުރަ ޝަރުމާ--

އިންޑިއާގެ "ސީރިއަލް ކިލާ" އަކު (ތަކުރާރުކޮށް މީހުން މަރާމީހަކު) 50 އަށް ވުރެ ގިނަ މީހުން މެރިކަމަށް އެއްބަސްވެއްޖެ އެވެ.

ދަވެންދުރަ ޝަރުމާ ފާހަގަކުރެވިފައި ވަނީ ޓެކްސީ ޑްރައިވަރުން މަރައި އެމީހުންގެ ހަށިގަނޑުތައް ކިނބޫތައް އުޅޭ ހިސާބުތަކަށް އުކާލާ މީހެއްގެ ގޮތުގަ އެެވެ.

އެގޮތުން 2000 އަދި 2004 ވަނަ އަހަރާ ދެމެދު ދަވެންދުރަ ވަނީ ހަތް ޓެކްސީ ޑްރައިވަރުން މަރާލިކަމުގެ ކުށް ސާބިތުވެފަ އެެވެ. އެ މައްސަލާގައި އޭނާ އުމުރު ދުވަހުގެ ޖަލު ހުކުމެއް ހޭދަކުރަމުން ދަނިކޮށް "ޕެރޯލްގެ" ދަށުން ހުރީ ވަގުތީ ގޮތުން ދޫކޮށްލައިފަ އެވެ.

އެހެން ނަމަވެސް ޕްރޯލްގެ ދަށުން ލިބުނު 20 ދުވަސް ހަމަވިއިރު ވެސް އޭނާގެ ހަބަރެއް ނުވި އެވެެ.

އޭނާ ފުލުހުން އަތުލައިގަތީ ޕެރޯލްވެސް ނިމި ހަމަސް ވީ ފަހުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއިންއެވެ. އޭރު އޭނާ އުޅުނު ހުވަފަތްވެފައި ހުރި އަންހެނަކާ ކައިވެނިވެސްކޮށްގެންނެވެ.

ފުލުހުން އަލުން ދަވެންދުރަ ހައްޔަރުކުރުމުން ވަނީ މާޒީގެ ދުވަސްވަރު އޭނާ ހިންގި މީހުން މެރުމުގެ ހާދިސާތައް ކިޔައިދީފަ އެވެ.

ދަވެންދުރަ ވަނީ ޓެކްސީ ޑްރައިވަރުން މެރުމަށް ފަހު އެމީހުންގެ ކާރުތައް ނުވަތަ އެ ކާރުތަކުގައި ބައިތައް ވިއްކައިފަ އެެވެ. އަދި އޭގެން ކޮންމެ ކާރަކުން 270 ޑޮލަރު ލިބޭ ކަމަށް ވަނީ ބުނެފަ އެވެ.

އޭނާ ޓެކްސީ ޑްރައިވަރަކު މަރަން އުޅެނިކޮށް ފުލުހުން ވަނީ "ރެޑް ހޭންޑް" ކޮށްވެސް އެއްފަހަރު ހައްޔަރުކޮށްފަ އެވެ.

ދަވެންދުރަ މީގެ ކުރިން ވަނީ ފޭކް ގޭސް ކެނިސްޓާތަކާއި ގުނަވަނުގެ ވަގު ވިޔަފާރިކުރުމުގައި ވެސް ބައިވެރިވަފަ އެވެ. އެފަދަ މައްސަލައެއްގައި އޭނާ 2004 ވަނަ އަހަރު ހައްޔަރުވެސްކުރި އެވެ.

ދަވެންދުރަ ފުލުހުންނަށް މައުލޫމާތު ދިންގޮތުގައި އޭނާ ވަނީ 125 އެއްހާ ގުނަވަނުގެ ވަގު ވިޔަފާރީގައި ޝާމިލްވެފަ އެވެ. އަދި އޭގެން ކޮންމެ ކޭސްއަކުން 6000 އާއި 9000 އެއްހާ ޑޮލަރު ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެެ.--ސީއެންއެން==

comment ކޮމެންޓް