ހައްޖުވެރިން މުޒްދަލިފާއިން މިނާއަށް ނަފްރާކޮށް ހަދްޔު ކަތިލައި އީދު ފާހަގަ ކުރަނީ

ޖަމްރާތައް ހުންނަ އިމާރާތް

މިނާ (ޖުލައި 31) : ހައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށްފަހު މުޒްދަލިފާއިން މިނާއަށް މިއަދު ހެދުނު ނަފްރާ ކޮށްފި އެވެ.

ހައްޖުވެރިން މިއަދު ހެނދުނު މިނާއަށް ނަފްރާ ކުރުމަށްފަހު މިނާގައި ތިބެގެން މިއަދު އަޟްހާ ޢިދު ފާހަގަ ކުރަމުން އެބަގެންދެ އެވެ. އާންމު ގޮތެއްގައި މުޒްދަލިފާގައި ރޭކުރުމަށް ފަހު ޖަމްރާތަކަށް އުކަން ބޭނުންކުރާ ހިލަ ހޮވާނީ މުޒްދަލިފާއިންނެވެ. ނަމަވެސް ކޮވިޑް -19ގެ ބިރުވެރިކަމާ ގުޅިގެން މިފަހަރުގެ ހައްޖުގައި ޖަމްރާތަކަށް އުކާހިލަ ހައްޖުވެރިންނަށް ފޯރުކޮށް ދިނީ ސައޫދީ ސަރުކާރުންނެވެ. އެއީ ސްޓެރިލައިޒްކޮށްފައިވާ ހިލަ އެވެ. ހިލަތައްފޯރުކޮށްދިނީ ޕެކެޓްކޮށްފަ އެވެ.

ހައްޖުވެރިން އީދުގެ އުފާ ފާޅުކޮށް ހަދްޔު ކަތިލުން ހިލަޕެކެޓްތަކާ އެކު ހައްޖުވެރިން މިއަދު ހެނދުނު އެނބުރި މިނާއަށް ގޮސް ހަދްޔު ކަތިލައި އީދުގެ އުފާ ފާޅުކުރަމުން ގެންދާކަމަށް ސައޫދީ މީޑިއާ ޚަބަރު ދެ އެވެ. އުޟްހިޔާ ނުވަތަ ހަދްޔު ކަތިލުމުގެ ކަންތައް ކުރިޔަށްގެންދާނީ ހައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ. އެއަށްފަހު ޖަމްރާތަކަށް ހިލަ އުކުމަށް ޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. އަދި ބޯބާލައި ނުވަތަ ކުރުކޮށް ބޯކޮށާނެއެވެ. އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ތިބޭނީ އެއްދުވަހު ނުވަތަ ދެދުވަހު އެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ހައްޖުގެ އަޅުކަން ނިމުނީ އެވެ.

ހައްޖުގެ މަޝްޢަރުތައް

ޖަމްރާތަކުގެ ސަރަހައްދުގައިވާ މަސްޖިދުލްޚައިފު، މިމިސްކިތް ހުންނަނީ ކީރިތި ރަސޫލާ އަޤަބާގައި ބައިޢަތު ހިއްޕެވި ސަރަހައްދާ ކައިރީގައި

ހައްޖުގެ މަޝްޢަރުތަކުގެ ތެރެއިން އަރަފާތުގެ ބިމަކީ މައްކާގެ ހަރަމްފުޅާ ވިހި ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. އެބިމުގެ ބޮޑުމިނަކީ ދިހައެއް ޕޮއިންޓް ހަތަރެއް އަކަ ކިލޯމީޓަރެވެ. އެބިން ވަކިވާގޮތަށް ސައޫދީންވަނީ ފާހަގަތައް ޖަހާފައެވެ. މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ ބާރަ ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ ބާރައަކަ ކިލޯމީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގައެވެ. މިއީ މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވިއިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ.

މުޒްދަލިފާގައި ރޭކުރުމަށްފަހު އަލުން އެނބުރި މިނާއަށް ދާއިރު މިނާއަކީ މައްކާގެ ހަރަމްފުޅުގެ އިރުން ފަސްކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ޖަމްރާތައް ހުންނަނީ މިނާގަ އެވެ. މިނާއާއި މުޒްދަލިފާއާ ދެމެދު ހުންނަނީ ފަސް ކިލޯމީޓަރެވެ. ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެންމެ ފުރަތަމަ މައްކާއިން އަންނަ ސަރަހައްދަކީ މިނާއެވެ. މިނާއަށް އަންނަނީ ހައްޖުމަހުގެ އަށް ވަނަ ދުވަސްކަމަށްވާ ތަރްވިޔާގެ ދުވަހުގައެވެ.

އަގަބާގައި ކީރތި ރަސޫލާ (ސޢވ) ބައިއަތު ހިއްޕެވީ ޖަމްރާތަކުގެ ސަރަހައްދުގައި

މިނާގައި ޖަމްރާތައް ހުންނަ ސަރަހައްދަކީ ކީރިތިރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރާއި ތޭރަވަނަ އަހަރު މަދީނާގެ އައުސް ވަންހައާއި ޚަޒްތަޖު ވަންހައިގެ މީހުންނާ އެކަލޭގެފާނު ބައްދަލުކުރައްވައި ބައިއަތު ހިއްޕެވި ސަރަހައްދެވެ. އަގަބާގެ ފުރަތަމަ ބައިއަތު ހިއްޕެވީ އެކަލޭގެފާނު ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރު މަދީނާގެ ބާރަމީހުންނާއެކުގައެވެ.

ކީރިތި ރަސޫލާ (ސޢވ) ރަސޫލުކަމާގެން ފޮނުއްވިތާ ތޭރަވަނައަހަރު އަގަބާގެ ދެވަނަ ބައިއަތު ހިއްޕެވީ މަދީނާގެ ހަތްދިހަ ފަސް މީހުންނާއެކުގައެވެ. އެއީ ހަތްދިހަ ތިން ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭގޮތަށެވެ. ބައިއަތު ހިއްޕެވީ މަދީނާގައި އިސްލާމް ދީން ފެތުރުމަށާއި މަދީނާއަށް ހިޖްރަ ކުރެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ. އަދި މަޝްހޫރު ޚީފު މިސްކިތްވެސް ހުންނަނީ ޖަމްރާތަކުގެ ސަރަހައްދުގައެވެ.މިނާއަކީ ދެފަރުބަދަ ދެމެދުގައި އޮންނަ ވާދީއެކެވެ. މިނާގެ ބޮޑުމިނަކީ ސޯޅަ ޕޮއިންޓް އަށެއް އަކަ ކިލޯމީޓަރެވެ. އެއީ މައްކާގެ ހަރަމްފުޅުގެ ތެރޭގައި ހިމެނޭ ބިމެކެވެ.

comment ކޮމެންޓް