ބަސްނާހައިފި ނަމަ ނުރައްކާ، ނަމްބަރުން ފެންނަނީ ކަންބޮޑުވުން!

ޖޫން 18، 2020: ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެށް މާލޭއިން ފެނުމާގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާށްފަހު ދެ މަސް ދުވަސް ފަހުން ބޮޑު ލުއިތަކެއް ދިނުމާއެކު ކުޑަކުދިންނަށް ބޭރަށް ނިކުމެ އުފާކުރުން: ކުޑަ ކުދިންނަށް ބޭރަށް ނިކުމެވޭނެ ވަގުތަކީ ހަވީރު 4:00 - 6:00 އަަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މިމަހު އެއްވަނަ ދުވަހު ފުރައްބަންދަށް ދިން ލުއިޔަކާއެކު، އަނެއްކާވެސް މިވަނީ ކޭސްތައް އިތުރުވާން ފަށާފައެވެ. އިއްޔެ އެކަނިވެސް 150 އަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވެފަ އެވެ. މީއީ ފުރަބަންދަށް ލުއި ދިން ފަހުން، ރެއަކީ މިހާތަނަށް ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވި ފަހަރެވެ.

ރޭ ދަރުބާރުގޭ، އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ ވަނީ ފަހުގެ ޕޮރޮޖެކްޝަންތައް ނުވަތަ ބަލީގެ އެންމެ ފަހުގެ ލަފާ ކުރުންތައް ހިއްސާކުރައްވައިފަ އެވެ. މިހާރު ބަލި ފެތުރޭ ޓްރެންޑަށް ބަލައި، ޑރ. ޝީނާ ހިއްސާ ކުރެއްވި ނަންބަރުތަކުން ބުނެދެނީ، މިހާރަށްވުރެ ވައިރަހަށް ފަރުވާތެރިކަން ނުބަހައްޓައިފިނަމަ، ފެންނަ ކޭސްތަކުގެ އަދަދު ބޮޑުތަނުން މައްޗަށް ދާނެ ކަމެވެ.

ޑރ. ޝީނާ ވިދާޅުވު ގޮތުގައި މިިހާރު ކޭސްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެ، މި ފެށޭ އޮގަސްޓު މަހު ދުވާލަކަށް އެވްރޭޖްކޮށް، 170 ކޭސް ފެނިދާނެ ކަމަށެވެ. އަދި މަސް ނިމޭއިރު، ޖުމްލަ 2،373 މީހުންނަށް ބަލި ޖެހޭނެ ކަމަށް ޑރ. ޝީނާ އަންދާޒާ ކުރައްވަ އެވެ. އެއީ މިމަހު އެކަނި ފެނުނު ކޭސްތަކާ އަޅާ ބަލާއިރު، 75 ޕަސަންޓު އިތުރުވުމެކެވެ.

މިހާރު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ، 3،719 ކޭސް އެވެ. ނިމިގެން މިދާ ޖުލައި މަހު އެކަނި ފެނުނު ކޭސްތަކުގެ އަދަދަކީ، 1،358 އެވެ.

ޑރ. ޝީނާ ލަފާކުރައްވާ ގޮތުގައި އޮގަސްޓު އަދި ސެޕްޓެމްބަރުގައި ޖުމްލަ 38،807 ފެނިދާނެ އެވެ. އެއީ މިދިޔަ ފަސް މަހު އެކަނި ރާއްޖެއިން ފެނުނު ކޭސްތަކާ ގާތް އަދަދެކެވެ. ދެ މަސްތެެރޭ އެހާ ގިނަ މީހުނަށް އެއްފަހަރާ ބަލި ޖެހުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ޑރ. ޝީނާ ފާހަގަ ކުރެއްވި އެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މިންގަނޑުތަކަށް އަމަލު ކުރާނަމަ، މި ހިސާބަށް ނުގޮސް ކޭސްތައް މިއަށްވުރެ ދަށް ވެދާނެ. އަތް ދޮވުމާއި މާސްކު އެޅުމާއި ގައިދުކަން ބަހައްޓާވަރަކަށް ބަލި ފެތުރޭ ނިސްބަތަށް ބަދަލު އަންނާނެ،" ޑރ. ޝީނާ ވިދާޅުވި އެވެ.

އެޑްމިޓް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުނަށް ބަލި ޖެހޭ އަދަދު ތިން ގުނަ އިތުރުވާނެ!

ކޮރޯނާވައިރަހުގެ އެންމެ ނުރައްކާތެރި ކަމަކީ، އެ ގައުމެއްގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބައްޔަށް ޕޮޒިޓިވްވުމެވެ. ބަލީގެ ނުރައްކާ ބޮޑު މީހުންނަކީ، އެހެން ބަލިތަކަށް ފަރުވާ ދޭ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ. އެއްފަހަރާ ގިނަ ބަޔަކަށް ވައިރަސް ޖެހި، އެންމެނަށް ފަރުވާ ނުދެވި، ބަލިގެ ނުރައްކާ ބޮޑު މީހުން މަރުވެގެންދާ ރޭޓް އިތުރުވާނަމަ، ސިއްހީ މާހިރުން ގަދައަޅާ މަސައްކަތް ކުރަނީ އެ ހިސާބަށް ގައުމެއް ދިޔަ ނުދީ އޮބަހައްޓާށެވެ.

ޑރ. ޝީނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެޑްމިޓް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖޭހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ. އެއާއެކު އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް ޝީނާ ވިދާޅުވި އެވެ. އެގޮތުން އޮގަސްޓްމަހު ތެރޭ ދުވާލަކަށް އެވްރޭޖްކޮށް، 16 މީހުން އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ. މަސް ނިމޭއިރު، ޖުމްލަ 416 މީހުން އެޑްމިޓް ކުރަން ޖެހޭ އިރު، އައިސީޔޫއަށް ލާން ޖެހޭ މީހުންގެ އަދަދު ހުރީ، 47ގަ އެވެ. އެއީ ނިސްބަތުން ބޮޑު އަދަދެކެވެ.

"[ވައިރަހަށް ޕޮޒިޓިވްވެގެން] މިހާރު ދެމީހަކު ނުވަތަ ތިން މީހަކު އެޑްމިޓް ކުރަން ޖެހުނަސް، ކުރިއަށް އޮތްތާގައި އެ އަދަދު ދެގުނަ ނުވަތަ ތިން ގުނަ އިތުރު ވެގެންދާނެ. މިވަރަށް ރޭޓް ގޮސްފިނަމަ، މާލެ ސަރަހައްދުގައި ކޮވިޑަށް ފަރުވާދޭން ތައްޔާރުކޮށްފައި ހުރި އެނދުތައް ގާތްގަނޑަކަށް ކިރިޔާ މެނޭޖްކުރެވޭނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަތަރު މަހަށް ޝީނާ ލަފާ ކުރައްވާ ގޮތުގައި ސެޕްޓެމްބަރު މަހު 293 މީހުން އެޑްމިޓްކުރަން ޖެހި، އައިސީޔޫގައި 29 މީހުން ބާއްވަން ޖެހެ އެވެ. އަދި އޮކްޓޯބަރު މަހު، 189 މީހުން އެޑްމިޓްކުރަން ޖެހި، އައިސީޔޫގައި 19 މީހުން ބާއްވަން ޖެހެ އެވެ. ނޮވެމްބަރު މަހު 82 މީހުން އެޓްމިޓް ކުރަން ޖެހި، އައިސީޔޫގައި އަށް މީހުން ބާއްވަން ޖެހެ އެވެ. އަދި ޑިސެމްބަރު މަހު، 51 މީހުން އެޑްމިޓް ކުރަން ޖެހޭ އިރު، އައިސީޔޫއަށް ލާން ޖެހޭ އަދަދަކީ ފަހެކެވެ.

ޑރ. ޝީނާ ވިދާޅުވީ، މިހާތަނަށް އައި އިރު، ބަލި ޖެހިފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށްވުރެ، ޒުވާނުންނަށް ކަމަށެވެ. އެއާއެކު އެޑްމިޓު ކުރަން ޖެހޭ މީހުން މަދުވުމާއި މަރުވާ ނިސްބަތް ރާއްޖޭގައި ދަށް ކަމަށް ޝީނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިހާރު ހުރި ޓްރެންޑަށް ބަލައި، އައިސީޔޫއަށްލާ މީހުން ގިނަވެއްޖެ ނަމަ، މަރުވާ މީހުންގެ އަދަދު އިތުރުވެގެން ގޮސްދާނެ ކަަމަށް ޑރ. ޝީނާ ލަފާ ކުރައްވަ އެވެ.

"މި ޖުލައި އިން ފެށިގެން މި ފެންނަނީ މަޑު މަޑުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރަމުންދާ މީހުންނަށް ބަލި ޖެހޭ ނިސްބަތް އިތުރުވަމުންދާތަން. އަދި އިތުރުވަމުންދާ ސްޕީޑްވެސް މަތިވަމުންދާތަން. އެހެންވީމަ، އެހެން ގައުމެކޭ އެއްފަދައިން އައިސީޔޫއަށް ލާ މީހުންގެ ތެރެއިން 50 ޕަސަންޓު މީހުން ނިޔާވާނެ ކަމަށް ލަފާ ކުރެވޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެން ގައުމުަތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވީ، ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވުމުން ސިއްހީ ނިޒާމް އެވަރަށް ތައްޔާރު ނުވެވުމުން ކަަމަށެވެ. އެހެން ކަމުން އެކަމަށް ރައްޔިތުންނާއި މުއައްސަސާތަކުން ވިސްނަން ޖެހޭ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

އެކަމަށް އޮތް ގޮތަކީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅައިގެން ކަންކަން ރާވަމުން ދިޔުމެވެ.

comment ކޮމެންޓް