ސަވާރީ ބޯޓު ކޭހާ ގުޅިގެން ނޮޅިވަރަންފަރު، ވަށަފަރު، ދިއްދޫ ފުރަބަންދުކޮށްފި

މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ހއ. ވަށަފަރު -ފޮޓޯ/ އެމްޓީސީސީ

މާލެއިން ހއ. ކެލާއަށް ގޮސްފައިވާ އެރަށުގެ ސަވާރީ ބޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އަދި އެ އަތޮޅު ވަަށަފަރު މޮނިޓަރިންގެ ހާލަތަށް ލައި އަރާ ފޭބުން މަނާކޮށްފި އެވެ.

ކެލާގެ ސަވާރީ ބޯޓުގައި ދަތުރުކުރި އެންމެންގެ ސާމްޕަލް ނަގައި ޓެސްޓް ކުރި އިރު އެ ބޯޓުގައި މަސައްކަތް ކުރާ އަށް މީހަކާއި އެ ބޯޓުގައި ދަތުރު ކުރި މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ސަވާރީ ބޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ކެލާ އާއި ނޮޅިވަރަންފަރު އަދި ވަށަފަރު ވަނީ މޮނިޓަރިންއަށް ރޭގައި ލާފައެވެ. ތިން ރަށުގެ ކައުންސިލުންވެސް އެކަން ކަށަވަރުކޮށްދީފައެވެ.

ވަށަފަރު ކައުންސިލުން ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަވާރީ ބޯޓު ވަނީ އެރަށަށް މުދާ ބޭލުމަށް މަޑުކޮށްފައި ކަމަށެވެ. ބޯޓުގެ އެއްވެސް މީހަކު ރަށު ތެރެއަށް ގޮސްފައި ނުވި ނަމަވެސް މުދާ ބޭލުމަށް ބަނދަރު މަތީގައި އުޅުނު ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރުވެސް މަސައްކަތް ކުރަމުންދަނީ އެ ރަށްތަކުން ކޮވިޑް-19 ޖެހިފައިވާ މީހުން ބެލުމަށްޓަކައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭއިން ރޭގައި ބުނެފައިވަނީ އިއްޔެ އެކަނިވެސް ރާއްޖެއިން 152 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރެއިން 10 މީހުންނަކީ އަތޮޅުތެރެއިން ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހުން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ މިހާރު 3،719 އަށް އަރާފައެވެ. އެ ވައިރަސް ޖެހިގެން ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް