ވިޔަފާރިތަކުގެ ކުރިމަގު ބަނަ، އިތުރަށް ހާލަތު ގޯސްވެދާނެ: އެމްއެމްއޭގެ ސާވޭ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ގޮންޖުންތައް ބޮޑުވެ ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ސާވޭއަކުން ހާމަވެއްޖެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކޮންމެ ކުއާޓަރަކު އެކުލަވާލާ އާންމު ކުރަމުން އަންނަ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ކޮވިޑް-19 އާއި ގުޅިގެން އެޅި ފުރަަބަންދުގެ ފިޔަވަޅުތަކާއެކު، މީގެ ކުރިން އަހަރުގެ ދެވަނަ ކުއާޓަރުގައި ވިޔަފާރި ދަށް ނުވާވަރަށް ހުރިހާ ސިނާއަތެއްގެ ވިޔަފާރިތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ފަތުރުވެރިކަމާއި އިމާރާތް ކުރުމާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން 93 ކުންފުންޏަކުން ބައިވެރިވި މި ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވިޔަފާރި ހީނަރުވުމާ އެކު ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކު މުވައްޒަފުންގެ އަދަދު ވަނީ އެ ކުންފުނިތަކުން ދަށްކޮށްފަ އެވެ.

މި އަދަދު އެންމެ ބޮޑަށް ދަށްވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުންނެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކަށް ބެލެވެނީ، ޑިމާންޑް ދަށްވެ ވަގުތީ ގޮތުން ވިޔަފާރިތައް ބަންދުކުރަންޖެހުމާ ގުޅިގެން ވިޔަފާރިތަކުގެ އާމްދަނީ ވަރަށް ބޮޑަށް ހީނަރުވެ، ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޖޫން މަހުން ފެށިގެން ފުރަބަންދުގެ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާއި، ޖުލައި މަހުގެ މެދުތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު، 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި، ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެކަމަށް މި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ލަފާކޮށްފައިވެ އެވެ. ސާވޭގައި ބައިވެރިވެފައިވާ ހޯލްސޭލް އަދި ރީޓެއިލް ސިނާއަތައް ނިސްބަތްވާ ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ވެސް އާމްދަނީ ދަށްވާނެ އެވެ.

ކޮވިޑް19ގެ ހާލަތަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ދަތިކަމެއް ކަމަށާއި އެ ކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރުމަކީވެސް ދަތި އުނދަގޫކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި ސަބަބުތަކާއި އެކު މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަ ވާނެ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެ އެވެ.

މިގޮތުން، އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެކަމަށް ލަފާކޮށްފައި ވާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރިސޯޓްތަކުގެ ބުކިންގްސް އިތުރުވާނެ ކަމަށް ލަފާކުރާ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ ނިސްބަތް، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފައި ވަނީ ކުޑަމިންވަރަކަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ދަށްވެފައިވީ ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ އަގުތައް ވަނީ މަތިވެފަ އެވެ.

ކުރިމަގުގައި ވެސް އިމާރާތްކުރުމުގެ ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ލަފާކޮށްފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ލަފާކުރެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އަހަރުގެ ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ އިތުރަށް ހީނަރުވެފަ އެވެ. މިގޮތުން، ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާއިރު ސާވޭގައި ބައިވެރިވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިންތިންބައި ކުޅަ ދެބައި އަންދާޒާކުރާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ގޯސްވެގެންދާނެެ އެވެ.

އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ ފާހަގަކޮށްފައެވެ. ވަކިން ހއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ސާވޭގައި ބައިވެރިވި މި ސިނާއަތްތަކުގެ ވިޔަފާރިތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވާނެކަމަށް އެ ވިޔަފާރިތަކުން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް