ވައިރަހުގެ ބިރާއެކުވެސް ގިނަ ބަޔަކު ޖަމާވެ އީދު ނަމާދުކޮށްފި

އިސްލާމީ މަރުކަޒުގައި މިއަދު އީދު ނަމާދުގެ ޖަމާއަތަށް މީހުން ޖަމާވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބިރާ އެކުވެސް ގިނަ ބަޔަކު ޖަމާވެ، މާލެ އާއި ރަށްރަށުގައި މިއަދު ޖަމާއަތުގައި ބޮޑު އީދު ނަމާދުކޮށްފި އެވެ.

މާލޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ބޮޑު އީދު ނަމާދު ކުރިއިރު އީދު ނަމާދުގެ ޖަމާއަތަށް ގިނައިން ގޮސްފައި ވަނީ ބިދޭސީންނެވެ. ދިވެހިން ޖަމާއަތަށް ހާޒިރުވެފައި ވަނީ ވަަރަށް މަދުންނެވެ.

އިސްލާމިކް މިނިސްޓްރީއިން ރޭ އިލްތިމާސްކޮށްފައި ވަނީ އީދު ނަމާދުގެ ޖަމާއަތުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބަލިތަކަށް ބޭސް ކުރާ މީހުން ބައިވެރި ނުވުމަށެވެ.

މީގެ އިތުރުން އަމިއްލަ މުސައްލަ ހިފައިގެން ދިޔުމަށާއި މާސްކް އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. އެހެން ނަމަވެސް އީދުގެ ޖަމާއަތަށް ދިޔަ ބައެއް މީހުން މާސްކް ނާޅާކަން ފާހަގަވި އެވެ.

އިސްލާމީ މަރުކަޒުގައި އީދު ނަމާދުގެ ޖަމާއަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ މަރުކަޒުގައި އީދު ނަމާދުގެ ޖަމާއަތް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ނަމަވެސް އިސްލާމީ މަރުކަޒަށް މީހުން ވައްދާފައި ވަނީ، މާސްކް އަޅާފައި ހުރިކަން ޔަގީންކޮށްފަ އެވެ. ބައެއް މީހުން މިސްކިތް ތެރެއަށް ވަނުމަށް ފަހު ވެސް މާސްކް ބާލާފައިވެ އެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ދަށުން އީދު ނަމާދުވެސް ކުރީ ގައިދުރުނުކޮށް ކައިރިކައިރީގައި ތިބެ އެވެ.

ބައެއް ރަށްރަށުގައި މިއަދު ވަނީ، އާންމު މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފަ އެވެ. ނަމަވެސް ބައެއް ބޮޑެތި ރަށްރަށުގައި އާންމު މައިދާން ތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ކެންސަލްކުރި އެވެ. ސަބަބަކަށްވީ، ވައިރަހުގެ ބިރު އޮތުމުން ބޮޑެތި އެއްވުންތައް ބޭއްވުން ރަނގަޅު ކަމަކަށް ނުވާތީ އެވެ.

އީދުގެ ނަމާދުގެ ހުތުބާ އިއްވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"އަލްހާ އީދުގެ ހަގީގީ މަގުސަދުތައް" މިއަދު މައުލޫއަށް މިއަދު މުޅި ރާއްޖޭގެ އިއްވި ހުތުބާގައި ބުނެފައި ވަނީ، ރާއްޖެއަށް ލިބުނު އެންމެ ބޮޑު ނިއުމަތަކީ މަތިވެރިވެގެންވާ އިސްލާމް ދީނުގެ ނިޢުމަތް ކަމަށެވެ. އެހެން ކަމުން ދީން ހިމާޔަތްކޮށް ގައުމުގެ އިސްތިގުލާލު ދެމެހެއްޓުމަށް ވެރިންނަށާއި އާންމުންނަށް މިއަދުގެ ހުތުބާގައި ގޮވާލި އެވެ. މީގެ އިތުރުން އީދުގެ އުފަލުގައި އެންމެން ބައިވެރި ކުރަން ޖެހޭކަން ފާހަގަކޮށް ބުނެފައި ވަނީ، މި އުފަލުން އެއްވެސް ބަޔަކު މަހުރޫމް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރަމުން ދިޔުމަށް ވެސް ވަނީ ހުތުބާގައި ގޮވާލައިފަ އެވެ.

"މިއީ ކިލަނބުވެފައިވާ އިޖްތިމާއީ ހާލަތު ބަދަލުކޮށް، އުފާވެރި ތާހިރު ހަޔާތެއް ބިނާ ކުރަންވީ ވަގުތު. އެކަން ހާސިލްކުރެވޭނީ އަޅުގަނޑުމެންގެ މުޅި ހަޔާތުގެ މަންހަޖަކީ އިސްލާމްދީން ކަމުގައި ހަދައިގެން،" ހުތުބާގައި ގޮވާލި އެވެ.

ހުތުބާ ނިންމާލީ ހުރިހާ މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އަޒުމް އާ ކުރުމަށް ގޮވާލަމުންނެވެ.

އީދު ނަމާދުގެ ޖަމާއަތުގައި ބައެއް މީހުން ބައިވެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދުގެ ޖަމާއަތުގައި ބައެއް މީހުން ބައިވެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަހަރުގެ ބޮޑު އީދު ދިމާވަނީ ހުކުރު ދުވަހަކާ ކަމުން، އިސްލާމިކް މިނިސްޓްރީއިން އިރުޝާދު ދީފައި ވަނީ އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމުން ހުކުރު ނަމާދު ކޮންމެހެން ނުކުރުމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި މެންދުރު ނަމާދު ކުރުމަށެވެ.

އީދު ނަމާދަށް ފަހު މާލޭގައި އުލްހިޔާ ކަތިލުމުގެ ހަރަކާތްތައް ވެސް ބައެއް ފަރާތްތަކުން ކުރިއަށް ގެންދިޔަ އެވެ.

comment ކޮމެންޓް