އަހުވަންތަކަން ކުރިއަށް ނެރެ، ސުލްހަޔަށް އިސްކަންދޭން ރައީސް އިލްތިމާސްކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެކަކު އަނެކަކަށް މައާފުކޮށް، އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު އީދު މެސެޖުގައި ހުރިހާ ދިވެހިންގެ ކިބައިން އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މި އަހަރުގެ ބޮޑު އީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.

ރައީސްގެ ހިތޯބުގައި މިއަހަރުގެ އަޟްޙާ އީދު ދުވަސް ބައްދަލުކޮށްފައި މިވަނީ ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރެއްވި އެވެ.

އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށް ވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަހައްމަލު ކުރަމުން ދަނީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި އީދަކާ ބައްދަލުވުމީ، ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ދިރިއުޅުމުގެ އާންމު އާދަކާދަތަކާ މުޅިން ހިލާފަށް އުޅެންޖެހިފައިވީ ނަމަވެސް، އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުސަތުތައް ތަނަވަސްވެފައި އެބައޮތް ކަމަށެވެ.

"ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ހަފްލާތައް ނުބޭއްވުނަސް، އާއިލާގެ މީހުންގެ ހާލު އަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ، މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެކެވެ." ރައީސް ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އާއިލާގައި ހިމެނޭ، އުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީއާއިން ނަމަވެސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުއޫރުތަކާއި އިހްސާސްތައް އަޑުއަހާލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއއެވެ.

ރައީސް ވިދާޅުވީ އަޟްޙާ އީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ގުރުބާނީއެއްގެ ޒިކްރާ އާކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށެވެ.

މިއީ ގައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ހާލަތުގައި، ވަކިން ހާއްސަ ގޮތެއްގައި ސަމާލުކަން ދޭންވީ ކަންތައްތައް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިއީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ހަނދާނަށް ގެނެސްދޭ އީދެެއް ކަމަށެވެ.

"އެހެންކަމުން ހައްޖުގެ މަތިވެރި އަޅުކަމާއި، އަޟްޙާ އީދާ ގުޅިފައިވާ މިފަދަ މަތިވެރި ހިކުމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މައާފުކޮށް، އަހްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ މިހާރު ތަޖުރިބާކުރަންޖެހިފައިވާ، އިގްތިސާދީ އަދި އިޖުތިމާއީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު، އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރުމަކީ ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ.

"މިކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، ކޮންމެ ބޭފުޅަކުންވެސް ޒިންމާދާރުކަމާއެކު ފަރުދީ ޒިންމާ އަދާކުރައްވައިގެންނެވެ." ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް