ސުޝާންތު ޑިޕްރެޝަނަށް ނުދާނެ ކަމަށް ކުރީގެ ލޯބިވެރިޔާ އަންކިތާ ބުނެފި

ސުޝާންތު އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ--

އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް، ޑިޕްރެޝަނަށް ނުދާނެ ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ބުނެފި އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ރިބަޕްލިކް ވޯލްޑަށް އަންކިތާ ދިން ހާއްސަ އިންޓަވިއުއެއްގައި އަންކިތާ ބުނީ ސުޝާންތު ޑިޕްރެޝަނަށް ދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭނާއަކީ ވަރަށް އުފާވެރި އިންސާނެއްކަމަށެވެ. އަންކިތާ ބުނީ ޑިޕްރެޝަން އަދި ބައިޕޯލާ އަކީ މީހަކާ ދިމާއަށް ކިޔަން ވަރަށް ބޮޑެތި ބަސްތަކެއް ކަމަށާއި ސުޝާންތަކީ އަމިއްލައަށް މަރުވާނެފަދަ މީހެއް ނޫންކަމަށެވެ.

އެންމެ ފުރަތަމަ ސުޝާންތު އަމިއްލައަށް މަރުވިކަމުގެ ޚަބަރު އިވުމުން ގަބޫލުކުރަން ދަތިވި ކަމަށާއި އެވާހަކަތައް އަޑުއިވިފައި ޝޮކަކަށް ދިޔަކަމަށް އަންކިތާ ބުންޏެވެ.

"ފުލުހުން އެންމެ 10 ވަރަކަށް މިނެޓްތެރޭ ބުނެފި އޭނާ މަރުވީ ދަންޖެހިގެންނޭ. އަނެއްކާ 10 މިނެޓްފަހުން ބުނެފި އޭނާ ހުރީ ޑިޕްރެޝަނުގައޭ. އަސްލު ބުއްދި ގަބޫލެއް ނުކުރެވޭނެ ދޯ. ތަހުގީގެއްކޮށްގެން ނޫނީ އެގޮތަކަށް ވާހަކައެއް ނުދެއްކޭނެ،"

މަނިކަރްނިކާއިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އަންކިތާ ބުނީ އެދެމީހުން އެކުގައި އުޅުނު ދުވަސްވަރު އެއަށްވުރެ ބޮޑެތި ކަންތައްތައް ދިމާވި ކަމަށެވެ. ސުޝާންތު ފަދަ ދެވަނަ މީހެއް އޭނާގެ ހަޔާތުގައި ވެސް ނުދެކޭ ކަމަށާއި ސުޝާންތަކީ ހާސިލްކުރަން ބޭނުންވާ ހުވަފެންތައް އަމިއްލަ ޑައިރީގައި ލިޔާ މީހެއް ކަމަށެވެ. ދެތަރިން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ސުޝާންތު ފަސް އަހަރު ފަހުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ޑައިރީގައި ލިޔުނުކަމަށާއި މިއަދު އެ ހުރިހާ ކަމެއް ވެސް ސުޝާންތު ހާސިލްކޮށްފައި ހުރިކަން އަންކިތާ ވަނީ ފާހަގަކޮށްފަ އެވެ.

ސުޝާންތު އާއެކު ހަ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން އުޅުނު ބަތަލާ އަންކިތާ ބުނީ ކުޑަ އަވަށަކުން އެތައް ހުވަފެންތަކެއް ދެކެމުން އައި ސުޝާންތު އޭނާގެ އަމިއްލަ ބުރަ މަސައްކަތުން އޭނާ ކުރަން ބޭނުންވާ ކަންތައްތައް ހާސިލްކުރިކަމަށެވެ. އަދި އޭނާގެ ސަބަބުން އަންކިތާއަށް ވެސް ވަރަށް ގިނަ އެއްޗެހި ދަސްވިކަމަށާއި އެކްޓްކުރަންވެސް ދަސްކޮށްދިނީ ޚުދު ސުޝާންތު ކަމަށްވެސް އަންކިތާ ބުންޏެވެ.

"މީހުންނަށް އެނގިގެންތަ އޭނަގެ ވާހަކަ ތި ދައްކަނީ ހަދަހަދައިގެން؟ ޑިޕްރަޝަނޭ ބައިޕޯލާއޭ ކިޔާގެން ވާހަކަ ނުދައްކާ. އެއީ ހަމަ ހިތްހަލާކުވާ ކަހަލަ ވާހަކަތައް. ކުދި ކުދި ކަންތައްތަކުން ސުޝާންތު އުފާ ހޯދީ. އޭނާ ބޭނުންވި ދަނޑުވެރިކަން ކުރަން. އޭނަ ބުނި އަހަރެން ގާތު ބޮލީވުޑުން ކުރިއަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމިއްލައަށް ކުރު ފިލްމު ހަދާނެ ވާހަކަ. ތަކުރާރުކޮށް ބުނާނަން. ސުޝާންތު އަމިއްލައަކަށް މަރެއް ނުވާނެ. އޭނާ ޑިޕްރެޝަކަށްވެސް ނުދާނެ،"

ކުޑަކުދިންނަށް ކިޔަވައިދީގެން އަމިއްލަ ހިތްހަމަޖެހުން ސުޝާންތު ހޯދިކަމަށާއި އެއްވެސް އިރެއްގައި ފައިސާއަކީ އޭނާއަށް މުހިއްމު އެއްޗެއް ނޫންކަމަށް އަންކިތާ ވަނީ ބުނެފަ އެވެ. އަދި ފައިސާއަށްޓަކައި އޭނާ އަމިއްލައަށް މަރުނުވާނެކަމަށް ވެސް އެ އިންޓަވިއުގައި އަންކިތާ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ބަތަލާ ބުނީ އެންމެންވެސް ސުޝާންތު ހަނދާންކުރަން ޖެހޭނީ ހީރޯއެއްގެ ގޮތުގައި ކަމަށާއި އަދި އޭނާ އަކީ އެންމެންނަށް ނަމޫނާއެއް ކަމަށެވެ.

މިއީ ސުޝާންތު މަރުވުމަށް ފަހު އަންކިތާ މީޑިއެއްގައި މިހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަދެއްކި ފުރަތަމަ ފަހަރުވެސްމެ އެވެ.

ސުޝާންތު އާއި އަންކިތާ ދިމާވީ ދެހާސްނުވަ ވަނަ އަހަރު ޒީ ޓީވީ އިން ގެނެސްދިން "ޕަވިތްރަ ރިޝްތާ"ގެ ސެޓުންނެވެ.

comment ކޮމެންޓް