އީދު ނަމާދާއި ހުކުރު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދެއްގެ ޖަމާއަތަށްދާން އިލްތިމާސްކޮށްފި

އޮގަސްޓް 11، 2019: އިސްލާމި މަރުކަޒުގައި ކުރެވުނު 1440ވަނަ އަހަރުގެ އަލްހާ އިދު ނާމާދުގެ ތެރެއިން: ނަމާދަށް ފަހު ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ނަމާދަށް ޖަމާވި ގިނަ އަދަދެއްގެ ރައްޔިތުންނާއި އަދި ބިދޭސީންނާއި ސަލާން ކުރައްވާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ހުކުރު ނަމާދުގެ ޖަމާއަތާއި އަޟްޙާ އީދު ނަމާދުގެ ޖަމާއަތުން ކުރެ ކޮންމެސް އެއް ޖަމާއަތެއްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި އީދު ނަމާދަށް ދިއުމުގައި ސަމާލުވާންޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ބުނީ އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް އައުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނުދިއުމަކީ ވެސް މިނިސްޓްރީން ބާރު އަޅާ ގޮތްކަމަށް ވަނީ ހާމަކޮށްފައެވެ.

އާ އާންމު ހާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކޮށްފައިވާ ފަދައިން، އީދު ނަމާދަށްވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި ފުއްޕާމޭގަ މައްސަލަ ހުންނަ މީހުންނާއި، ދުވަސްވީ މީހުންނާއި، ބަލީގެ އަލާމާތެއް ހުންނަ ފަރާތްތަކުން މިސްކިތަށް ހާޒިރުނުވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ހަމައެއާއެކު ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް ދާ މީހުން އަމިއްލަ މުސައްލައެއް ގެންދިއުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރުމަށް ބާރުއަޅާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި ކޮންމެ މީހަކުވެސް މާސްކް އަޅައިގެން މިސްކިތަށް ދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާގޮތަށް ނިންމާފައިވާއިރު، މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ.

ނަމަވެސް އަންހެނުންނަށް މިސްކިތަށް ގޮސް އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް ޢަޒީޒާ މޫސާގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް