ހުޅުމާލެ ބިދޭސީންގެ މުޒާހަރާ: ހައްޔަރުކުރި 41 މީހުން ގައުމަށް ފޮނުވާލައިފި

ޖުލައި 13، 2020: ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ

ހުޅުމާލޭގައި މި މަހުގެ 13 ވަނަ ދުވަހު ބިދޭސީން ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 41 މީހުން އަބުރާ ގައުމަށް ފޮނުވާލައިފިއެވެ.

އެ ދުވަހު ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީން ކުރި މުޒާހަރާއަކީ އެ ބިދޭސީން ބުނާ ގޮތުގައި ހަތް މަސް ދުވަސް ވަންދެން އެ ކުންފުނިން އެމީހުންނަށް މުސާރަ ނުދޭތީވެ ކުރި މުޒާހަރާއެކެވެ.

އައިލެންޑް އެކްސްޕާޓު ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "ސަން" އަށް ވިދާޅުވީ މިހާރު އެ 41 މީހުން އަބުރާ ގައުމަށް ފޮނުވާލާފައިވާކަމަށެވެ.

"41 މީހުން ހައްޔަރުކުރި. އެއީ 13 ވަނަ ދުވަހުގެ ކަންތަކުގައި. އެމީހުން މިހާރު އަބުރާ ގައުމަށް ފުރުވާލައިފިން. ނުދެވި ހުރި ހުރިހާ މުސާރައެއް ދިނުމަށްފަހު. މިކަމުގައި ފުލުހުންގެ އެހީތެރިކަން ލިބުނު،" އަނޮން ވިދާޅުވިއެވެ.

ހުޅުމާލޭގައި ބިދޭސީން ފުލުހުންނާ ކުރިމަތިލާ ވީޑިއޯގެ ސްކްރީން ޝޮޓެއް

އިތުރަށް ވާހަކަދައްކަވަމުން އަނޮން ވިދާޅުވީ ފުރުވާލި 41 މީހުންގެ ތެރެއިން 38 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންކަމަށާއި ބާކީ ތިބި ތިން މީހުންނަކީ އިންޑިޔާ މީހުންކަމަށެވެ.

އައިލެންޑް އެކްސްޕާޓުގެ ބިދޭސީން އެންމެ ފުރަތަމަ މުޒާހަރާކުރީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ މުޒާހަރާ ނިންމާލީ އެމީހުންގެ މުސާރައިގެ ކަންކަން ހައްލުކުރުމަށް ކުންފުންޏަށް ދިހަ ދުވަހުގެ މުހުލަތެއް ދީފައެވެ.

އެ މުހުލަތު ފަހަނައަޅައި ދިޔަ އިރުވެސް މުސާރައިގެ ކަންކަން މުޅިން ހައްލުކޮށްފައިނުވާތީ މި މަހުގެ 13 ވަނަ ދުވަހު ބިދޭސީން އަނެއްކާވެސް ނިކުތީ މުޒާހަރާއަށެވެ.

މި މަހުގެ 13 ވަނަ ދުވަހު ކުރި މުޒާހަރާގައި ބިދޭސީންގެ 100-150 އެއްހާ މީހުން ވަނީ ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. ހަމަނުޖެހުންތަކުގައި ފުލުހުންގެ ވެހިކަލްއަކަށް އަދި އެ ސަރަހައްދުގައި ހުރި އާންމުންގެ ސައިކަލްތަކާއި ކާރުތަކަށްވެސް ވަނީ ގެއްލުންދީފައެވެ.

comment ކޮމެންޓް