ނާސާއިން މާސްއަށް ފޮނުވާ އުޅަނދެއް ލޯންޗުކޮށްފި

އެމެރިކާއިން ވަނީ މާސްއަށް ފޮނުވާ އުޅަނދެއް މިއަދު އެގައުމުގެ ކެނެޑީ ސްޕޭސް ސެންޓަރުން ލޯންޗުކޮށްފަ -- ފޮޓޯ: ނާސާ

ވޮޝިންޓަން (ޖުލައި 30): އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އިންސާނަކާ ނުލައި މާސްއަށް ފޮނުވާ އުޅަނދު މިއަދު އެގައުމުގެ ކެނެޑީ ސްޕޭސް ސެންޓަރުން ލޯންޗުކޮށްފި އެވެ.

ނާސާއިން މާސްއަށް ފޮނުވާ ޕާސަވިއަރެންސް ރޯވާ ލޯންޗު ކޮށްފައި ވަނީ މި މަސް ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ޗައިނާއިންވެސް މާސްއަށް އަމާޒުކޮށް އުޅަނދުތަކެއް ލޯންޗު ކުރި ފަހުންނެވެ. އެ ތިން އުޅަނދަށްވެސް މާސްއަށް ވާސިލުވެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގަ އެވެ.

ނާސާއިން ގާތްގަނޑަކަށް ކާރެއްގެ ސައިޒަށް ހަދާފައިވާ ޕާސަވިއަރެންސް ރޯވާ އަކީ މާސްގައި މީގެ ކުރިން އެއްވެސް ދިރުމެއް އުޅުނު ކަމުގެ ހެކި ހޯދަން މަސައްކަތް ކުރާނެ އުޅަނދެކެވެ. އެގޮތުން މާސްގައި މީގެ ތިން ބިލިއަން އަހަރު ކުރިން ފެންގަނޑެއް އޮތް ސަރަހައްދަކުން ސާމްޕަލްތައް ނަގާ، މުސްތަގުބަލުގައި ދުނިޔެއަށް ފޮނުވުމަށް ރައްކާ ކުރާނެ އެވެ. އަދި އެ އުޅަނދާއެކު މާސްގައި ފުރަތަމަ ފަހަރަށް އުދުހޭނެ ކުޑަ ހެލިކަޕްޓަރެއްވެސް ފޮނުވާފައިވެ އެވެ.

ނާސާއިން ދަނީ މާސްއިން ސާމްޕަލްތަކެއް ދުނިޔެއަށް ގެންނަން 2026ގައި މިޝަންއެއް ލޯންޗު ކުރަން ތައްޔާރު ވަމުންނެވެ.

އެމެރިކާ އާއި ޗައިނާ އާއި ޔޫއޭއީން މި މަސް ތެރޭ މާސްއަށް އުޅަނދުތައް ލޯންޗު ކުރީ މިއީ ދުނިޔެއާ މާސްއާ އެންމެ ކައިރިވާ ދުވަސްވަރަށް ވާތީ އެވެ. މި ހާލަތު ދިމާވަނީ ކޮންމެ 26 މަހަކުން އެއް ފަހަރެވެ.

ޔޫއޭއީން މާސްއަށް ފޮނުވަނީ އެ ގުރަހައިގެ ވަށައިގެން ދައުރު ކުރަމުން، މާސްގެ މޫސުމާ ބެހޭ މައުލޫމާތު އެއް ކުރާނެ އޯބިޓާ އެކެވެ. އަދި ޗައިނާއިން ލޯންޗުކުރި ޓިއަންވެން-1ގެ ނަން ދީފައިވާ މިޝަންގައި އޯބިޓާއަކާއި ރޯވާއެއްވެސް ހިމެނެ އެވެ. އެ މިޝަންގެ މަގުސަދަކީ މާސްގެ ޖައްވު ދިރާސާ ކުރުމާއި ބިމުއަޑީގައި ފެން ހުރިތޯ ބެލުމެވެ. އަދި މިހާރު ނުވަތަ މީގެ ކުރިންވެސް މާސްގައި އެއްވެސް ދިރުމެއްވާ ކަމުގެ ހެކި ހޯދުމެވެ.

މާސްއަށް ކާމިޔާބު ކަމާއެކު ރޯވާއެއް ތިރިކޮށް، އޮޕަރޭޓު ކުރި ހަމައެކަނި އިދާރާއަކީ މިހާތަނަށް ނާސާ އެވެ.

comment ކޮމެންޓް