ހޮންކޮންގްގެ 12 އިދިކޮޅު ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ކުރުން މަނާކޮށްފި

ހޮންކޮންގްގެ ގަނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރުން ހުއްޓުވާފައިވާ ކެންޑިޑޭޓުންގެ ތެރެގައި މަޝްހޫރު އެކްޓިވިސްޓު ޖޯޝުއާ ވޮންގް ހިމެނޭ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (ޖުލައި 30): ހޮންކޮންގްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި 12 އިދިކޮޅު ކެންޑިޑޭޓަކު ވާދަ ކުރުން މަނާކޮށްފި އެވެ.

ހޮންކޮންގްގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ 12 ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރުން މަނާކޮށްފައި ވަނީ އެސަރަހައްދުގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން އެމީހުންނަށް ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލަށް ވާދަ ނުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި ހޮންކޮންގްގެ މިނިވަންކަމަށް ގޮވާލުމާއި، ހޮންކޮންގްގެ ކަންތައްތަކަށް ބޭރުގެ ފަރާތްތަކުން ވަނުމަށް އެދުމާއި އެ ސަރަހައްދުގެ އަމަނާ ބެހޭ ގާނޫނާ ދެކޮޅު ހެދުން ހިމެނެ އެވެ.

މީގެ އިތުރުން އެ ފިޔަވަޅުތައް އަޅާފައި ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަނގަ ބަންދުކޮށް، ހިޔާލު ފާޅު ކުރުމާއި އިންތިހާބުގައި ވާދަ ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ އިންތިހާބުގައި ވާދަ ކުރުން ހުއްޓުވާފައިވާ މީހުންގެ ތެރޭގައި، ހޮންކޮންގްގައި ޑިމޮކްރަސީއަށް ތާއިދުކޮށް މުޒާހަރާތަކުގައި ބައިވެރިވެފައިވާ މަޝްހޫރު އެކްޓިވިސްޓް ޖޯޝުއާ ވޮންގް ހިމެނެ އެވެ. ވޮންގް ބުނި ގޮތުގައި އޭނާ އިންތިހާބުގައި ވާދަ ކުރުން މަނާ ކޮށްފައި ވަނީ އަމަނާ ބެހޭ ގާނޫނާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުންނެވެ.

ވޮންގް ބުނި ގޮތުގައި އެ ނިންމުމުން އެނގިގެންދަނީ ހޮންކޮންގްގެ ރައްޔިތުންގެ ބޭނުންތަކަށް ޗައިނާއިން އަޅާ ނުލާ ކަމާއި އެ ސިޓީގެ ގާނޫނު ހަދާ މަޖިލިސް އެގައުމުގެ ބާރުގެ ދަށުގައި ބާއްވަން މަސައްކަތް ކުރާ ކަމެވެ.

ވޮންގްގެ އިތުރުން އިންތިހާބުގައި ވާދަ ކުރުން ހުއްޓުވާފައިވާ މީހުންގެ ތެރޭގައި މިހާރުވެސް ލެޖިސްލޭޓިވް ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަތަރު ކެންޑިޑޭޓަކު ހިމެނެ އެވެ.

ޗައިނާއިން މިދިޔަ މަހުގެ 30ގައި ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނަށް ގިނަ އަދަދެއްގެ މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އާ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިނގިރޭސިވިލާތުން ހޮންކޮންގް ޗައިނާއާ ހަވާލު ކުރީ 2047އާ ޖެހެންދެން އެ ސަރަހައްދުގައި 'އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލު ގެންގުޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރުވުމަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެހެން ސަރަހަައްދުތަކަށް ނުލިބޭ މިނިވަންކަމެއް ހޮންކޮންގަށް ލިބެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި އަމިއްލަ ޖުޑިޝަރީއެއް އޮތުން ހިމެނެ އެވެ.

ނަމަވެސް ޗައިނާއިން އަމަނާ ބެހޭ އާ ގާނޫނު ފާސްކޮށްފައި ވަނީ އެ އެއްބަސްވުމާ ހިލާފަށް ކަމަށް އިނގިރޭސިވިލާތާއި އެމެރިކާއިން ބުނެ އެވެ.

comment ކޮމެންޓް