ފިޔަވަޅުތައް ރަނގަޅު، އާންމުން އަމަލުކުރާ މިންވަރާމެދު ސުވާލު އުފެދޭ: އަމީން

ޖެނުއަރީ 30، 2020: ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރުން ނިންމަން ޖެހޭ ކަންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -*- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުންް އަޅާފައިވާ އަދި އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅުކަމަށް ގަބޫލުކުރެއްވި ނަމަވެސް އެ ފިޔަވަޅުތަކަށް އާންމުން އަމަލުކުރާ މިންވަރާމެދު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސުވާލުއުފައްދަވައިފިއެވެ.

ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ގުޅެނީ ސިއްހީގޮތުން ދިމާވާ މައްސަލަތަކަށް އެކަނި ނޫން ކަމަށާއި، މުޅި ދުނިޔެ މިކަމުގެ ތެރޭގައި އުޅުމުގެ ސަބަބުން އިގްތިސޯދީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި އަދި ދިރިއުޅުމުގެ ހުރިހާ ކަމަކަށް މިކަމުގެ އަސަރުކުރާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ކޮވިޑާ ގުޅިގެން ނިންމާ ކޮންމެ ނިންމުމަކީވެސް އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ނިންމާ ނިންމުންތަކެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި ސަރުކާރުން މިހާތަނަށް ކޮވިޑުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކަކީ ރަނގަޅު، ހަރުދަނާ، މުހިންމު ނިންމުންތަކެއް،" އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގައި އެންމެ ފުރަތަމަ އަންދާޒާ ކުރި މިންވަރަށް ރާއްޖޭގައި ކަންކަން ގޯސްވެގެން ނުދިޔައީ ވެސް ފިޔަވަޅުތައް ރަނގަޅުވުމުން ކަމަށެވެ.

މިހާރުވެސް އަޅަމުން އަންނަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި އެހެން ނަމަވެސް، އެ ފިޔަވަޅުތަކާ މެދު ކަންބޮޑުވުންތަކެއް އުޅޭކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ލޮކްޑައުންގައި ތިބީމަވެސް ކަންބޮޑުވުންތަކެއް ހުރޭ، ލޮކްޑައުން ދޫކޮށްލީމަވެސް ކަންބޮޑުވުންތަކެއް ހުރޭ. ލުއިތައް ދިނުމުން ވެސް ކަންބޮޑުވުންތަކެއް ހުރޭ، ލުއިތައް އަނބުރާ ގެންދިޔައީމަވެސް ކަންބޮޑުންތައް ހުރޭ. މި ހުރިހާ ކަންބޮޑުވުންތަކެއް މި އުޅެނީ އަޅުގަނޑުމެން ފަރުދީ ގޮތުން މިކަމުގައި އަޅުގަނޑުމެންގެ ދައުރު އަދާކުރެވޭ މިންވަރެއްގެ މައްޗަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ލިބިފައިނުވާ މީހަކު މިހާރު ރާއްޖޭގައި އުޅެގެން ނުވާނެ ކަމަށެވެ. ބަލި ފެތުރޭ ގޮތާއި، ބަލިން ރައްކާތެރިވުމަށް އަމަލުކުރަންޖެހޭ ގޮތާއި، ބަލި ޖެހިއްޖެނަމަ، ފަރުވާ ދިނުމުގައި ކަނޑައަޅާފައިވާ އިންތިޒާމްތައް ވެސް އެންމެނަށް އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ މީގަ ސުވާލު އުފެދެނީ، ލުއިތައް ދިނުމަށް ލުއިތައް ނުދިނުމުގެ މައްޗަށް ވުރެ ބޮޑަށް، މިހާރު ސުވާލު މި އުފެދެނީ އަޅުގަނޑުމެން ހުރި އުސޫލުތަކުގެ މައްޗަށް އުޅެވެނީ ކިހާ ވަރަކަށްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުޖުތަމައު ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ އެކަކު އަނެއްކަކާ ބައްދަލުވާއިރު މާސްކް އަޅައި، ދުރުމިން ބެހެއްޓުން ކަމަށެވެ.

އެހެން ނަމަވެސް މަގުމަތިންނާއި، ކެފޭތަކުން މާސްކް ނާޅާ، އެކަށީގެންވާ ދުރުމިން ނުބަހައްޓާ މީހުން ބޮނޑިވެގެން ތިބޭ މަންޒަރު ވަރަށް ގިނައިން ފެންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިންގަނޑުތައް ނުހިފެހެއްޓޭކަމަށް ވާނަމަ، މުޖުތަމައުގެ ތެރޭގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމަށެވެ. އަދި ބަލީގެ ހާލަތު ގޯސްވެއްޖެ ނަމަ އުނދަގޫ ނިންމުންތައް ނިންމަން ޖެހޭނެ ކަމަށާއި، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މަޖުބޫރު ހާލަތަށް ގޮސްގެން ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުގެ އިލްތިމާސްއެއް ހުރިހާ ރައްޔިތުން ވެސް، ހާއްސަކޮށް، މާލެ ސަރަހައްދުގައި މާލޭގައި ފެތުރެމުން ދާއިރު، މާލޭ ސަރަހައްދުގައި އެންމެން ވެސް މާސްކް އެޅުން މުހިންމު ކަމަށް. އަދި އަޅުގަޑުމެން ސަމާސާއެއް ކަމަށް ނޫނީ، މި ބައްޔަކީ މައްސަލައެއް ނޫން ކަމަށް ދެކި މީހަކާ ނުވަތ ބަޔަކާ ބައްދަލުކުރަން ދާއިރު މާސްކް އެޅުމެއް ނެތި އާންމު ހާލަތުގައި އުޅޭކަމަށް ވާނަމަ، އޭގެ ނުރައްކާތެރިކަން ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާސްކް އެޅުމުގެ މުހިންމުކަން ގަބޫލުކުރެވެންވީ އެއް ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަން އިތުރުވުމުން ނޫން ކަމަށާއި، ދެ ދުވަހަކު އެ ވާހަކަ ދައްކާލާފައި އަނެއްކާވެސް މާސްކް މަތިން ހަނދާން ނެތޭ ކަމަށް ވާނަމަ ބަލިން ސަލާމަތް ނުވެވޭނެ ކަމަށެވެ.

އަދި އުސޫލުތަކަށް ތަބާނުވާނަމަ، ބަލިން ސަލާމަތް ވާން ހުރި ފުރުސަތުތައް ހަނިވެގެން ދާނެ ކަމަށް ވިދާޅުވެ، މިއީ ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ބައްޔެއްކަން އެންމެން ވެސް ހަނދާން ބެހެއްޓުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

"ސަރުކާރުން ނިންމި ނިންމުންތަކާ ތަފާތު ހިޔާލު ގެންގުޅޭ ފަރާތް ވެސް، ލޮކްޑައުން އަށް ގޮސްދާނެތީ ބިރުން، ލޮކްޑައުން އަށް ނުދާން ގޮވާލާ މީހާވެސް، ގެއަށް ގޮސް ތިމަންނަ މިއަދު މި ބަލިން ރައްކާތެރިވުމަށް އަމަލުކުރި ގޮތަކީ ކޮބާތީ ބަލާފައި، އެ އަމަލު އިސްލާހު ކޮށްފިނަމަ ބަލިން ރައްކާތެރިވާން އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވެގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް