ޒަވީ ކޮވިޑުން ރަނގަޅުވުމުން އެނބުރި ކޯޗުކަމަށް

ގަތަރުގެ އަލް ސާދުއަށް ކޯޗުކަން ކޮށްދެމުން އަންނަ ޒަވީ ހަނަންޑޭޒް --- ފޮޓޯ//ގޯލްޑޮޓްކޮމް

ބާސެލޯނާއަށާއި، ސްޕެއިނަށް ކުރިން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޒަވީ ހަނަންޑޭޒް ކޮވިޑުން ރަނގަޅުވެ އަލުން އަނބުރާ އޭނާ އިރުޝާދު ދެމުން އަންނަ ގަތަރުގެ ގެ އަލް ސާދުއާ ގުޅިއްޖެ އެވެ.

ގަތަރު ސްޓާސް ލީގު ޕްރޮޓޮކޯލްގެ ތެރެއިން ހުރިހާ ކުޅުންތެރިންނާއި ކޯޗުން ކޮވިޑް-19 އަށް ޓެސްޓްކުރިއިރު، ޒަވީ ވެސް ވަނީ ޓެސްޓްކޮށްފަ އެވެ. ޒަވީ ވައިރަހަށް ޕޮޒިޓިވް ވިކަން މިދިޔަ ބުރާސްފަތި ދުވަހު އެނގުމާ އެކު އޭނާ ވަނީ ވަގުތުން އައިސޮލޭޝަނަށް ގެންގޮސްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޒަވީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ޝިކާރައަކަށް ވުމާ ގުޅިގެން އެންމެ ފަހުން ހަތަރު ސްޓާސް ލީގުގައި އަލް ހޯރް އަތުން އަލް ސައްދު މޮޅުވި މެޗުގައި ކޯޗުކަން ކޮށްދީފައެއް ނުވެ އެވެ.

އެކަމަކު މިހާރު އޭނާ އެބަލިން އެއްކޮށް ރަނގަޅުވެ އަލުން އަނބުރާ އާއިލާއާއި، ޓީމާ އެކު ހުރިކަން އޭނާ ވަނީ އިއްޔެ ހާމަ ކޮށްފަ އެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެންނަށް ތި އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، އޯގާތެރި މެސެޖުތަކަށް ޝުކުރު އަދާ ކުރަން. މިހާރު ބަލިން ރަނގަޅުވުމާ އެކު މިހުރީ އާއިލާއާއި، އަލް ސައްދު ޓީމާ އެކު." ޒަވީ އިއްޔެ ކުރި އިންސްޓަގުރާމް ޕޯސްޓެއްގައި އޭނާ ބުންޏެވެ.

އުމުރުން 40 އަހަރުގެ ޒަވީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ ދޫކޮށް އަލް ސައްދުއަށް ކުޅުންތެރިއެއްގެ ގޮތުގައި ގުޅުނީ 2014-2015 ވަނަ ސީޒަނަށް ފަހު އެވެ. އެކުލަބަށް ތިން އަހަރެއްހާ ދުވަހު ކުޅުމަށް ފަހު އޭނާ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ.

ޒަވީ ވަނީ މިފަހުން ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން އާކޮށްފަ އެވެ. އެ ކުލަބުގެ ޒަވީ އާކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ވަނީ ޒަވީއަށް ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށް ފަހު އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވެވޭނެކަން ހިމަނައިފަ އެވެ.

comment ކޮމެންޓް