ކޮވިޑް ޖެހެނީ ވަކި ޕާޓީއެއްގެ މީހަކަށް ނޫން، މުޒާހަރާ ނޫން ގޮތްގޮތަށް ހިޔާލު ފާޅުކުރެވޭނެ: އަމީން

ޖުލައި 28، 2020: އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހެނީ ވަކި ސިޔާސީ ޕާޓީއެއްގެ މީހަކަށް ނޫން ކަމަށާއި މި ދުވަސްވަރު މުޒާހަރާ ކުރުމަކީ އެހާ ޒިންމާދާރު ކަމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި ދުވަސްވަރު ހާލަތު ހުރި ގޮތުން މުޒާހަރާ ކުރުމަކީ އެހާ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި މުޒާހަރާ ކޮށްގެން ނޫން ގޮތްގޮތަށް ވެސް ހިޔާލު ފާޅުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮވިޑް19 މާލޭގައި މިއޮތް ހާލަތަކީ މުޒާހަރާތަކުގެ ގޮތުގައި އެގޮތަށް މުޒާހަރާ ކުރަން އޮތް ހާލަތެއް ނޫން. އަދި މި ހާލަތަކީ މަގުމަތީގައި އެތައް ސަތޭކަ ބަޔަކު އެއްވެ، އެއްވުމުގެ އަދަދު ދެއްކުމަށް މަސައްކަތް ކުރަން ޖެހޭ ހާލަތެއް ވެސް ނޫން. ސަރުކާރުން ކުރާ ކަންތައްތަކާ ހިޔާލު ތަފާތުވާނަމަ އަޑު އުފުލޭނެ ގޮތްތަކެއް އެބަހުރި. އޮންލައިންކޮށް އެކަން ކުރެވޭނެ ގޮތްތަކެއް ވެސް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުޒާހަރާއެއް ނުވަތަ ގިނަ މީހުން އެއްވާ އެއްވުމަކަށް ދާ މީހުން ބަލި ހިފައިގެން ދެން ދާނީ ގެއަށް ކަމަށެވެ. އޭގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކު ގުރޫޕުގެ މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"ކޮވިޑަކީ ސިޔާސީ ކަމެއް ނޫން ހަމަގައިމު ވެސް. ކޮވިޑު ދަތުރުކުރަނީ ކޮންމެހެން ސަރުކާރަށް ތާއީދުކުރާ މީހުންނާ ދިމާލަށް ނުގޮސް، ސަރުކާރަށް ތާއީދު ނުކުރާ މީހުންނާ ދިމާލަށް ގޮސް އެހެންވާ ކަމެއް ނޫން ކޮވިޑަކީ. ކޮވިޑަކީ ސިޔާސީ ކަމެއް ނޫންވީމަ ކޮވިޑާ ދޭތެރޭ ކުރާ ކަންކަން ޓެކްނިކަލްކޮށް ދެކެންވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާލު ފާޅުކުރެވެންވާނެ ކަމަށާއި ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެންވާނެ ކަމަށެވެ. އެހެން ނަމަވެސް ބައްޔަށް މަގުފަހިވާ ގޮތަށް ކަންކަން ނުކުރުމަށް މިނިސްޓަރު އިލްިތިމާސް ކުރެއްވި އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ހިޔާލުފާޅުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ދުވަސްވަރު މުޒާހަރާ ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މިނިސްޓަރު އަމީން ސިފަކުރެއްވިއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ވާހަކަ އަކީ ރަނގަޅު ވާހަކެއް ނޫން ކަމަށާއި ސަރުކާރުން އުޅެނީ ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ބިރުދައްކަން ކަމަށެވެ. އެހެންކަމުން މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި މުޒާހަރާ ކުރިއަށްދާނީ މާސްކު އަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް